ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުގެ ހައްގުގައި ނުނިކުތް ސަބަބު ތާއީދު ހޯދަން އަންނަ މީހުން ކައިރީ އަހާތި: ރައީސް ޔާމީން

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތާއީދު ހޯދުމުގެ ގޮތުން އަންނަ މީހުންގެ ގާތުގައި އެމަނިކުފާނުގެ ހައްގުގައި ނުނިކުތް ސަބަބު އެއްސެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގޮވާލައްވައިފިއެވެ.

ގޭބަންދުގައި ހުންނަވައިގެން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކުޑަދޮރަކުން ފެންނަ ގޮތަށް ހުންނަވައިގެން ސަޕޯޓަރުންނާ މުހާތަބުކުރައްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ، ގައުމަށް އެތައް މަސައްކަތެއް ކުރައްވާފައިވީނަމަވެސް ޖަލަށް ވަޑައިގަތުމުން ނުވަތަ ގޭގައި އޮންނަވަން ޖެހިވަޑައިގަތުމުން އެމަނިކުފާނުގެ ހައްގުގައި ވަކާލާތު ކުރައްވާ މަގުތައް މައްޗަށް ނިކުންނަނީ އާންމު މެމްބަރުންކަމަށެވެ.

އެހެންނަމަވެސް ބޮޑެތި ގޮނޑިތަކުގައިތިބޭ މީހުންނަށް ލިބޭ ފަސޭހަތަކަކީ އެމަނިކުފާނާއި ޕީޕީއެމްއިން ކޮށްދީފައިވާ މަސައްކަތްތަކުގެ ނަތީޖާކަމަށް ވިދާޅުވިއެވެ. އަދި މަގާމުތަކަށް އާދެވެމުން ކަންކަން ހަނދާން ނެތުމަކީ އިންސާނީ ތޮބިއަތުން ފާހަގަކުރެވޭ ދެރަ މައްސަލައެއްކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ލޯބި ޖަލު ގޮޅިޔަކަށް ލީނަމަވެސް އަނބުރާ ނުލެވޭނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރާއި އިންޑިއާގެ ސަރުކާރުން އެމަނިކުފާނު ޖަލުގައި ބަހައްޓައިގެން އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެކަމަށް ގަބޫލުކޮށް ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ.

އެމްޑީޕީއިން މަސައްކަތްކުރަމުންދިޔައީ އެމަނިކުފާނު ނެތް ހާލަތުގައި ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރެވޭނެކަން ޔަގީންކޮށްގެންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންނަމަވެސް މާތްﷲ ގެ ތަދުބީރާއި ތަގުދީރުގައި ހުންނަ ކަންކަން މާ ވަރުގަދަވާނެކަން ރައީސް ސާލިހުގެ ސަރުކާރަށާއި ތާއީދު ކުރައްވާ އިލްމުވެރިންނަށްވެސް މިހާރު އެނގޭނެކަމަށް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުންވަނީ އެމަނިިކުފާނުގެ ޝަރީއަތްތައް ލަސްކުރުން ފަދަ އަމަލުތައް ހިންގާފައިކަމަށެވެ. އެމަނިކުފާނަކީ ރައީސްކަން ކުރައްވަން ބޭނުންވާ މީހެއްކަމަށް އެންމެނަށްވެސް ހީވާކަމަށާއި އެހެންނަމަވެސް އެއީ އެ ޝަރަފާއި އިއްޒަތާއި ލައްޒަތަށްޓަކައި ހޯދަންވާ މަގާމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި ރައީސް ކަމަކީ އުޅޭނެ ގަނޑުވަރެއް ނެތިގެން ހޯދަން ބޭނުންވާ އެއްޗެއް ނޫންކަމަށާއި ނުވަތަ އެއް ލައްކަ ރުފިޔާގެ މުސާރައެއްގެ ބޭނުމުގައިވެސް ހޯދާ އެއްޗެއް ނޫންކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މިހާތަނަށް ހައިކޯޓުންވަނީ ކަފާލާތުގެ ދަށުން މީހުން ދޫކޮށްފައިކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނާއި ޖެހުމުން އެ ފުރުސަތު ލިބިވަޑައިނުގެންނެވިކަމަށެވެ.

ހަމައެހެންމެ  ސުޕްރީމް ކޯޓުންވަނީ ނުރައްކާތެރި ނިންމުމެއް މި ފަހުން ނިންމާފައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރި ގޮތުގެ ސަބަބުން ކުރިއަށް އޮތް ތާނގައިވެސް ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ވެރިޔަކަށް ހުންނަ މީހަކަށް ވާދަވެރިޔާގެ ފުރުސަތު ގެއްލުވާލުމުގެ ފުރުސަތު ފަހިވެފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ކޮންމެވެސް ކަމެއްގައި އެމީހެއްގެ މައްޗަށް ދަށު ކޯޓަކުން ހުކުމެއް ކުރުމާއިއެކު ފުރުސަތު ގެއްލިގެންދާކަމަށާއި ކުށެއް ކުރިޔަސް ނުކުރިޔަސް ވަރިހަމަކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް މިފަހަރުވެސް އެމަނިކުފާނު މައުސޫމެއްގެ ގޮތުގައި މިނިވަންވެވަޑައިގަންނަވާނެކަމުގެ ޔަގީންކަން ރައީސް ޔާމީންވަނީ ސަޕޯޓަރުންނަށް ދެއްވާފައެވެ. އަދި ރައީސް ސާލިހުގެ ސަރުކާރު ނިމުމަކަށް އައިސްފައިވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އެންމެ ބޮޑު އުފާވެރިކަންކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މިންވަރުތަކާއި މިންގަނޑުތައް އެނގިގެންދާނީ ރައީސް ސާލިހުގެ ސަރުކާރުގެ މައްސަލަތައް ބެލުމުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެ މައްސަލަތައް ބަލަން ކެރެންވީކަމަށާއި ބަލައިފި ނަމަ ކަންކަން ފެންނާނެކަމަށް ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ވެފައިވާ ވައުދުތަކުން ދޫނުކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖެއިން އިންޑިއާ ސިފައިން ބާލައި އެންމެ ބޫޓު ޖޯޑެއްވެސް ދިވެހި ފަސްގަނޑުގައި ނުބަހައްޓާނެކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންވަނީ އެމަނިިކުފާނު ނޫން ލީޑަރަކަށް ޖަލުގައި ގިނަ ދުވަސްތަކެއް ތަހައްމަލުކުރެވިދާނެތޯ ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ބޭސް ފަރުވާ ފަދަ ކަންކަމަށް ބޭރަށް ދިއުން ނުވަތަ ސަރުކާރާއިއެކު އެއްބަސްވުމެއް ވުމުގެ ސަބަބުން ގެއަށް ބަދަލުކުރުން ފަދަ ކޮންމެވެސް ކަމެއް ވާކަމަށާއި، އެހެންނަމަވެސް އެމަނިކުފާނާއި ނެގޯޝިއޭޓު ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރު އަދި އެހެން ބައެއްގެ ގާތުގައިވެސް އާދޭސް ކުރުމަށް ބޭނުންނުވާ ކަމަށާއި އެންމެ ބޮޑުވަރުވެގެން އަނބުރާ ޖަލަށް ގެންދާނެކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އެކަމާއި ހާސް ނުވާކަން ހިއްސާކުރައްވާފައެވެ. އަދި ޖަލަކީ އެމަނިކުފާނުގެ ދެވަނަ ގެކޮޅުކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
34%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 5%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޔާމީގެ ހައްޣައި މަދްލަހަތައްވުރެ ޤައުމުގެ ހައްގާއި މސަލަހަތު ބޮޑު. މަގުމައްޗަށް ހަލަބޮލިކުރަން ނުނިކުތުމު މާނައެއް ނޫން ޔާމީންގެ ހައްގެއް ގެއްލުމޭ. ކަން ކުރަން އޮންނަ ރީތިގޮތުގަ ކިރެވޭނެ. އަދުން އަދަށް ކަންކަން ހާސިލްކުރުމަށް ގަދަ ބާރާއި ނުފޫޒުން އުޅޭކަށް ނުޖެހޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: