ރަޝިއާގެ ބާރުގެ ދަށުގައިވާ ކްރައިމިއާ އަކީ ޔޫކްރެއިންގެ ބައެއްކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ.
ބައިނައްލަގުވާމީ މީޑިއާތަކުން ރިޕޯޓުރާގޮތުން، އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓު ބްލިންކެންވަނީ އެ ގައުމުން ޔޫކްރެއިންއަށް ކުރަމުންދާ ތާއީދަށް ބަދަލެއް ނާންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އޭނާވަނީ ކްރައިމިއާ ޕްލެޓުފޯމު ސަމިޓު ބޭއްވިކަމަށްޓަކައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއަށް ތައުރީފުކުރައްވާފައެވެ.
މި ސަމިޓުގައި ވާހަކަދައްކަވަމުން ބްލިންކެންވަނީ ރަޝިއާ އިން އެ ގައުމު ހިފުމަށް ކުރި މަސައްކަތްތަކުގެ ސަބަބުން ކުރިމަތިވެގެންދިޔަ ގޮންޖެހުންތަކަށް އަލިއަޅުއްވައި ޔޫކްރެއިންގެ ހިތްވަރަށްވެސް ތައުރީފުކުރައްވާފައެވެ. އޭނާވަނީ 2014 ވަނަ އަހަރުން ފެށިގެންވެސް ރަޝިއާގެ ފަރާތުން ޔޫކްރެއިންއަށް އަދާވާތްތެރިކަމެއް ގެންގުޅެފައިވާކަމަށްވެސް ވިދާޅުވެފައެވެ.
ރިޕޯޓުތަކުގައިވާގޮތުން، ބްލިންކެންވަނީ ކްރައިމިއާގައި ނާއިންސާފުވެރި އަމަލުތަކެއް ހިންގަމުންދާކަމަށް ސާފުކޮށް ވިދާޅުވެފައެވެ. އެގޮތުން، ނޫސްވެރިންނާއި ދީނީ އިލްމުވެރިންވެސް ގެއްލިފައިވާކަމަށާއި، އަވައްޓެރި ގައުމުތަކުގެ ދެމެދު އޮތް ގުޅުންތައްވެސް ނެތިގޮސްފައިވާކަމުގެ އިތުރުން ކުޑަކުދިން ހަރުކަށި ފިކުރުތަކުގައި ޖެހިގޮސްފައިވާކަމަށް އޭނާ ވިދާޅުވެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ. އޭނާ ވަނީ ރަޝިއާއިން ކްރައިމިއާގެ މައްޗަށް ބާރު ހިންގަމުންދިއުން ބަލައި ނުގަންނަކަން ސާފުކޮށްދެއްވާފައިކަމަށާއި ކްރައިމިއާއަކީ ޔޫކްރެއިންކަމަށްވެސް ވިދާޅުވިއެވެ. އޭނާވަނީ ބައިނައްލަގުވާމީ ދުނިޔެ ޔޫކްރެއިންއާއި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.
ރަޝިއާ އިން ކްރައިމިއާގައި ހިންގަމުންދާ ނާއިންސާފުވެރި އަމަލުތައް ދުނިޔޭގެ ލޯތައް ކުރިމައްޗަށް ގެންނާނެކަމަށްވެސް އޭނާ ވިދާޅުވިކަމަށް ރިޕޯޓުތަކުގައިވެއެވެ. އެގޮތުން، ރަޝިއާއިން ޔޫކްރެއިން ހިފުމަށްކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކުރިމަތިވެފައިވާ ސަލާމަތީ މައްސަލަތަކާއި އިގްތިސާދީ އަސަރުތަކާއިމެދު ދުނިޔެ ހޭލުންތެރި ކުރުމަށް މަސައްކަތްކުރާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

