މިއަހަރުގެ ސެޕްޓެމްބަރ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ބޭނުންވި އަދަދަށް ލިބިއްޖެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ރިޔާސީ އިންތިހާބަށް 10 ދުވަހަށް ވެފައިވއިރު، މި މަހުގެ މެދު ތެރޭގައި އިސީއިން މައުލޫމާތުދިން ގޮތުގައި އޭރު ބޭނުންވާ އަދަދަށްވުރެ 300 އޮފިޝަލުން މަދެވެ. އެހެންކަމުން ބޭނުންވާ އަދަދަށް އޮފިޝަލުން ނުލިބިދާނެކަމުގެ ކަންބޮޑުވުން އޮތެވެ. އެކަމުގެ ސަބަބުން އޮފިޝަލުންނަށްވުމަށް ނަން ހުށައެޅުމަށް ހުޅުވާލި މުއްދަތުވެސް އީސީއިން ވަނީ އިތުރުކޮށްފައެވެ.
މިއަދު އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މައުލޫމާތުދެއްވި ގޮތުގައި 5،000 އެއްހާ މީހުން ވަނީ އޮފިޝަލުންނަށްވުމަށް އެދި ކުރިމަތިލާފައެވެ. ހަބީބް ވިދާޅުވީ އޮފިޝަލުންނަށް ޓްރައިނިން ދޭޏެކަމަށާއި، އެކަމުގެ ކަންކަން އިއްޔަ ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި މިއަދާއި މާދަމާވެސް ޓްރައިނިން ދިނުން ކުރިއަށްދާނެކަމަށް ހަބީބް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އީސީއިން އުޖޫރަ ދޭނެއެވެ. އެގޮތުން:
ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ -/1500 ރުފިޔާ، ފޯނު އެލަވަންސް އަށް 100/- ރުފިޔާ
ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ -/1200 ރުފިޔާ
ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ -/500 ރުފިޔާ
މި ފައިސާ އޮފިޝަލުންނަށް ދޭނީ ވޯޓުލުން ކުރިއަށްދާ ދުވަސް، ސެޕްޓެމްބަރ 9 ވަނަ ދުވަހު އެކަނިއެވެ. އޭގެ އިތުރުން އޮފިޝަލުންނަށް އީސީއިން ފޯރުކޮށްދޭ ކަންކަމުގެ ތެރޭގައި، ކެއުން ހަމަޖައްސައިދެއެވެ.

