ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އދ ގައި ރާއްޖޭގެ ދިދަ ވިހުރުމުން، ދެން ހަމަ މިނިވަންކަން އެ ލިބުނީހެއްޔެވެ؟

ދިވެހި ދިދަ.
ޝެއާރކޮށްލާ ކަހަލަދޯ؟

އަޅުގަނޑުމެން ފާހަގަކުރަމުން މި ދަނީ ދިވެހިން ފަހުރުވެރިކަމާއިއެކު އެ ބުނާ ރައްޖޭގެ މިނިވަން ދުވަހެވެ. އާދެ، އދގައި ރާއްޖޭގެ ދިދަ ވިހުރުވާލިތާ 56 އަހަރު ފުރުނު ދުވަހެވެ.

ނަމަވެސް އުފެދޭ ސުވާލަކީ ހަމައެކަނި އދ ގައި ރާއްޖޭގެ ދިދަ ވިހުރި، އދ އިން ދިވެހި ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ކަނޑައެޅުމުން ދެން ހަމަ މިނިވަންކަން ލިބުނީތޯއެވެ.

”މިނިވަންކަން“ މިއީ ވަރަށް ފުޅާދާއިރާއެއްގެ މާނައެއްނެރެވޭ ބަހެއްކަން އެކިއެކި ލިޔުންތަކުން ފާހަގަވެއެވެ.

އަވަށްޓެރި އިންޑިޔާގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރެއްވި ލީޑަރު މަހާތުމާ ގާންދީ ދެކެވަޑައިގެންނެވި ގޮތުގައި ޙަޤީޤީ މިނިވަންކަމަކީ ހަމައެކަނި ބޭރުގެ ނުފޫޒުން އެއްކިބާވުމަށް ހޯދާ ސިޔާސީ މިނިވަންކަމެއް ނޫނެވެ. މިނިވަންކަން ފުރިހަމަވެގެންދާނީ އަމިއްލަވަންތަކަމާއި އިސްތިޤުލާލުވެސް ހޯދިގެންނެވެ. ނަމަވެސް ދިވެހިރާއްޖޭގެ މިނިވަންކަމޭ ބުނުމުން ބަލަންޖެހެނީ އެއީ ޤައުމެއްގެ މުސްތަޤިއްލުކަން ނުވަތަ އަމިއްލަވަންތަކަން ނުވަތަ އެހެންބަޔެއްގެ ނުފޫޒުން އެއްކިބާވެ އޮތުންކަމުގައި ބަލަމެވެ. ދިވެހި ބަހުގެ އެކަޑަމީ ތައްޔާރުކޮށްފައިވާ ރަދީފުން ބުނާ ގޮތުން ނަމަ މިނިވަންކަމަކީ އަޅުވެތިކަމެއް ނެތުމެވެ.

އެންމެ ރަނގަޅެވެ. މިއަދަކު ދިވެހިރާއްޖެއަށް އެހެން ގައުމެއްގެ ބަޔަކު އަރާ ކަނޑި ބަޑިން ހަމަލާއެއް ނުދެއެވެ. 57 އަހަރުގެ ކުރިން ރާއްޖެ އޮތް ހާލަތު މިއީ ދިވެހިންގެ ތެރޭގައި އާންމު ވާހަކަތަކެއްކަމުން އެވާހަކަތައް އަޅުގަނޑުގެ މި ހިޔާލުގައި ހިމަނާކަން ތަސްތެއްނުކުރަމެވެ. ނަމަވެސް ރާއްޖެ މިއަދު އޮތީ އެ ހާލަތުގައި ނޫންކަން ގަބޫލުކުރަމެވެ.

ގައުމު މިނިވަނެވެ. ސަރުކާރުވެސް މިނިވަނެވެ. ގައުމު ހިންގުމުގައި ތިއްބެވި ފަރާތްތަށްވެސް މިނިވަނެވެ. ތަންފީޒީ އިދާރާތްތައްވެސް މިނިވަނެވެ. ގައުމު ހިންމުގައި ބަސް ބުނާ ފަރާތްތަށްވެސް މިނިވަނެވެ.

ނަމަވެސް މިއަދު ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކުލަގަދަކޮށް ނޫން ނަމަވެސް ފާހަގަކުރެވިގެންދާއިރު، އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ އިސްވެ ފާހަގަކުރެވުނު ފަރާތްތަކުގެ ކިބައިން ދިވެހި ރައްޔިތުން ތިބީ މިނިވަންވެ ހެއްޔެވެ؟

މީގެ 57 އަހަރު ކުރިން ދިވެހިންނަށް މިނިވަންކަން ލިބުނުއިރު ރާއްޖެ އޮތް ހާލަތާއި މިއަދު މި އޮތް ހާލަތަށް ނަޒަރު ހިންގާލަމާއެވެ. މަލަބާރުގެ ކަންނަންނޫރު ޢަލީ ރާޖާއަށް ޖިޒީ ދެއްކެވި ހާލުގައި ރާއްޖެ މިއަދު ނެތްކަމުގައި ވީ ނަމަވެސް ދިވެހި ރާއްޖޭގައި، ދިވެހި ރައްޔިތުންނަށް ލިބިދެނީ ކިހާ މިނިވަންކަމެއްތޯ އަޅުގަނޑުގެ ނަޒަރުން ބަލާލަމާ ހިނގާށެވެ.

ގާނޫނުން ދިވެހި ރައްޔިތުންނަށް ލިބިދޭންޖެހޭ މިނިވަންކަމަށް މިއަދުގެ ސަރުކާރުން އަރައިގަނެފި ހެއްޔެވެ. ނިގުޅައި ނުގަނެވިއްޖެ ނަމަ ގާނޫނަށް ބަދަލު ގެނައިސްގެންވެސް އެދުން ހާސިލް ކުރެއެވެ.

ބަސްބުނުމުގެ މިނިވަންކަން ކޮބާ ހެއްޔެވެ؟ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮބާ ހެއްޔެވެ؟ އިޖްތިމާއީ މިނިވަންކަން ކޮބާ ހެއްޔެވެ؟ ސިޔާސީ މިނިވަންކަން ކޮބާ ހެއްޔެވެ؟ ފަނޑިޔާރުގޭގެ މިނިވަންކަން ކޮބާ ހެއްޔެވެ؟ މީޑިއާގެ މިނިވަންކަން ކޮބާ ހެއްޔެވެ؟

ހައްތަހާވެސް މިނިވަންކަމާއިމެދު ސުވާލު އުފެދޭ ކަންތައްތަކެވެ.

ސަރުކާރާއި ދެކޮޅަށް، ނުވަތަ ކަމާއި ބެހޭ ފަރާތްތަކާއި ދެކޮޅަށް އަޑު އުފުައިފިނަމަ، ދިވެހި ރައްޔިތުންނަށް، ދިވެހި ރާއްޖޭގެ ގާނޫނުން ލިބުން ލާޒިމްކުރާ އެތައް ހައްގެއް ނިގުޅައިގަންނަތައް މިއަދު އެބަ ފެނެއެވެ. މައިނޯރިޓީއަށް ޖާގަ ދެވޭ މަންޒަރެއް ނުފެނެއެވެ. މިއީ ހަގީގީ މިނިވަން ގައުމަކުން ފެންނާނެ ސިފަތަކެއް ނޫނެވެ.

މުޖުތަމައުއަށް ބަލާލި ނަމަވެސް އެތައް ނޭދެވޭ އަމަލުތަކެއް އާންމުވެގެން ދަނީއެވެ. ކުޑަ ޅަ ދަރީންނަށްވެސް މިނިވަންކަމެއް ނެތެވެ. ބޭރަށް ފިޔަވަޅެއް އަޅައިފިނަމަ ޖިންސީ ގޯނާގެ ޝިކާރައަކަށް ނުވެ ގެއަށް ވަދެވިދާނެތޯ، މިހާ މިންވަރުގެ ކަންބޮޑުވުން ހަގީގީ މިނިވަން ގައުމެއްގެ ރައްޔިތުންގެ މެދުގައި އޮވެދާނެ ހެއްޔެވެ.

ހަމަހަމަކަމާއި އިންސާފެއް ނެތެވެ. “މިނިވަން މުއައްސަސާ” ގެ ނަމުން ނަން މަޝްހޫރު މުއައްސަސާތައް މިއަދު އޮތީ ނުފޫޒުން ކަސްދޮޅު އެޅުވިފައެވެ. އަދުލު އިންސާފުގެ ނިޒާމް މިއަދުވީ ތަން ވެސް، ކަމާއި ހަވާލުވެ ތިބި ފަރާތްތަކަށް އެގޭ ހެނެއް ހިޔެއްނުވެއެވެ. އަގަމަތީ ޓޭޕް އަޅާ، އަތުގައި ކަސްދޮޅު އަޅުވާ، ގަލަމުގައި ވާޖަހާ، ފައިގައި ކަސްދޮޅު އަޅުވާފިއެވެ. ގެއްލިގެން މިދާ މިނިވަންކަމުގެ ދިފާއުގައި ވާހަކަދައްކަވާ ފަރާތްތައް ހައްޔަރުކުރެވިގެންދިޔުން މީ ހަމަ ހަގީގީ މިނިވަންކަން އޮތް ގައުމަކުން ފެނިގެންދާނެ ސިފަތައް ހެއްޔެވެ؟

ރައްޔިތުންގެ ބަސް ނުވިކޭ، ނީވޭ ގައުމެއްގެ އޮންނާނީ ކޮން މިނިވަންކަމެއްހެއްޔެވެ؟ ޑިމޮކްރަސީ ކޮބާ ހެއްޔެވެ؟

ސަރުކާރުގެ ބޮޑީ އަމިއްލަވަންތަކަންކަމެއް ބޮޑީ އަމިއްލައެދުންތޯވެސް ސުވާލުއުފެދެއެވެ. ވެރިކަން ކުރަނީ އަމިއްލަ މަސްލަހަތަށެވެ. ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްގުތަކާއި މިނިވަންކަން އޮތީ ފަސްއެޅި ފޮރުވިފައެވެ. ވެރިކަން ކޮއްދޭންވީ ކޮން ބަޔަކައްކަން ސަރުކާރުގައި ތިބި އިސްބޭފުޅުންނަށް އޮޅިއްޖެއޭ ހީވާ ފަހަރުތައްވެސް މަދެއްނޫނެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި، ރާއްޖޭގެ ރައްޔިތުންގެ ޝަކުވާތަކަށްވުރެ ސަރުކާރަށް މުހިންމީ މަސްލަތު ހުރި އަވަށްޓެރި ގައުމުތަކުގެ ބޮޑު ވަޒީރުންގެ ދިފާއުގައި ނިކުންނެވުމެވެ. މިއީ އަމިއްލަވަންތަކަން ހެއްޔެވެ؟ ނޫނީ އަމިއްލަ އެދުން ބޮޑުވުން ހެއްޔެވެ؟

ފެންނަމުންދާ މަންޒަރުން ދޭހަ ވަނީ ސިޔާސީ މަންފާއަށްޓަކައި ގައުމުގެ މިނިވަންކަން ވިއްކާލަންވެސް ތައްޔާރަށް ތިބިކަމެވެ.

1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާއިދެމެދު ކުރެވުނު އާ މުއާހަދާގެ ދަށުން ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއް ކަމުގައި އިނގިރޭސި ސަރުކާރުން ބަލައިގަތެވެ. އެއާއި އެކު ސިޔާސީ ގޮތުންނާއި، އެހެނިހެން ވެސް ގޮތްގޮތުން ބައިނަލް އަގްވާމީ، ސީދާ ގުޅުން ހިންގުމުގެ ހައްގު އަލުން އަނބުރާ ރާއްޖެއަށް ލިބުނެވެ. ނަމަވެސް އެ ހައްގު މިނިވަންކަމާއިއެކު ބޭނުންކުރުމުގެ ފުރުސަތު މިއަދު އޮތީ ކިހާ މިންވަރަކައް ހެއްޔެވެ؟

އެ މުއާހަދާގައި 1965 ވަނަ އަހަރު ސޮއިކޮށް އިގިރޭސި ސަރުކާރުން ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ކަނޑައަޅާ، އދ ގަައި އެހެން މިނިވަން ގައުމުތަކުގެ ދިދަ އާއި އެއް ސަފެއްގައި ދިވެހި ދިދަ އިންކަމުގައިވީނަމަވެސް ލިބިދޭންޖެހޭ މިނިވަންކަން ދިވެހީންނަން ނުލިބޭކަން ސާފެވެ.

މިއަދު މިނިވަން ދުވަހާއި ގުޅޭ ގޮތުން ޝުއޫރު ފާޅުކުރާ ގިނަ ފަރާތްތަކުން ބުނަމުން އަންނަނީ ދިވެހިރާއްޖެއަށް މިނިވަންކަން އަބުރާ ހޯދުމަށް ނިކުންނަޖެހިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ތިޔަކަމުގެ މުގުލުގައި ތިބީ ސިޔާސީ ރަނޑީން، ފަގީރު ސިޔާސީ ލީޑަރުން މުންސަންދިވެ، ބަޗަނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: