އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ޖަލްސާއަށް އާންމުންގެ 1000 މީހަކަށް ވަދެވޭނެ ކަމަށް ޑރ.މުޙައްމަދު މުޢިއްޒުގެ އިންތިގާލީ ސްޕޯކްސްޕާރސަން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމުގެ ޖަލްސާއަށް ހާއްސަ ދައުވަތުގެ ގޮތުގައި 3،500 ފަރާތަކަށް ވަދެވޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ. އަދި އޭގެ އިތުރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އާންމުންގެ ތެރެއިން 1،000 ފަރާތަކަށް ބައިވެރިވެވޭނެ ގޮތަށް އިންތިޒާމު ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ހަރަދު ބޮޑުވާތީ ވީހާވެސް ކުޑަކުރުމަށް މަޝްވަރާ ކުރައްވައިފައިވާ ކަމަށްވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.
ފިރުޒުލް އިތުރަށް ވިދާޅުވީ ހުވާކުރުމުގެ ޖަލްސާއަށް މިހާރު ދަނީ ތައްޔާރުވަމުން ކަމަށާއި، ފުރަތަމަ އަދަދެއްގެ ގޮތުގައި ނިންމީ 29 މިލިއަން ރުފިޔާ ކަމަށްވިޔަސް އެ އަދަދު ބޮޑު ކަމަށް އިންތިހާބީ ރައީސް ނިންމެވުމުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާތަކަށްފަހު ހަރަދު ކަނޑައަޅީ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރެއްވި ޖަލްސާގައި ހަރަދުވެފައިވަނީ 10 މިލިއަން ރުފިޔާއެވެ. ނަމަވެސް ޑރ. މުއިއްޒުގެ ހުވާކުރުމުގެ ޖަލްސާއަށް ކަނޑައަޅާ އަގަކީ 22.9 މިލިއަން ރުފިޔާއެވެ.

