ރާއްޖޭގެ ރައްޔިތުންނަށް ފްލެޓާއި ގޯތި ދޭނީ އޭނާގެ ވެރިކަމެއްގައި ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މިރޭ ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސްގެ ރިޔާސީ މެނިފެސްޓޯ އިއުލާން ކުރުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އިލްޔާސް ވިދާޅުވީ ރައްޔިތުންނަށް ގޯތި ދިނުމާއި ގޯތީގައި ގެ އެޅޭނެ ގޮތާއި ފްލެޓް ދިނުމާއި ފްލެޓް އެޅޭނެ ގޮތް ހެދޭނީ ”ފްލެޓް ދޮންބެ“ ގެ ޕާޓީއަށް ކަމަށާއި އޭނާ އަކީ ފްލެޓް ދޮންބެގެ ދަރިވަރެއް ކަމުގައި ވިދާޅުވިއެވެ.
އިލްޔާސް ލަބީބްގެ ރިޔާސީ ސިޔާސަތަކީ ”ފަރުދީ ތަނަވަސްކަން، އަބުރުވެރި ހަޔާތެއް“ ކެވެ. މެނިފެސްޓޯ ނެރުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްޔާސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ގޯތި ދިނުމަށްފަހު އެ ގޯތީގައި ގެ އެޅޭނެ ފައިސާ ވެސް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި ވެރިކަމަށް އަންނަނީ އެ ބަދަލު ގެންނަން ކަމަށާއި ރައްޔިތުން މިކަމާއި ހާސްނުވުމަށް އިލްޔާސް އެދިވަޑައިގެންނެވި އެވެ.
”ފްލެޓް ދޮންބެގެ ދަރިވަރަކީ އަޅުގަނޑޭ. ގޯތި ވެސް ދޭނަން، ގޯއްޗެއް ވެސް އަތެއް ނުލެވޭނެ. ފްލެޓް ވެސް ދޭނަމޭ. ތިބޭފުޅުންނަށް އަބުރުވެރި ހަޔާތެއް ހޯދުމަށް ބޭނުންވާ ގެދޮރު، ބިން، ފްލެޓް ހޯދައިދޭނީ އަޅުގަނޑުމެންނޭ. އިރާދަކުރެވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަމޭ،“ އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވަނީ އޭނާ ރެޔާއި ދުވާލު 24 ގަޑިއިރު މަސައްކަތް ކުރާނީ ރައްޔިތުންގެ ހައްގުގައި ކަމަށާއި މި ބަދަލު ގެންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އިލްޔާސް މިހެން ވިދާޅުވި އިރު މާލެ ރައްޔިތުންނަށް ބިން ދިނުމަށް ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރު ނެގުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
”ބިންވެރިޔާ ސްކީމް“ ގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން އިޢުލާންކުރި ލިސްޓްގައި ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބި އިރު، މިހާރު ލިބެން ހުރި 9،003 ގޯތި ދެވެން އޮތީ އެތަނުން 18،948 މީހަކަށެވެ.
”ބިންވެރިޔާ“ ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. މި ޕްރޮގްރާމަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޢުދުވެ ވަޑައިގެންނެވި ގޮތަށް މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ފެއްޓެވި ސްކީމެކެވެ.

