މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވަން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމާއި، މަކުނުފޫ ދާއިރާގެ ކުރީގެ މެންބަރ ޑރ އަނާރާ ނައީމް ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވާ ޑރ ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ”އެކުވެރި މުއިއްޒަށް“ ތާއީދުކުރައްވަން ނިންމަވާފައިވާކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލު ފަހުން ހާމަކުރައްވާނެކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. ޑރ ޝަހީމްއަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓެކެވެ.
2023 ރިޔާސީ އިންތިޚާބުގައި އަޅުގަނޑުގެ އެކުވެރި ޑރ. މުޙައްމަދު މުޢިއްޒަށް ތާއިދުކުރަން އަޅުގަނޑު ނިންމައިފިން. މިކަމުގެ ތަފްޞީލުތައް ފަހުން ހާމަކުރާނަން. އިންޝާ ﷲ.
وما توفيقي الا بالله عليه توكلت وإليه انيب. pic.twitter.com/kb9wyImXil— Mohamed Shaheem Ali Saeed (@Mohamedshaheem1) August 25, 2023
ސިޔާސީ ކަންކަމާއި ވަރަށް ގިނަ ދުވަހު ދުރުގައި ހުންނެވުމަށްފަހު ކުރެއްވި ޓުވީޓުގައި އަނާރާ ވިދާޅުވީ ދިވެހިންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތަކާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތްކުރައްވާނެކަމަށާއި، އަދި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ދެއްވާފައިވާކަމަށެވެ.
އަޅުގަނޑުގެ ތާއީދު ޑރ.މުޢިއްޒުއަށް
ދިވެހީންނަށްފަހި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެކަމަށާއި އިސްލާމްދީނުގެ އުޞޫލުތަކަށް ރިޢާޔަތްކުރައްވާނެކަމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވި. އެންމެންގެ ވޯޓު ކެންޑިޑޭޓް ނަންބަރ 4 pic.twitter.com/6ZVmQ3GZky— Dr. Anara Naeem (@AnaraNaeem) August 25, 2023
މީގެ އިތުރުން އަނާރާ ވިދާޅުވީ އޭނާ ވޯޓުދެއްވާނީ މުއިއްޒުއަށްކަމަށެވެ.

