ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލު ވަރަށް ދަށް ކަމަށާއި އެހެން ކަމުން ކުންފުނިތައް ހިންގުމަށް ބޮޑެތި އަދަދުތަކުން ފައިސާ ބޭނުންވާނެކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެެވެ.
އިންތިގާލީ މަރުހަލާގެ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ސިލްސިލާކޮށް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، މިއަދު އޮތް ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ސަރުކާރުގެ ބަދަލުކުރުމުގެ މަރުހަލާގެ ތެރެއިން، ކުންފުނިތަކާއި ބައްދަލުކުރަމުންދާއިރު، ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
މުސްތަގިއްލު މަސައްކަތްތައް ކުރާ ދިވެހި ބަހުގެ އެކެޑަމީފަދަ މުއައްސަސާތަކާއި ބައްދަލުކުރާއިރު ސިޔާސީ ނުފޫޒުގެ ސަބަބުން މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރާކަމަށް ވިދާޅުވިއެވެ. ބަޖެޓާއި، އިންސާނީ ވަސީލަތްތަކުގެ ދަތިކަންވެސް މުއައްސަސާތަކަށް އެބަހުރިކަަމަށާއި، އެހެންކަމުން އިލްމީ އަދި ފަންނީ މަސައްކަތްތަކަށް ދަތިވަމުންދާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މުއައްސަސާތަކެކޭ އެއްގޮތަށް ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ހާލަތުވެސް ވަރަށް ގޯސްކަމަށާއި، އެތަކެއް ދަރަންޏެއް އެބައޮތްކަމަށް ވިދާޅުވިއެވެ. ވައުދުތައް ފުއްދުމުގައި ނުވަތަ މަޝްރޫއުތައް ހިންގުމުގައި ޝާމިލުވާ އެސްއޯއީތަކަށް ލިބެން ޖެހޭ ފައިސާ ނުވަތަ މަޝްރޫއުތަކުގެ އަގު ނުދެވި އެބަހުރިކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް އެ ކުންފުނިތަކުން ފާހަގަކުރަމުންދާ ކަމަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ފަހު އެއަށް ލިބެންޖެހޭ ފައިސާ، މަޝްރޫއުތަކުގެ އަގު ވަރަށް ބޮޑަށް ނުލިބި ހުރުމުގެ ސަބަބުން އެ ކުންފުނިތަކުގެ ކޭޝް ފްލޯ އަށް ވަރަށް ބޮޑަށް ވަނީ ދަތިވެފައި.
ފިރުޒުލް ވިދާޅުވިއެވެ.
އެހެންކަމުން އެ ކުންފުނިތަކުގެ ކޭޝް ފްލޯއަށް ވަރަށް ބޮޑަށް ދަތިވެފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. ފިރުޒުލް ވިދާޅުވީ މިކަމުގެ ސަބަބުން މި އަހަރު ނިމޭއިރު، ކުރިއަށް އޮތް ދެ މަހުގެ ޑެއިލީ އެކްސްޕެންޝަންތައް ފުއްދުމަށްޓަކައި ވަރަށް ބޮޑު އަދަދުތަކުން ކޭޝް ފްލޯ އިންޖެކްޓް ކުރަން ޖެހޭނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.
ނަމަވެސް، އެއީ ކޮން ކުންފުނިތަކެއް ކަމަށް ފިރުޒުލް ހާމަ ކުރައްވާފައެއް ނުވެއެވެ.

