ދަ ޑިމޮކްރެޓްސްގެ ޗެއާ ޕާސަން ހަސަން ލަތީފް އެޕާޓީއާއިއެކު މަސައްކަތް ކުރެއްވުމަށް ޕީޕީއެމް އަށް ދައުވަތު ދެއްވައިފިއެވެ.
ހަސަން ލަތީފް ވިދާޅުވީ ޕީޕީއެމް ގެ ތެރޭގައި ހިނގައި ދިޔަ އެއްވެސް ކަމަކީ އެޕާޓީގެ މެންބަރުން އެދޭ ގޮތަށް ހިނގައި ދިޔަ ކަންކަން ނޫން ކަމަށް ޑިމޮކްރެޓްސްއިން ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓަކު ކުރިމަތި ލުމުން ޕާޓީއަށް ވެގެން ދިޔަ ގޮތް ރަނގަޅަށް އެނގި ލައްވާ ކަމަށެވެ. ދަ ޑިމޮކްރެޓްސް އުފެދުނީ ވެސް ހަމަ އެފަދަ ގޮތަކަށް އެމްޑީޕީއާއި ދެމެދު ހިނގި ނުތަނަވަސް ކަމެއްގެ ތެރެއިން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެނާ ވިދާޅުވީ ޕީޕީއެމްގެ އާންމު މެންބރުންގެ ހާލަތު ދެނެގަންނަކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން ޑިމޮކްރެޓްސް އާއި އެކު މަސައްކަތް ކުރުމަށް އެދިފައި ވާކަމަށެވެ. އޭނާ ވިދާޅުވީ އެއްވެސް ހާލެއްގައި އެ އެދިލައްވަނީ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަންނަވަން ނޫންކަމަށެވެ. ވަކި ޕާޓީއެއްގެ ގޮތުގައި ނުވަތަ ވަކި ގްރޫޕެއްގެ ގޮތުގައި ޑިމޮކްރެޓްސް އާއި އެކުގައި މަސައްކަތް ކުރެއްވުމަށް އެދިލައްވާ ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
މަޖިލިހުގެ މެންބަރުންގެ ތެރެއިން އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމްއާއި، ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫންއާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަލީމްއާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއާއި، މަހިބަދޫ ދާއިރާގެ މެންބަރު ތާރިގްއާއި، ނަފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އަދި ފެލިދު ދާއިރާގެ މެންބަރު ފަޒުލް ރަޝީދަށް ވަނީއެކުގައި މަސައްކަތް ކުރެއްވުމަށް ދަންނަވާފަ ކަމަށް ހަސަން ލަތީފަ ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓްސް އިން އެދެނީ އެމެންބަރުން ކުރައްވަން ބޭނުންފުޅުވާ މަޝްވަރާއެއް އަވަހަށް ޑޮމޮކްރެޓްސް އާއި ކުރެއްވުމަށެވެ. އޭނާ ވިދާޅުވީ އެއި ވަރަށް އުންމީދު ކުރާ ކަމެއް ކަމުގަ އާއި ވަރަށް ބޭނުންފުޅުވެލައްވާ ކަމެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އާއި ވާހަކަ ދައްކަވާތާ 3 މަސް ދުވަސް ވެއްޖެކަމަށާއި ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވުމުގެ ސަބަބަުން އެންމެ އެދެވޭ ގޮތަށް އެބޭފުޅުންނަށް އަމަލު ނުކުރެވޭކަމަށެވެ. އެހެން ކަމުން މަޝަވަރާތަށް ކުރެވެންޖެހޭ އެންމެ ބާރުމިނުގައި މަސައްކަތް ކުރިއަށް ނުދާ ކަމަށްވެސް ލަތީފް ވިދާޅުވެފައިވެއެވެ. އެ ޕާޓީ މިއަދު އެ އޮތް ހާލުގައި އޮންނަވާ ސަބަބަކީއެއި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމް ގެ މެންބަރުން މާޔޫސް ނުވުމަށާއި ޑިމޮކްރެޓްސްއާއި އެކު މަސައްކަތް ކުރެއްވުމުން އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަން ބަދަލު ކުރެވޭނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

