ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”އެމްޑީޕީ އެތައް އަހަރެއް މަގުމަތީ އުޅެން ޖެހުނު، އެ މާޒީ ތަކުރާރުވާން ބޭނުމެއް ނޫން“

ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި ޝައުނާ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ތާރީހުގައި މިވީ 18 އަހަރުގެ ތެރޭގައި ދަތި އުނދަގޫ ދުވަސްތަކާއި އެކު، އެތައް އަހަރެއް މަގުމަތީ ހޭދަކުރަން ޖެހުނުއިރު އާންމު މެމްބަރުން އެ މާޒީ ތަކުރާރުވާން ބޭނުން ނުވާކަމަށް އެންވަރަޔަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވާއިރު، އެމްޑީޕީން ތަކުރާރުކޮށް ބުނަމުން ދަނީ އަނިޔާވެރިކަން ތަކުރާރުވުމަށް ބޭނުން ނުވާކަމަށެވެ. އަދި އިދިކޮޅުގެ ކެންޑިޑޭޓަށް ދޭ ވޯޓަކީ މާޒީ ތަކުރާރުވުމަށް ދޭ ޖާގައެއްކަމަށް ވެސް ވަނީ ބުނެފަ އެވެ. އަންނަ ހަފްތާގެ ހޮނިިހިރު ދުވަހު ވޯޓުލުން އޮތް އިރު، އެމްޑީޕީގެ ހަރަކާތްތައް މާލޭގައި ދަނީ ކުރިޔަށެވެ. އެގޮތުން ރޭ ރައީސް ސޯލިހު ވެސް ބައިވެރިވެވަޑައިގެން، ރޭ އެ ޕާޓީން ބޭއްީި ގަލޮޅު ބައްދަލުވުމެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވައި، އެމްޑީޕީގައި ވެސް ގިނަ އަހަރުތަކެއްވެފައިވާ ޝައުނާ ރޭގެ ޖަލްސާގައި ފާހަގަކުރެއްވީ އެމްޑީޕީގެ މާޒީ އާއި ޕާޓީގެ ކުރިއެރުން އަދި ކުރިމަތިލާން ޖެހުނު އުނދަގޫތަކުން އަރައިގަތުމުގައި ގަލޮޅުގެ ހިއްސާ އެވެ. އެއްވެސް އިންތިހާބަކުން އިތުރު ޕާޓީއަކަށް ކުރިއެރުން ލިބިފައި ނުވާ މި ދާއިރާއިން، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ދެވެނަ ބުރުގައި ވެސް ހަމަ އެ ނަތީޖާ ފެންނާނެކަމުގެ އުންމީދު ކުރާކަމަށް ޝައުނާ ވިދާޅުވި އެވެ.

އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަމުން އައީ ރާއްޖެ ބަދަލުގެ މަގަށް ގެނައުމަށްކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ، 2008 ގައި އެންމެ ފުރަތަމަ ވެސް އަނެއް ދިވެހިރާއްޖޭގެ ނަމުގައި ފެށީ މުޅި ރާއްޖެ ބަދަލުކުރުމުގެ ދަތުރެއް ކަމަށެވެ.

އެދުވަހު ދިވެހިރައްޔިތުންނަށް ވައުދުވީ ޝައުނާ ވިދާޅުވި ގޮތުގައި ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލައި، ޑްރަގަށް ހުޅުވި ދޮރުތައް ބަންދުކޮށް ހެޔޮ ވެރިކަމެއް ގެނެސްދިނުމަށެވެ.

އެ ދަތުރުގައި އަޅުގަނޑުމެން ވައުދުވީ ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލުމަށް.. އެ ދަތުރުގައި އަޅުގަނޑުމެން ވައުދުވީ ދިވެހިރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ވިއުގައަކުން ގުޅުވާލުމަށް.. އެ ދަތުރުގަ އަޅުގަނޑުމެން ވައުދުވީ، ޑްރަގްސްއަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރުމަށް.. އެ ދަތުރުގައި އަޅުގަނޑުމެން ވައުދުވީ، ހެޔޮވެރިކަމެއް ދިވެހިރާއްޖެއަށް ގެނެސްދިނުމަށް..

އޭގެ ފަހުން ފާއިތުވި ކޮންމެ ދަތުރެއްގެ އަމާޒު ކުރީ ކުރިއެކޭ ވެސް އެއްގޮތަށް ހެޔޮވެރިކަމުގެ އަމާޒަށްކަމަށާއި، ޖަޒީރާ ރާއްޖެއިން ފެށިގެން މިއަދު އުފާވެރި އަމާން ރާއްޖެއަކާއި ހަމަޔަށް ދިއުމަށް އަނެއްކާވެސް މިސްރާބު ޖެހީ އެ އަޒުމާއި އެކުކަމަށް ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ މި މަސައްކަތް ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި އުންމީދަކީ ވެސް ބޮޑުތަނުން، ބޮޑު އަޣުލަބިއްޔަތަކާއި އެކު ރައީސް ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުންކަމަށް ޝައުނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ތާރީހުގައި މިވީ 18 އަހަރުގެ ތެރޭގައި ދަތި އުނދަގޫ ދުވަސްތަކާއި އެކު، އެތައް އަހަރެއް މަގުމަތީ ހޭދަކުރަން ޖެހުނުއިރު އާންމު މެމްބަރުން އެ މާޒީ ތަކުރާރުވާން ބޭނުން ނުވާކަމަށް ޝައުނާ ވިދާޅުވި އެވެ.

ޕޭޕާ ސްޕްރޭއާ.. އަނިޔާއާ.. އެސްއޯ ފުލުހުންގެ އަނިޔާތަކަށް އެ ދުވަހު އަޅުގަނޑުމެން ބިރެއް ނުގަނޭ.. މިއަދު އަޅުގަނޑުމެން ބިރު ގަންނަންވީ ހެއްދެވި ފަރާތް ދެކެ އެކަނި.. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވޯޓުން ބަލިކުރާނީ.. އެ އަނިޔާވެރިކަން ރާއްޖެއިން މާޒީއަކަށް ހެދުމަށް.. އަޅުގަނޑުމެން މި ކުރާ ދަތުރަކީ، އެކަމަށް ތިބޭފުޅުންނާ އެކު ކުރާ ދަތުރެއް..

ޝައުނާ ވިދާޅުވީ މި މަހުގެ 30 ގައި ދިވެހިރައްޔިތުން ދޭން އޮތީ އަނިޔާވެރިކަމުގެ މަގަށް ދާން އޮތް ވޯޓަކާއި، ހެޔޮވެރިކަމުގެ މަގަށް ދިއުމުގެ ވިސްނުމަށް އޮތް މަގު ކަމަށެވެ. ރައީސް ސޯލިހަށް ތާއީދު ކުރާ ސަބަބަކީ އެއީކަމަށާއި، ރައީސް ސޯލިހަކީ އަނިޔާވެރި ވެރިކަމެއް ކުރައްވާނެ ބޭފުޅެއްނޫންކަމަށް ޝައުނާ ވިދާޅުވި އެވެ.

އެއްބުރުން އިންތިހާބު ކާމިޔާބުކޮށް، ބޮޑު ތަފާތެއް ދައްކާނެކަމަށް ބުނި ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،164 ވޯޓެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި 101،058 ވޯޓާއި އެކު އިންތިހާބުގައި 45 އިންސައްތަ ލިބިވަޑައިގަތެވެ.

ރިޔާސީ އިންތިހާބަށް ކޯލިޝަނާއި އެކު ނިކުމެ ލިބުނު ނަތީޖާއަށް ރައީސް ސޯލިހު ވިދާޅުވީ ގޯސްތަކެއް ހެދުނުކަން ގަބޫލު ކުރާކަމަށާއި، އެކަންކަން ބަލައި ދެނެގަނެ ދެވަނަ ބުރު ކާމިޔާބު ކުރާނެ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ކުރެވުނު ބުރަ މަސައްކަތަށް ފަހު ނިކުތީ އުންމީދު ކުރި ނަތީޖާއެއް ނޫން ކަމަށެވެ. އެހެންވެ ޓީމުތަކާއި އެކު އައު މަސައްކަތެއް ފަށައި އެ ހެދުނު ގޯސްތަކަކީ ކޮބައިކަން ބަލައި ދެނެގަނެވިފައި ވާތީ އުނދަގޫ މަސައްކަތެއް ކުރަން އޮތްކަމަށް ގަބޫލު ނުކުރެވޭކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: