މިއަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ބާއްވަން ސަންގު ޓީވީ އިން ދިން ދައުވަތު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ގަބޫލުކުރައްވައިފިއެވެ.
“ސަންގު ބަހުސް” އަކީ ރާއްޖޭގެ މީޑިއާއަކުން ގެނެސް ދޭ އެންމެ ވަރުގަދަ ސިޔާސީ ޕްރޮގްރާމެވެ. މި ޕްރޮގްރާމަށް ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިން، އެވޯޑުގައި އެންމެ މަގުބޫލު ކަރަންޓް އެފެއާޒް އެވޯޑު ލިބިފައެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ތާރީޙް ބަދަލުކޮށްލާ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެ އިންތިހާބަކަށްވާއިރު ބަހުސްގެ ދައުވަތު ސަންގުޓީވީން ފޮނުވި ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.
މި ބަސްހުގެ ތެރެއިން ޓީމުތަކާއި ކެނޑިޑޭޓުން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކައިގެ އިތުރަށް އެއް ތަނަކުން، އެއް ޕްލެޓްފޯމަކުން ބައްދަލުވެ ވާދަވެރި ވާހަކަތަށް ދައްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ބަހުސް ސަންގުޓީވީން ކުރިއަށް ގެންދަން ބޭނުން ވަނީ ރާއްޖޭގެ އެހެން ޓީވީ ސްޓޭޝަންތަކާއި ގުޅިގެން ކަމަށް ވާތީ އެ ދައުވަތު ވެސް ސަންގުޓީވީން ވަނީ ރާއްޖޭގެ އަމިއްލަ ޓީވީ ސްޓޭޝަންތަކަށް ފޮނުވާފައެވެ.