ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓު ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެ ޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރުކުރައްވައިފި އެވެ.
ޕްރައިމަރީގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ އިލްޔާސް އެކަނި ކަމުން ޕްރައިމަރީގެ ވޯޓުލުން ކުރިއަށްގެންދިޔައީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގަ އެވެ.
ޑިމޮކްރެޓްސް އިން ބުނީ ޕްރައިމަރީގައި ޖުމްލަ 3،203 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އޭގެ ތެރެއިން އިލްޔާސަށް ރިޔާސީ ޓިކެޓު ދޭން ފެންނަ ކަމަށް 3،041 މީހުން ވޯޓު ދީފައިވެ އެވެ. ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 153 ވޯޓެވެ. އަދި ބާތިލް ނުވަ ވޯޓު ވެސް ހިމެނެ އެވެ.
Congratulations @TheDemocratsMV Presidential Candidate @ilyas_labeeb 🙌🏻🩵 pic.twitter.com/i4vtliKMxu
— Marchy (@MohamedMasih) July 28, 2023
ރިޔާސީ އިންތިހާބުގައި ޕާޓީތަކުން ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރި ކެންޑިޑޭޓުންނަކީ އިލްޔާސްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ އިތުރުން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ.

