ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރެންގެ ހިޔާލު: “ގާސިމް ކީއްވެ”

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރި ނުވަތަ އިގްތިސާދީ ދާއިރާގެ ޕާޓުނަރެއް ހިޔާރުކުރާއިރު އެ ފަދަ މަސައްކަތްތައް ކުރުމުގައި މޮޅު މީހަކު ހޯދުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރާނެކަން ކަށަވަރެވެ. އެހެންކަމުން މިއަދު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ މާލީ ނުތަނަވަސްކަމުގެ މައްސަލަ ހައްލުކުރުމުގައިވެސް އެފަދަ ނަޒަރެއް ގެންގުޅުމަކީ ހެދޭ ގޯހަކަށް ނުވާނެކަން ޔަގީނެވެ. ހާއްސަ ގޮތެއްގައި ދިވެހިރާއްޖޭގެ މާލިމީކަމަށް މީހަކު އައްޔަނުކުރުމުގެ ފުރުސަތު ގާތްވެފައިވުމުން އެފަދަ ހިޔާލުތައް ކޮށްލުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.

ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބު ދުވަސްވަރު ގާތްވެފައިވާއިރު، ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ ކެނޑިޑޭޓުން ވަރަށްވެސް ގިނައެވެ. އެހެންނަމަވެސް އޭގެ ތެރެއިން އެއް ކެނޑިޑޭޓަކު ވަކިން ހާއްސަ ގޮތެއްގައި ފާހަގަކުރެވިގެންދެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަކީ ދިވެހިރާއްޖޭގައި ތިއްބެވި އިގްތިސާދީ މާހިރުންގެ ތެރެއިން އެންމެ ފުންނާބު އުސް އެއް ފަރާތްކަމާއިމެދު އެމަނިކުފާނުގެ ވާދަވެރިންނަށްވެސް ސުވާލުކުރެއްވުމަށް ޖާގައެއް ނެތްކަން އެވެރިންވެސް ގަބޫލުކުރާނެއެވެ. އެހެން ކެނޑިޑޭޓުންގެ ކިބައިގައި ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން ނެތްކަމަކަށް ނުބުނަމެވެ. އެހެންނަމަވެސް ގާސިމް އާއި އެއް ފަންތިއެއްގައި އިގްތިސާދީ ސިނާއަތުގައި ގުނާލެވޭނީ މަދު ބައެކެވެ. އެފަދަ ބޭފުޅުންގެ ތެރެއިން މިވަގުތު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިގެން ހުންނެވީ ގާސިމްއެވެ. އެހެންކަމުން ގާސިމް ކީއްވެތޯ ބަލާލުމަކީ ރަނގަޅު ކަމެއްކަމަށް ދެކެމެވެ.

ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އަމިއްލަ ހައިސިއްޔަތުން އެހީތައް ދެއްވާފައިވާ ގާސިމް އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ މާލޭގައި ސަރުކާރުގެ ހޮސްޕިޓަލެއްގައި ކްލާކެއްގެ ގޮތުގައެވެ. އެއީ 1969 ވަނަ އަހަރެވެ. 1973 ވަނަ އަހަރު އޭނާ އެ ވަޒީފާ ދޫކުރެއްވީ އެލިއާ ފަރުނީޗަރު މާޓުގެ މެނޭޖަރެއްގެ މަގާމަށް ވަޑައިގަތުމަށެވެ. ކްރެސެންޓު ކިޔާ ސަރުކާރުގެ ވިޔަފާރި ކުންފުންޏެއްގައިވެސް ގާސިމް މަސައްކަތްކުރައްވާފައިވާކަން ބައެއް ލިޔެކިއުންތަކުން ފާހަގަކުރެވެއެވެ.

އެއަށްފަހު 1974 ވަނަ އަހަރުގެ ތެރޭގައި ގާސިމް ވަޑައިގަތީ ސަރުކާރުގެ ބޮޑު ފިހާރަށް ނުވަތަ މިހާރުގެ އެސްޓީއޯގެ ފިހާރައެއްގެ ވަޒީފާއަކަށެވެ. އަދި އެތަނަށް ވަޑައިގަތްތާ ދެ އަހަރެއްހާ ދުވަސްފަހުން އެމަނިކުފާނު ވަނީ އަމިއްލަ ވިޔަފާރިއެއް ފައްޓަވާފައެވެ. އެންމެ ފުރަމަތަމަވެސް އެމަނިކުފާނު އަމިއްލަ މަސައްކަތްތަކުގެ ތެރެއިން ކުރެއްވިކަމަކީ ރައްޔިތުންނަށް އަސާސީ ހިދުމަތެއް ދިނުމެވެ. އެގޮތުން ހަނޑުލާއި، ދުންފަތުގެ އިތުރުން ޑީސަލް އާއި ކަރާސީނު ވިއްކުމުގެ މަސައްކަތްތައް ކުރެއްވިއެވެ. އެކަމުގެ ސަބަބުން އެމަނިކުފާނަށް މަންފާތަކެއް ހާސިލުކުރެވެއްވިގެންދިޔައެވެ. އަދި ވިޔަފާރި އިތުރަށް ފުޅާވެގެންދިޔައެވެ.

ގާސިމް އެމަނިކުފާނުގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން އެންމެ ފުރަތަމަ އިންވެސްޓްކުރެއްވީ އެސްބީއައިއިން ނެންގެވި ލޯނު ފައިސާއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން އަދާއިޖެހެންދެންވެސް ގާސިމްއަކީ އެ ބެންކަށް ވަފާތެރި ކަސްޓަމަރެކެވެ. އޭނާ އެ ފެށުމުން ދޫނުކުރައްވާކަމަށެވެ. އެއަށްފަހު އަހަރުތަކެއް ވޭތުވެދިއުމަށްފަހު، ގާސިމްއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔައެވެ. އެގޮތުން ކާގޯ ކުރެވޭ ގޮތަށް ބައްޓަންކުރެވިފައިވާ މަސްދޯންޏެއް ގަނެ، ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގްގެ ނަމުގައި ކުންފުންނެއް ފެށިގެންދިޔައެވެ. އެ ހިސާބުން އެ ކުންފުނި ފުޅާކުރެވި ރާއްޖޭގެ ވިޔަފާރިގެ ސިނާއަތުގައި ފިޔަ ޖަހަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ.

މިއަދު ގާސިމްގެ ބެއްލެވުމުގެ ދަށުން ކުރެވެމުންދާ މަސައްކަތްތަކަށް ބަލާނަމަ، ފަތުރުވެރިކަމުގެ މަސައްކަތްތަކާއި ވައިގެ ބަނދަރެއްގެ މަސައްކަތްތައް އައަރލައިނެއްގެ މަސައްކަތްތަކަާއި ކޮންސްޓްރަކްޝަން މަސައްކަތްތައްވެސް ފުޅާ ދާއިރާއެއްގައި ކުރެވެމުންދާކަން ފާހަގަކުރެވެއެވެ. އޭނާއަކީ މީޑިއާ ދާއިރާއަށްވެސް ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާ ދިވެހިރާއްޖޭގެ މަހުޖަނުންގެ ތެރޭގައި ފިޔަޖައްސަވަމުންދާ ސިޔާސީ ލީޑަރެކެވެ.

ގާސިމްގެ ވިޔަފާރީގެ ފުޅާ މިންވަރަކީ އެ ކުންފުނީގެ ބްރާންޗުތައް 1900ގެ އަހަރުތަކުގެ ތެރޭގައި ސިންގަޕޫރުގައި ރެޖިސްޓްރީކުރެވިގެންދިއުމެވެ. އަދި ޖަރުމަނުވިލާތުގައިވެސް 1996ގައި ގާސިމްވަނީ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ކުންފުންޏެއް ބިނާކޮށްފައެވެ. އެ ކުންފުންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމުގައި މުހިންމު ހިއްސާދާރެކެވެ. މިއަދު 2000ގެ އަހަރުތައް ކަޑައްތުކުރަމުންދާއިރު، ގާސިމްވަނީ ޖަޕާނުގަ އާއި ޗައިނާގައިވެސް އެ ކުންފުނީގެ ހޮޓެލްތައް ބިނާކޮށްފައިކަން ފާހަގަކުރުން މުހިންމެވެ. އޭނާގެ މޭސްތިރިކަމުގެ ދަށުން ވިލާ ކުންފުނި ހަގީގަތުގައިވެސް ނަމާއި އެއްފަދަ އުސްމިންތަކެއްގައި ފިޔަޖަހަމުންގޮސްފައިވާކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ގާސިމްއަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ކަންކަން ބެލެހެއްޓެވުމުގައިވެސް އަމިއްލަ ގޮތުން ހަރަކާތްތެރިވެވަޑައިގަންނަވާ ފަރާތެކެވެ. އެގޮތުން ތައުލީމު ހާސިލުކުރަމުންދާ ކުދިންނަށް ކޮމްޕިއުޓާރ ސިސްޓަމް ފަދަ ތަކެތި ހަދިޔާކުރުންފަދަ އެތައް ކަމެއް ރެކޯޑެއް ނެތްނަމަވެސް ކޮށްފައިވާކަން އަދި ކުރަމުންދާކަން އެންމެހާ ދިވެހި ރައްޔިތުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އެމަނިކުފާނަކީ  ރާއްޖޭގައި އެތައް އިންފްރާސްޓްރަކްޗާ މަސައްކަތްތަކެއް ފައްޓަވާފައިވާ ފަރާތެއްކަންވެސް ފާހަގަކުރެވެއެވެ. އެގޮތުން ބަނދަރާއި ސުކޫލުގެ އިތުރުން މިސްކިތްތަކާއި އެއަރޕޯޓު އަދި ސިއްހީ ދާއިރާގެ ތެރެއިންވެސް މަސައްކަތްތައްކުރައްވާފައިވެއެވެ.

ސިޔާސީ ގޮތުން ގާސިމްގެ ހަރަކާތްތަކަށް ބަލާނަމަ، އެމަނިކުފާނަކީ ދިވެހިރާއްޖޭގެ މަޖިލީހުގެ މެމްބަރުކަމުގެ އިތުރުން މަޖިލީހުގެ ރައީސްކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ ފަރާތެކެވެ. ޖޭއެސްސީގެ ރައީސްކަމާއި ހޯމް މިނިސްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ. މިވަގުތު ގާސިމްއަކީ ދިވެހިރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުކަމަށްވާއިރު، އެމަނިކުފާނު އަދާކުރެއްވި މަގާމުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ އެމްއެމްއޭގެ ގަވަނަރުކަމުގެ މަގާމާއި ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވުމެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ހާސިލުކޮށްފައިވާ ގިނަ ކާމިޔާބީތަކެއްގެ ފަހަތުގައި ގާސިމް ހުންނެވި ކަމަށްވެސް ގިނަ އަދަދެއްގެ މީހުން ބުނެއެވެ. އެގޮތުން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ގާސިމްގެ ވެސް ހެޔޮ އެދުންތަކާއިއެކުކަމަށްވާއިރު، އެމްޑީޕީގެ ދެވަނަ ވެރިކަމެއް ގާއިމްކުރެވިގެންދިޔައީވެސް ޖޭޕީގެ އެއްބާރުލުމާއިއެކުކަން ފާހަގަކުރުން މުހިންމެވެ. އަދުގެ ސަރުކާރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފައިސަލް ނަސީމްއަކީ ޖޭޕީގެ ސްލޮޓެއްގައި ނައިބުރައީސްގެ މަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ގާސިމް ހާސިލުކުރައްވާފައިވާ ކާމިޔާބީތަކާއި އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްތައް އަދި ފޯރުއްވާފައިވާ އެހީތަކުގެ ވާހަކަތައް އިންތިހާއަށްވެސް ގިނައެވެ. އެހެންނަމަވެސް މި ހިޔާލުގެ މަގުސަދަށް މި މިންވަރުން ފުދޭނެކަމަށް ބަލަމެވެ. މިއަދު ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު، ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތްކުރައްވަމުންދާ އެންމެހާ ފަރާތްތަކުގެ މައްޗަށްވެސް މިފަދަ ނަޒަރަކުން ބައްލަވައި ވެވަޑައިގަންނަވާ ވައުދުތަކަކީ އެ ބަޔަކަށް ފުއްދޭނެ ވަރުގެ ވައުދުތަކެއްތޯ ދެނެގަނެގަތުން އިންތިހާއަށްވެސް މުހިންމެވެ. އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށާއި ގައުމުގެ ހަމަޖެހުމަށް ދިވެހިރާއްޖޭގެ ވެރިކަމަށް ގެންނަ ފަރާތްތަކަކީ ކޮން ބައެއްކަން ރައްޔިތުން ރަނގަޅަށްވެސް ބެލުން އިންތިހާއަށް މުހިންމެވެ. މިގޮތުން ބަލާނަމަ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްއަކީވެސް ރާއްޖޭގެ ތަހުތަށް އެކަށީގެންވާ ރިޔާސީ ކެނޑިޑޭޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: