ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އިންތިހާބުވާ ފަހުން ޔާމީންގެ ހުކުމް ދަމަހައްޓައިފި ނަމަ، ނައިބު ރައީސަކީ އެކަމުގެ ގާނޫނީ ފަރުވާ“

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ލިބި، ކާމިޔާބު ކުރައްވާފަހުން މިވަގުތު ތަންފީޒު ކުރައްވަމުން ގެންދަވާ 11 އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާ ހާލަތެއްގައި ނައިބު ރައީސަކީ އެކަމުގެ ގާނޫނީ ފަރުވާކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ސެޕްޓެމްބަރު 09 ގައި ބާއްވާ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުން، ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ގާނޫނުއަސާސީގައި ބަޔާން ކުރާ ޝަރުތުތައް ފުރިހަމަ ނުވާކަމަށް ބަޔާންކޮށެވެ. އެ ނިންމުން ރައީސް ޔާމިންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކުރިޔަށް ގެންދާ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް އިލެކްޝަންސް ކޮމިޝަނުންނާއި، ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ރައްދު ދެއްވާފަ އެވެ.

ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އީސީން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާއާއި، ރިޔާސީ އިންތިހާބުގެ ގާނޫނުގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ، އެ މާއްދާ އިތުރަށް މާނަކޮށްދިނުމަށް އެދޭ ކަމަށެވެ. އެގޮތުން ހަމްޒާ ވިދާޅުވީ 109 ވަނަ މާއްދާގައި ބުނަނީ ދަށު ކޯޓުންކޮށްފައިވާ ހުކުމެއްކަމުގައި މާނަކޮށްފި ނަމަ މަތީ ކޯޓަކުން އެ ހުކުމެއް ބާތިކު ކުރާ ހާލަތުގައި ވެސް އެ މީހަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. އޭގެ ސަބަބެއްކަމަށް ހަމްޒާ ވިދާޅުވެފައި ވަނީ، އެ ހާލަތުގައި އަމަލު ކުރާނެ ގޮތް އެ މާއްދާގައި ނުލިޔެ، އެހެން ދެ ހާލަތެއް ހަމައެކަނި އޮތުމުން އެ މާއްދާގައިވާ ޝަރުތު ހަމަވާ މީހެއްކަމުގައި ނުބެލެވޭތީ އެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ގުޅޭގޮތުން ހަމްޒާ ވިދާޅުވީ، 109 ވަނަ މާއްދާގައި ބުނާ ހުކުމަކީ ނިހާއީ ހުކުމަކަށް ވަންދެން ރިޔާސީ ކެނޑިޑޭޓަކަށް ގާނޫނީ ގޮތުން ލިބިގެންވާ ހައްގުތައް ފުރިހަމައަށް ކަށަވަރުވާކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބުގެ ހައްގެއް ގެއްލޭ ގޮތަށް ހުކުމެއް މީހެއްގެ މައްޗަށް ސާބިތުވިކަމަށް ބެލެވޭނީ، ގާނޫނަކުން އެ ހުކުމް އިތުރަށް އިސްތިއުނާފު ނުކުރެވޭ ހާލަތުގައި ނޫނީ އިސްތިއުނާފީ މުއްދަތް ފުރިހަމަވުމަށް ފަހު އިސްތިއުނާފު ނުކުރެވޭ ހާލަތް މެދުވެރިވެގެން ކަމަށެވެ.

ހަމްޒާ ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ދީ، އެމަނިކުފާނު އިންތިހާބުވެގެން ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ފަހުން އެމަނިކުފާނަށް އިއްވާފައިވާ ހުކުމް ނިހާއި ހުކުމަކަށް ވެއްޖެ ނަމަ އެ ވަގުތުން ފެށިގެން ރައީސަކަށް ވުމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތް ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ޒިންމާ ހަވާލުކުރާނެ ނައިބަކު ހުންނަވާނެކަމަށް ހަމްޒާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އިންތިހާބުވާ ނައިބު ރައީސަށް ހަވާލު ކުރެވޭ ގޮތަށް އޮތުމުން، ގާނޫނީ ހުސްކަމެއް އައިސްދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ހަމްޒާ ވިދާޅުވި އެވެ. މިހާރު އޮތް ހާލަތުގައި ރައީސް ޔާމީނަށް ވާދަކުރުމަށް ފުރުސަތު ދީ އެމަނިކުފާނު އިންތިހާބުވެގެން ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފަހުން އެމަނިކުފާނަށް އިއްވާފައިވާ ހުކުމް ނިހާއީވެއްޖެ ނަމަ އެ ވަގުތުން ފެށިގެން ރައީސަށްވުމުގެ ޝަރުތު ގެއްލޭއިރު އެކަމަށް ގާނޫނު އަސާސީގައި ދީފައިވާ ފަރުވާއެއްކަމަށް ހަމްޒާ ވިދާޅުވީ ދައުރުގެ މެދުތެރެއިން މަގާމު ހުސްވެއްޖެ ނަމަ އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ބަޔާންކޮށްފައިވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: