ގައުމެއްގައި ސިޔާސީ ހަލަބޮލިކަން އޮތް ނަމަ، އެގައުމަށް އިޤްތިޞާދީ މަންފާއެއް ނުކުރާނެކަމަށާއި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މި ހަލަބޮލިކަމާއި ސިޔާސީ ދެކޮޅުވެރިކަމުން ދުރަށް ދިއުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން ހދ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ހަނިމާދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ރާއްޖޭގެ އެކި ދިމާލުން މި ފެންނަ ތަރައްޤީގެ މަޝްރޫޢުތަކުގެ އަސްލަކީ މިވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ގައުމުގައި ސިޔާސީ ހަލަބޮލިކަން ކުޑަކަމުގެ ހެއްކެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބެއް ބޯމަތިވެފައިވާއިރު، ހުރިހާ ބޭފުޅުންވެސް ވިސްނަންވީ ސަރުކާރުތަކުގެ ސިޔާޔަތުތަކާއި މެދުގައިކަމަށް ވިދާޅުވިއެވެ. ސިޔާސީ ހަލަބޮލިކަމުން ދުރުވެ ތިބުމުން ގައުމަށް ގިނަ މަސައްކަތްތައް ކުރުމަށް މަގުފަހިވާނެކަމަށް ވިދާޅުވިއެވެ.
2014 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭގައި މި ގައުމު އޮތް ސިޔާސީ ހަލަބޮލިކަން ހުރިހާ ދިވެހި ރައްޔިތުންނަށް އޮޅިވަޑައިގެންފައިވާނެކަމެއް ނޫންކަމަށާއި، އޭގެ ނަތީޖާއަކަށްވީ ގައުމަށް ލިބެންޖެހޭ ތަރައްޤީ ނުލިބުންކަމުގައި ވިދާޅުވިއެވެ. އެގޮތުން ހދ އަތޮޅުގައި އެ ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ހިންގުނީ 79 ޕްރޮޖެކްޓްކަން ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގެ 5 އަހަރު ދުވަހުގެ ތެރޭގައި ހދ އަތޮޅުގައި 230 ޕްރޮޖެކްޓް ކުރިއަށް ދާ ކަމުގައި ވިދާޅުވިއެވެ.
”ހަމައެކަނި ހަނިމާދޫއަށް 510 މިލިއަން ރުފިޔާ މި ޖޫން މަހުގެ 22 ގެ ނިޔަލަށް ޚަރަދުކޮށް ނިންމައިފިން. ދިވެހިރާއްޖެއަކީ ތަރައްޤީކުރެވޭނެ އަދި ތަރައްޤީގެ މަންފާ މިއަށްވުރެ ބޮޑަށް ރައްޔިތުންނަށް ހޯދައިދެވޭނެ ގައުމެއް. މިކަން ކުރެވޭނީ ކުރިންވެސް ދެންނެވިހެން ސިޔާސީ ހަލަބޮލިކަމާއި ހަމަނުޖެހުން ނައްތާލައިގެން. ސަރުކާރަކަށް ދެވަނަ ދައުރެއް ބޭނުން ވަނީ މި ސަބަބަށްޓަކައި“ ރައީސް ވިދާޅުވިއެވެ.
ސަރުކާރަށް ދެވަނަ ދައުރެއް ބޭނުންވަނީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް މުޅިން އެއްކޮށް ނިންމުމަށް ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ. މިސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައިދީފައިވާނެކަމަށް ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުން އެއްބަސްވާނެކަމުގައި ވިދާޅުވިއެވެ.
ކުރީގެ ސަރުކާރާއި މިސަރުކާރުގެ ތަފާތު ޓެސްޓް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ޕީޕީއެމް އިން ކޮންމެ މީހަކު ކެންޑީޑޭޓެއްގެ ގޮތުގައި ނެރުން ނަމަވެސް، ތަންފީޒު ކުރާނީ ޕީޕީއެމްގެ ސިޔާސަތުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެޕާޓީގެ ސިޔާސަތުތައް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެނގޭނެކަމުގައި ވިދާޅުވިއެވެ.
ހިޔާލު ތަފާތުވާ މީހަކު ޖަލަށް ލައިގެން އެއްވެސް ސަރުކާރަކަށް ފުރިހަމަ ގޮތުގައި ވެރިކަން ނުކުރެވޭނެކަމަށް ވިދާޅުވިއެވެ. ރައްޔިތުން ތިބެނީ ބިރުންކަމަށާއި، ކޮންމެ ނޫސްވެރިއަކަށާއި ޓީވީ ޗެނަލްތަކަށްވެސް ރައީސް ޔާމީންގެ ސަރުކާރުގައި ފިއްތުންތައް ކުރިމަތިވިކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް މި ފަސް އަހަރުގައިވެސް މި ކުރަނީ ވެރިކަން ކަމަށާއި، ސިޔާސީ އެއްވެސް މީހަކު ބަންދު ނުކުރާކަމަށާއި ނޫސްވެރިއަކަށް ސުވާލުކޮށްލަންވެސް ބަންދުގައި ބައިންދައިފައި ނުވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
އެހެން ބަޔަކު ދެން ވެރިކަމަށް އައިސްފި ނަމަ، ފެށިފައިވާ ހުރިހާ މަޝްރޫޢުތަކެއް ހުއްޓޭނެކަމަށާއި، އެ ޕީޕީއެމްގެ ސަރުކާރެއް އައިސްފިނަމަ، މުޅި ރާއްޖޭގެ ސިފަ ނައްތާލާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭނެވީ މި ދެންނެވި ސަބަބުތައް ގައުމަށް ކުރިމަތިވިޔަ ނުދިނުމަށްކަމުގައި ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުތައް ކުރައްވާ ކެމްޕެއިން ކުރައްވަމުންނެވެ.

