ކ. އަތޮޅުގެ ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށް ގެންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ނޫންކަމަށް ވާތީ، މަޝްވަރާރައާއި ހިޔާލާ އެއްގޮތަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އެ މަސައްކަތް ކުރިޔަށް ގެންދަވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން އަތޮޅުތަކުގެ ދަތުރުގެ ތެރެއިން ކ. ގުރައިދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތަކާއި މެދު ގިނަ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އެއީ އެ ރައްޔިތުން ބޭނުންވާ ގޮތާއި ހިލާފަށް ކުރިޔަށް ގެންދާ މަޝްރޫއުތަކެއްކަން ފާހަގަކޮށް މުއިއްޒު އޭގެ ތެރެއިން ފާހަގަކުރީ ކ. ގުޅި، ކ. މާފުށި، އަދި ކ. ގުރައިދޫގެ ބިމެވެ.
މާލެ އަތޮޅުގެ މި މަޝްރޫއުތައް ފާހަގަކޮށް މުއިއްޒު ވިދާޅުވީ މާފުށީގެ ބިމާއި، ގުރައިދޫގެ ބިން ހިއްކާފައި ވަނީ އެއްގޮތަކަށް ވެސް ރައްޔިތުން އެދުނު ގޮތަށް ނޫން ކަމަށެވެ. އަދި ގުރައިދޫގެ ބިން ހިއްކާފައި ވަނީ އޭގެއިން އެއްވެސް ފައިދާއެއް މަންފާއެއް ުލިބޭ ގޮތަކަށް ނޫންކަމަށް ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ވެރިކަމަށް އައުމުގެ ފުރުސަތު ދީފި ނަމަ، އެކަން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.
މުއިއްޒު ވައުދުވީ އެ ރަށުގެ މުސްތަގުބަލަށްޓަކައި، މިހާރު ހިއްކާފައިވާ ބިމާއި އިންވެގެން ފަޅުތެރެ ހިއްކައިގެން ރަށަށް ބިން އިތުރުކޮށްދިނުމަށެވެ.
މާފުއްޓަށް މުއިއްޒު ވީ ވައުދުތަކުގެ ތެރޭގައި ހިމެނެނީ، ބިން އިތުރުކޮށް މަންފާ ނިކުންނާނެހެން ސިޔާސަތުތައް އެކުލަވާލުމެވެ. އަދި ގުޅީގައި ބިން ހިއްކުމަށް ބަންޑް ވޯލްޑް ޖަހާފައި ވަނީ ދޯދިޔާކޮށްކަމަށް ވާތީ އެކަމަށް މުއިއްޒު ފާޑުވިދާޅުވި އެވެ.

