ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގެ ރިޔާސީ އިންތިހާބު: ފުރުސަތުތަކުން ފުރިގެންވާ އިންތިހާބެއް!

ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުން: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ހިންގުންތެރިކަމާއިި އިގްތިސާދީ މިނިވަންކަން އަދި ހަމަޖެހުމުގެ އިތުރުން އަމިއްލަވަންތަކަން ގެއްލިފައިވާކަމަށް ގަބޫލުކުރާ ނަމަ، ގާތްވަމުންދާ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހަކީ ބަދަލެއްގެ ގެނައުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ހަމަ އެފަދައިން މިހާރު ގައުމުގެ ކަންކަން ކުރިއަށްދާ ގޮތާއިމެދު ހިތް ހަލާސްކަމަށްވާ ނަމަ އަދި އޮތް ގޮތުގެ މަތީގައި ކަންކަން ކުރިއަށް ދިއުމަށް އެދޭ ފަރާތްތަކަށްވެސް 2023 ވަނަ އަހަރު ރިޔާސީ އިންތިހާބަކީ އެ ކަންކަން ދެމި އޮންނާނެކަން ކަށަވަރުކުރުމުގެ ވަގުތެވެ.

މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މައިދާނު އިންތިހާއަށް ފައްކަލެވެ. ވެރިކަން ކުރަމުންދާ ޕާޓީ އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފައިވިއްދައިގެން ހުންނެވިއިރު، އެ ޕާޓީގެ ތެރޭގައި އުފެދިގެންދިޔަ ރުޅިވެރިކަމެއްގެ ތެރެއިން ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންވަނީ ޕާޓީ ދޫކުރެއްވުމަށްފަހު މުޅިން އައު ޕާޓީއެއް ވުޖޫދުކޮށްފައެވެ. ރައީސް ސާލިހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެއެވެ. އެމަނިކުފާނާއި ވާދަކުރުމަށް ރައީސް ނަޝީދުވެސް އިންތިހާބުގައި ވާދަކުރުން ނޫން ހުރިހާ ކަމެއް ކުރަމުންދާނެކަމަށް އެބަ ވިދާޅުވެއެވެ. މިހާރު އަލަށް އުފައްދާފައިވާ އެމަނިކުފާނުގެ ޑިމޮކްރެޓްސްއިންވެސް ވަނީ ރިޔާސީ ރޭހަށް ކެނޑިޑޭޓުންވެސް ނެރިފައެވެ.

ހަމަ އެގޮތުގެ މަތިން ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ތަހުތާއި ގާތުން ހަރަކާތްތެރިވަމުންދާ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއިންވެސް ވަނީ އެ ޕާޓީއިން ކެންޑިޑޭޓެއް ކަނޑައަޅާފައެވެ. އެހެންނަމަވެސް ދާދި ފަހުން ސުޕްރީމް ކޯޓުންވަނީ އެ ޕާޓީގެ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންތިހާބުގައި ބައިވެރިވެވަޑައިނުގަނެވޭނެކަން ކަށަވަރުކޮށްދީފައެވެ. އެކަން ނިމިގެންދިޔައީ ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ އިއްތިފާގުވެގެންނެވެ. މިކަން ހިނގައިދިޔައީ އިދިކޮޅާއި އެކު ކޯލިޝަންއެއްގެ ގޮތުގައި ހަރަކާތްތެރިވާ ޕީއެންސީއިން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅައި ނިންމާފައިވަނިކޮށްކަމަށްވުމުން، ހަމަނުޖެހުންތަކެއް ހިނގުމަށްފަހު ޕީޕީއެމްއިންވެސް ވަނީ ޕީއެންސީގެ ކެންޑިޑޭޓު މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒުއަށް ތާއީދުކުރުމަށް ނިންމާފައެވެ. ބުނާގޮތުން މިކަންކަން ވަމުންދަނީ އިދިކޮޅުން އެންމެ ފުރަތަމަ ނެރެން އުޅުނު ރައީސް ޔާމީންގެ އިރުޝާދާއިއެކުއެވެ.

މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މައިދާގައި އިތުރު ވަރުގަދަ ޝަހުސިއްޔަތުތަކެއްވެސް ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމަށް ކިއުގައި ޖެހިވަޑައިގެން އެބަ ތިއްބެވިއެވެ. އެގޮތުން މިހާރު ކުރެވެމުންދާ ވެރިކަމުގެ ކޯލިޝަންގެ ދެވަނަ އަށް އިސް ޕާޓީގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީއިންވެސްވަނީ އިންތިހާބާއި ގާތްވުމުން ކޯލިޝަނަށް އަލްވަދާއު ކިޔާފައެވެ. ބުނާގޮތުން މި ވެރިކަން ދެމެހެއްޓުމުގެ ބަދަލުގައި ނިންމުމަށް ޖޭޕީއިން ކަނޑައެޅީ، ގިނަ މައްސަލަތަކެއް ހުރުމުންނެވެ. ދާދި ފަހުންވެސް ޕާޓީގެ އިސް ލީޑަރު ހޮނަރަބަލް ގާސިމް އިބްރާހިމްވަނީ އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެ ޕާޓީ ވުޖޫދުވީއްސުރެ ލިބިފައިވާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވެސް ހުންނެވީ އެމަނިކުފާނުކަމަށް ގާސިމްވަނީ ވިދާޅުވެފައެވެ. ޖޭޕީގެ ކެންޑިޑޭޓަކީ ގާސިމް އިބްރާޙިމްއެވެ. މިއަދު އެ ޕާޓީއިންވެސް ގިނަ ހަރަކާތްތަކެއް ހިންގައި ރައްޔިތުންނާ ސިޔާސަތުތައް ހިއްސާކުރަމުންދާކަން ފާހަގަކުރެވެއެވެ. ގާސިމް ވިދާޅުވެފައިވާގޮތުން، އަދުގެ ސަރުކާރުން ބައެއް ކަންކަން ރައްޔިތުންނަށް ސިއްރުކުރަމުންދިއުމަކީ އޭނާ ގަބޫލުކުރައްވާކަމެއް ނޫނެވެ. އަދި ޖޭޕީގެ ވެރިކަމެއްގައި އެންމެހާ ކަންކަންވެސް ރައްޔިތުންނަށް ފެންނަން އޮންނާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ދާދި ފަހާއި ޖެހެންދެން ޅަފަތުގައި އޮތްކަމަށް ފާހަގަކުރެވެމުންދިޔަ ޕާޓީއެއްކަމަށްވާ އެމްއެންޕީވެސް ވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރާއި ގާތްކޮށް ގަދަ ކުލަތަކަކާއިއެކު ފޮޅިފައެވެ. މިއަދު އެ ޕާޓީގެ ފެނިގެންދަނީ މުޅި ސިޔާސީ މައިދާނުގައި އަޑުހިއްޕާލާފައިވާ ޕާޓީއެއްގެ ގޮތުގައެވެ. އެ ޕާޓީއިންވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕާޓީގެ ރައީސް ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅައި ރިޔާސީ ރޭހުގައި ކުރިއެރުމުގެ މަސައްކަތްތައް ފައްޓާފައެވެ. އެމްއެންޕީއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު، އާސްކް ނާޒިމްގެ ނަމުގަ އާއި ނުއިވޭ އަޑުތަކުގެ ނަމުގައި ސިޔާސަތުތަކާއި ގުޅޭ ތަފްސީލީ މައުލޫމާތުތައް ދިނުމަށް ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ނާޒިމްވަނީ ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ބޯހިޔާވަހިކަމަށްޓަކައި އެމްއެންޕީގެ ވެރިކަމެއްގައި ސޮވަރެއިން ގެރެންޓީތައް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ގިނަ އަދަދެއްގެ ކެންޑިޑޭޓުން ބައިވެރިވާ ތާރީހީ މި އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ގާނޫނީ މައްސަލަތަކެއްގައި ޖެހިފައިވާ އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނުގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރުކަންކުރައްވާފައިވާ ފަރާތެއްކަމަށްވާ ހަސަން ޒަމީލުވެސްވަނީ މި ރޭހަށް ނަން ހުށައަޅުއްވާފައެވެ. އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަކީވެސް ސިޔާސީ މައިދާނާއި ގައުމުގެ ހިންގުންތެރިކަމުގެ ތެރެއިން ނުރަނގަޅު އެތައް ކަމެއް ފާހަގަކުރެވި އެކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރެއްވުމަށް ތިއްބެވި ހާދިމުންތަކެއްކަމަށް އެ ފަރާތްތަކުންވަނީ ނުސީދާ ގޮތަކަށް ފާހަގަކޮށްފައެވެ. އެހެންކަމުން މިއަދު ރައްޔިތުންނަށް މިވަނީ މުހިންމު އަދި ދަތި އުނގަދޫ ނިންމުމެއް ނިންމަންޖެހިފައެވެ.

ގައުމުގެ މިސްރާބު އެކަށީގެންވާކަމަށާއި އެދެމުންދާ މަންޒިލަށް ދިއުމަށް އޮޑީގެ ހާލަތާއި ދުވެލި އެކަށީގެންވާކަމަށް އަދި ރައްކައުުތެރި ދަތުރެއް ކުރެވިގެންދާކަން ކަށަވަރުކުރުމުގެ މަސައްކަތްތައް ހަވާލުވެގެން ތިއްބެވި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ކުރެވިގެންދަނީ އެދެމުންދާ ގޮތަކަށް ކަމަށް ވާނަމަ ވެރިކަން ދަމަހައްޓަންވީއެވެ. އޮޑީގެ ހާލަތު ހުރި ގޮތާއި ދުވެލި އަދި ހިފާފައިވާ މިސްރާބު ފަދަ ކަންކަން އެކަށީގެން ނުވާ ނަމަ ބަދަލުކުރަންވީއެވެ. 2023 ވަނަ އަހަރުގެ އިންތިހާބުގައި ނުކުމެ އެ ފަރާތްތަކުން ޖެހޭނީ އައު މާލިމީއެއް ފަޅުވެރިޔަކު ނުވަތަ ކައްޕިތާނަކު އިންތިހާބުކުރާށެވެ. ޖެހޭނީ ރައީސް ސާލިހުގެ ވެރިކަން ނިމުމަކަށް ގެންނާށެވެ.

އެހެންނަމަވެސް އޮޑީގެ ފަޅުވެރިޔާތޯ މައްސަލައަކީ ނުވަތަ އަޅާފައިވާ އިންޖީނުތޯވެސް މިއީ ކުރެވޭ ސުވާލެކެވެ. ދިވެހި އޮޑީގެ އިންޖީނަކީ ރައްޔިތުންގެ މަޖިލީހާއި ގާނޫނީ އޮނިގަނޑު އަދި އެކުލެވިފައިވާ ގާނޫނުތަކުގެ އިތުރުން ވެރިކަންކުރުމުގެ ނިޒާމެވެ. މިއީވެސް ކުރިއަށް އޮތް އިންތިހާބުގައި ބަދަލުކުރުމުގެ ފުރުސަތު އޮތް ކަންކަމެވެ. ޑިމޮކްރެޓުންގެ ވިސްނުން ހުރީ އެ ޕާޓީގެ ވެރިކަމެއްގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަށެވެ. އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ބައެއް ފަރާތްތަކުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި އިޖްތިމާއީ މައްސަލަތައް ހައްލުކުރެއްވުމަށް ހަރުކަށި ފިޔަވަޅުތައް އަޅުއްވާނެކަމަށްވެސް އެބަ ވިދާޅުވެއެވެ.

ބައެއް ކެންޑިޑޭޓުންގެ ފަރާތުން ޕާޓީ ނިޒާމަށް އޮތް ތާއީދު ގެއްލެމުންދާކަން އެނގިވަޑައިގަންނަވާކަމުގެ އިޝާރާތްތައްވެސް ކުރެވިގެންދާއިރު، ދިވެހިރާއްޖެއަކީ އާއިލީ ވެރިކަމުން ނެއްޓުމަށް ބޭނުންވި ރައްޔިތުންތަކެއްގެ ގައުމެއްކަމަށް ފެނިގެންދާނަމަވެސް، ބޭނުންވެވަޑައިގަންނަވާ ފަރާތްތަކަށް އަނބުރާ އާއިލީ ވެރިކަމެއް ގާއިމުކުރުމަށްވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފުރުސަތުތައް ފަހިވެފައިވެއެވެ. ފަޅުވެރިޔާ އަދި މިސްރާބު ބަދަލުކުރާނީތޯ ނުވަތަ ނޫންތޯ ނިންމަންވާނީ ރައްޔިތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: