ގދ. ގަން، ގައްދޫ ކައުންސިލާ ހަވާލުކޮށްދޭން އެދި މެމްބަރުން ގޮވާލަމުން ދަނިކޮށް ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ގޮތް ހަމަޖައްސަވާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގަން، ގައްދޫ ކައުންސިލާ ހަވާލު ކުރުމަކީ ވެރިކަމަށް އައުމަށް އެމްޑީޕީން ވީ ވައުދެއް ނަމަވެސް މިހާތަނަށް އެކަމާ ގުޅުވައި ކުރެވުނު މަސައްކަތްތަކުގެ މާބޮޑު ތަފްސީލެއް ނޭނގެ އެވެ. ކައުންސިލުން މީގެ ކުރިން ވެސް ބުނެފައި ވަނީ، މިގޮތަށް ބަދަލު ގެނައުން ވެގެން ދާނީ ކައުންސިލަށް ލިބޭ އާމްދަނީ އިތުރުވާ އެއް ވަސީލަތަކަށް ކަމަށެވެ.
ގައްދޫއާއި ވަރަށް ކައިރީގައި އޮންނަ ގަމަކީ ރައްޔިތުންގެ އެކި ބޭނުންތަކަށް ބޭނުން ކުރަމުން އަންނަ ރަށެކެވެ. އެހެންވެ އެ ރަށް ގައްދޫގެ ރައްޔިތުންނަށް ދެއްވާނެކަމަށް ސަރުކާރުން އޮތީ ވައުދުވެފަ އެވެ. އެ މަސައްކަތް ކުރިޔަށް ނުދާ ސަބަބު ސާފު ކުރުމަށް ކައުންސިލުން އެކިފަހަރު މަތީން ރައީސް ސޯލިހާއި ބައްދަލު ވެސް ކުރި އެވެ.
މިއީ ދަނޑުވެރިކަމުގެ އިތުރުން، ސިނާއީ މަސައްކަތްތަކަށް ވެސް ބޭނުން ކުރަމުން އަންނަ ރަށެކެވެ.
2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ، ގދ ގެ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ކެމްޕެއިނުގެ ތެރެއިން ގައްދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ މިއަދު ވެސް އެ ރަށުން ފެންނާން ހުރީ ރައީސް ޔާމީންގެ ޒައާމަތުގައި ފެށި ނިމިފައި ހުރި މަސައްކަތްތައް ނުވަތަ ފައިނޭންސިން ހޯދައި ސަރުކާރު ނިމުނު އިރު ކުރިޔަށް ދާ މަޝްރޫއުތައް ކަމަށެވެ.
ރައްޔިތުން ބޭނުންވާ ގޮތަށް ހިޔާލާއި މަޝްވަރާ ހޯދައިގެން މަޝްރޫއުތައް ކުރިޔަށް ގެންދާނެކަމުގެ ޔަޔީންކަން ދެއްވައި މުއިއްޒު ވިދާޅުވީ، ރައްޔިތުންނަށް ފެންނާނީ އީޖާބީ ގޮތެއްގައި މަސައްކަތް ކުރާތަން ކަމަށެވެ.
އޭގެ ތެރޭގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ، އެއާޕޯޓު އެޅުން ނަމަވެސް މިވަގުތު ރައްޔިތުންނަށް އެއާޕޯޓުން ލިބޭ އެއްވެސް މަންފާއެއް ނެތްކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ ހޮސްޕިޓަލުގެ މަސައްކަތް ފުރުސަތު ދެއްވައިފި ނަމަ ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ޒަމާނުއްސުރެ، ގައްދޫގެ ރަށެއްގެ ގޮތުގައި އޮންނަ ގަން އަލުން އިހުތިސާސްގެ ތެރޭގައި ހިމަނާނެ ކަމަށެވެ. އަދި އެ ބަދަލު ގެންނާނީ މުޅި އަތޮޅުގެ ރައްޔިތުންނަށް އޭގެ މަންފާ ލިބޭ ގޮތަށްކަމުގައި ވިދާޅުވި އެވެ.
ހަމައެއާއި އެކީގައި އެވޭލާ ޒަމާނުއްސުރެން، ތިބޭފުޅުންގެ ރަށެއްގެ ގޮތުގައި އޮންނަ ގަން.. އެ ގަމަކީ މި ރަށުގެ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ކަނޑައަޅާނަން.. އޭގެ ނަފާ މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ވާ ގޮތަށް ބައްޓަން ކުރެވި… ލޮބުވެތި ރައްޔިތުން ގައްދޫގެ އުމްރާނީ ތަރައްގީއާއި، އަދި ހާއްސަ ގޮތެއްގައި އިގްތިސާދީ ކުރިއެރުމަށް ފުދުންތެރި ދިރިއުޅުމެއް އުޅުމަށްޓަކައި ޒުވާނުންގެ އުންމީދުތަކުގައި ކުލަ ޖެއްސުމަށްޓަކައި ވިޔަފާރިތައް ކުރިއެރުމަށްޓަކައި، އުންމީދުތައް ހާސިލު ކުރުމުގައި ގަން ވެގެން ދާނީ އެ އުންމީދުތައް ހަގީގަތް ވެގެންދާތަނެއްގެ ގޮތުގައި
މިއަދުގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރައްޔިތުން އެދެނީ ރަށުގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހޮސްޕިޓަލެއް ކަމަށެވެ. މާލެ ގޮސް ފަރުވާ ހޯދަން ޖެހި، އަތުން ހިނގާ އިތުރު ހަރަދުތައް ހުއްޓުވުމަކަށް ގެނައުމަށް ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލުތައް ގެންނަވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން މުއިއްޒު ވިދާޅުވީ މާވަރުލު އެއާޕޯޓުގައި އަދިވެސް އަސާސީ ހިދުމަތތައް ގާއިމު ކުރެވިފައި ނެތްކަމަށާއި، އެ މަސައްކަތް ހުރީ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރެވުނު މިންވަރުގައި ހިފެހެއްޓިފައި ކަމަށެވެ.
މުއިއްޒު ވަނީ އަތޮޅުގައި ނުނިމި ހުރި ރިސޯޓުތައް ނިންމުމާއި އެކު، ފަތުރުވެރިކަން ކުރިއެރުވުމަށް ކުރައްވާނެ މަސައްކަތްތަކުގެ ސިޔާސަތުތައް ހާމަކުރައްވާފަ އެވެ.

