ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެނޑިޑެސީ ފޯމު ބަލައިނުގަތުމުން، ރައީސް ޔާމީން ސުޕްރީމް ކޯޓަށް!

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅި ކެނޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އިދިކޮޅުން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީން ފޯމު ހުށަހެޅިތާ، ހަތަރު ގަޑިއިރު ތެރޭ އިލެކްޝަންސް ކޮމިޝަނުން ވަނީ އެމަނިކުފާނު ޝަރުތު ހަމަނުވާކަމަށް އަންގާފަ އެވެ.

ކެނޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމައި، އޭގެ ސަބަބު ބަޔާން ކުރާ ލިއުމުގައި އީސީން ބުނެފައި ވަނީ އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނު އަދި ރިޔާސީ އިންތިހާބުގެ ގާނޫނުގައިވާގޮތުގެ މަތީން، ރައީސް ޔާމީން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަކުރުމަށް ހުށަހެޅި ހުށަހެޅުން ގަބޫލު ކުރެވެން ނެތީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާއާއި، ރިޔާސީ އިންތިހާބުގެ ގާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.

ކޮމިޝަނުން ބުނީ ރައީސް ޔާމީނަކީ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާއިރު ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހުގެ ދިގު މުއްދަތުގެ ހުޖުމެއް އައިސްފައިވާ މީހަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށެވެ. ރައީސް ޔާމީން ހުށަހަޅާފައިވާ ކުށުގެ ރެކޯޑުން ވެސް އެކަން އެނގެން އޮތް އިރު ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކުރާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާކަމަށް އީސީން ބުންޏެވެ.

މި ނިންމުން ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާކަން ހާމަކޮށް، އިދިކޮޅުން މީޑިއާތަކަށް ބުނީ ކެނޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމި ނިންމުން އެއީ ސައްހަ ނިންމުމެއްކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެހެންވެ އިންތިހާބާއި ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމީކަމަށް އިދިކޮޅުން މައުލޫމާތު ދިނެވެ. އަދި ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ޞައްހަކަން ކަށަވަރުވެގެން ދާނެކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.

ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމު ބަލައިނުގަތް މައްސަލައިގައި އިދިކޮޅުން ވަނީ ސަރުކާރަށް ފާޑުކިޔައި މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނުފޫޒެއްކަމަށް ސިފަކޮށްފަ އެވެ.

އިދިކޮޅުން މީގެ ކުރިން ވެސް ވަނީ މިއީ އައިސްދާނެ ހާލަތެއްކަމަށް ބަލައި، ސުޕްރީމް ކޯޓުން ހޯދޭނެ ފަރުވާތައް ފާހަގަކޮށްފަ އެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ، އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އެ ނިންމުން އީސީން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ނުބައިކޮށް ތަރުތީބުކޮށްގެން ކަމަށެވެ.

ޖަމީލް ވަނީ އީސީ އޮތީ ނުފޫޒެއްގައިކަން ކުރިން ވެސް ގަބޫލު ކުރެވިފައި އޮތްކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން ގާނޫނުގައިވާގޮތުގެ މަތިން މައްސަލަ ސުޕްރީމް ކޯޓުން ކާމިޔާބުވާނެކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: