މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެނޑިޑޭޓު ށ އަތޮޅަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފިއެވެ.
ގާސިމްގެ ކެމްޕެއިންގައި ޖޭޕީއިން އިއްޔެ ދަތުރު ކުރެއްވީ ހދ އަތޮޅަށެވެ. ހދ އަތޮޅުގެ 5 ރަށަށް ވަޑައިގެންފައިވާއިރު، ޖޭޕީއިން ވަނީ އެ އަަތޮޅަށް ގިނަ ވައުދުތަކެއްވެވަޑައިގެންފައެވެ. އެގޮތުން ރަށްރަށުގެ މަގުތައް ތަރައްގީކުރުމާއި، މިސްކިތްތައް އެޅުމާއި އަދި އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށެވެ.
މިއަދު ޖޭޕީގެ ދަތުރުތައް ށ އަތޮޅަށް ފަށާފައިވާއިރު، މި އަތޮޅުގެ 5 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން:
- ކަނޑިތީމު
- ގޮއިދޫ
- ކޮމަންޑޫ
- ފުނަދޫ
- މިލަންދޫއަށް

ށ އަތޮޅުގެ ފުރަތަމަ މަންޒިލް، ކަނޑިތީމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މި ސަރުކާރު ބަދަލުކުރަންޖެހޭކަމަށާއި، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހުންނެވީ ގާނޫނާއި ހިލާފުވެވަޑައިގެންކަމަށެވެ.
ގާސިމް ވިދާޅުވީ އެހެން ފަހަރުތަކާއި ހިލާފަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވުމަށް ގިނަ ބަޔަކު އެދުނުކަމަށާއި، އެއީ މި ސަރުކާރުގައި ހިނގަމުންދާ ބައެއް ކަންކަން ރައްޔިތުންނަށް ބަލައިނުގަނެވޭތީކަމަށެވެ.
ވަރަށް ގިނަ ރައްޔިތުން އަޅުގަނޑަށް މިފަހަރު، އެެހެން ފަހަރު ފަހަރާއި ހިލާފަށް އަޅުގަނޑަށް ގުޅާފަ ވިދާޅުވޭ، އަޅުގަނޑު ކިބައިން އެދުނު އެބޭފުޅުން އަޅުގަނޑު ރިޔާސީ ރޭހުގައި ބައިވެރިވެދިނުމަށް.
ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ކަނޑިތީމުގައި ދެއްކެވި ވާހަކައިގައި ގާސިމް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލު ނެގެހެއްޓުމަށްޓަކައި އެމަނިކުފާނަށް ވެރިކަން ދޭންޖެހޭކަމަށެވެ. ރާއްޖޭގައި އެހެން ގައުމުތަކުގެ ސިފައިން އެބަތިބިކަމަށް ތުހުމަތުކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވަނީ ޗާގޯސްގެ މައްސަލައާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ.
ކެމްޕެއިންގައި ގާސިމްގެ އަރިހުގައި، އެމަނިކުފާނުގެ ރަނިންމޭޓު އަމީން އިބްރާހީމާއި، ދާދި ފަހުން ޖޭޕީއާއި ގުޅިވަޑައިގެން ކުރީގެ ރައީސް ޑރ ވަހީދު ހަސަން މަނިކާއި ކުރީގެ ޓުރިޒަމް މިނިސްޓަރު އަލީ ވަހީދާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އަދި ވިލިމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

