ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާކް ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ރައީސް ގޮވާލައްވައިފި

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސާކު ގައުމުތަކާއެކު ރާއްޖޭން ބާއްވާ ގުޅުން ވަރުގަދަކޮށް ބަދަހި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

“ސާކް ޗާޓާ ޑޭ” އާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ދެކުނު އޭޝިއާ ސަރަހައްދުގައި ވިލުންތެރިކަން އިތުރުކުރުމަށް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ސާކް ޗާޓާގެ އަސާސްތައް ނެގެހެއްޓުމަށް އާ ބާރެއް ލައިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ދެކުނު އޭޝިއާގެ ސަރަހައްދީ ގުޅުންތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް އަދި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކޮށްފައެވެ.

ރައީސް ވިދާޅުވީ ސަރަހައްދީ ގޮންޖެހުންތަކާ ކުރިމަތިލައި، އެއް އަމާޒަކަށް ދަތުރުކުރުމުގައި ސާކްއިން އަދާކުރަނީ މުހިންމު ދައުރެއް ކަމަށެވެ. އެހެންކަމުން ސާކުގެ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީ ވަރަށް މުުހިންމު ކަމެއް ކަމުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

“ސާކް ޗާޓާ ޑޭ” ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެންބަރު 8 ވަނަ ދުވަހެވެ. އެއީ 1985 ވަނަ އަހަރު ޑާކާގައި ބޭއްވި ފުރަތަމަ ސާކް ސަމިޓުގައި ސާކް ޗާޓަރުގައި ސޮއިކުރި ދުވަހެވެ. އެހެންކަމުން ކޮންމެ އަހަރަކު މި ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް 39 އަހަރު ފުރިފައިވާއިރު އެކަމަށްޓަކައި ރައީސް ވަނީ ސާކްގެ ސެކްރެޓޭރިއެޓަށާއި ސެކްރެޓަރީ ޖެނެރަލަށް އަދި ސާކްއާ ގުޅިފައިވާ ހުރިހާ މުއައްސަސާތަކާއި މެންބަރު ގައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ‘ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން’ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވެފައިވަނީ މި ސަރަހައްދުގެ ގައުމުތަކާއެކު ގުޅުންތައް ވަރުގަދަ ކުރުމަށް ރާއްޖެއިން އޮތީ އަތާއި އަތް ގުޅާލައިގެން މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: