ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބަދުވެސް ރައީސް ޔާމީންއަށް ވަފާތެރިވާނަން، ދައްކާ ވާހަކައިގެ ސާބިތު ހިފޭ ވަރަށް ހެކި ހުންނާނެ: މުއިއްޒު

ޕީޕީއެމްގެ ނައިބު ރައީސް، މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކޮށްފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް އަބަދުވެސް ވަފާތެރިވާނެކަމަށާއި، އޭނާ ދައްކާ ހުރިހާ ވާހަކައަކަށް ހެކި ހުންނާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް، މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒުގެ ވަކި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވީ ނަމަވެސް، މި ނޫސްވެރިންގެ ބައްދަލުވުން ވަނީ ފަހުގެ ތާރީހަކަށް ފަސްކޮށްފައެވެ. އެއަށްފަހު މުއިއްޒުގެ ވީޑިއޯ މެސެޖެއް ޗެނަލް 13 މެދުވެރިކޮށް ގެނެސްދީފައިވާއިރު، މި މެސެޖުގައި މުއިއްޒު ވަނީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމްގެ ތާއީދު ހޯދުމަށް މަސައްކަތްކުރާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާފައެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ އެކި ކަހަލަ ވާހަކަތަކާއި، ސުވަލުތައް ސީދާ އޭނާއަށް އަމާޒުކުރަމުންދާތާ ދުވަސްތަކެއްވެއްޖެކަމަށާއި، އަދި އޭނާއަށް އެކި ކަހަލަ ތުހުމަތުތައްވެސް ކުރަމުން ގެންދާކަމަށެވެ. ނަމަވެސް މިއީ ޖަވާބުދިނުމަށް މާ ބޮޑު ފަރުުވާލެއް ބަހައްޓާފައި ނުވާކަންކަމަށާއި، އަދި އެއީ އޭނާ ގަބޫލުކުރާ ކަންކަމާއި، އަމަލުކުރާނެ ގޮތް އޭނާއަށް އިނގޭތީކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިގޮތަށް މި ވާހަކަތައް ނުދައްކާ މާ ގިނަ ދުވަސްވުމުން ޕާޓީގެ ބައެއް މެންބަރުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭކަމަށާއި، އެހެންކަމުން ކޮންމެސް ހިސާބަކުން މި ވާހަކަތައް ދައްކަންޖެހޭކަން ގަބޫލުކުރާކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އޭނާ ދައްކަން ހުރީ އާ ވާހަކަތަކެއް ނޫންކަމަށާއި، ބޭނުމީ އެވާހަކަތައް ރިޕީޓްކޮށްލުމަށްކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެއީ އަޅުގަނޑަކީ މިއަދަކު ނޫނީ އިއްޔައަކު ރައީސް ޔާމީން އަށް ސަޕޯޓްކުރާ މީހެއް ނޫން. ވަރަށް ގިނަ ދުވަސްވެއްޖެ، އަޅުގަނޑު ސިޔާސީ މައިދާނަށް ވަދުމުގެ ކުރިންވެސް އަޅުގަނޑު ހަމަ ރާއްޖޭގެ ސިޔާސީ މައިދާނުގައި އޭރުގައި ރައީސް މައުމޫނު ސަރުކާރުން ފެށިގެން ފެންނަ ކެބިނެޓު ވަޒީރުންނާއި އިސް ވެރިންގެ ތެރެއިން އަޅުގަނޑަށް ވަރަށް ކަމުދާ ޝަހުސިއްޔަތެއް ގޮތުގައި އޭރުގައި ޔާމީން އަޅުގަނޑަށް ފާހަގަވެގެންދިޔައީ.

މުއިއްޒު ވިދާޅުވިއެވެ.

އޭނާ ސިޔާސީ މައިދާނަށް ނިކުތުމުގެ އެތައް ދުވަހެއްކުރިންވެސް ރައީސް ޔާމީންއަށް ތާއީދުކުރައްވާކަމަށާއި، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެންވެސް ރައީސް ޔަމީން ވަރަށް ކަމުދާކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީން ވަޒީރުކަމުގައި ހުންނެވި އިރު ފެނިގެންދިޔައީ، ކެރޭ، ނަތީޖާ ނެރެދޭ ވަޒީރެއްގެ ގޮތުގައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

2013 ވަނަ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރު އޭނާ ހުރި ޕާޓީ، އަދާލަތު ޕާޓީގެ ފަރާތުން އިސްވެ ހުންނަވާ ރައީސް ޔާމީންއާއިއެކު ކޯލިޝަން ހެދުމުގެ މަސައްކަތްތައްވެސް ކުރެއްވިންކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެކަން ކާމިޔާބުނުވީ އޭނާގެ ބާރުގައި ނެތް ކަންތައްތަކެއް ސަބަބުންކަމަށް ފާހަގަކޮށް، މުއިއްޒު ވިދާޅުވީ ގައުމަށް އެންމެ ރަނގަޅު ހިދުމަތްތެއްކޮށްދެވޭނެ ވެރިއަކީ ރައީސް ޔާމީންކަމަށް އޭރުވެސް ގަބޫލުކުރިންކަމަށެވެ.

ރައީސް ޔާމީންއަކީ ނުގުނޑާ އަޒުމެއްގައި ހުންނަވާ، ކިތައްމެ ބޮޑު ގައުމެއްގެ ކުރިމަތީގައި ނަމަވެސް ހައްގު ބަސް ވިދާޅުވަމުން ގެންދެވި ސިޔާސީ ލީޑަރެއްކަމަށް ފާހަގަކޮށް، މުއިއްޒު ވަނީ ރައީސް ޔާމީން އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

އޭނާ ދައްކަވާ ހުރިހާ ވާހަކައަކަށް ސާބިތު ހިފޭ ހެކި ލިބޭނެކަމަށް ފާހަގަކޮށް މުއިއްޒު ވިދާޅުވީ އޭނާ ރައީސް ޔާމީންއަށް އަބަދުވެސް ވަފާތެރިވާނެކަމަށެވެ. ރައީސް ޔާމީންއަށް އޮތް ވަފާތެރިކަމުގައި އެއްވެސް ކަހަލަ ޝަރުތުތަކެއް ނުހުންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: