ސީރިއަސް މައްސަލައެއްގެ ގޮތުގައި އިޒްރާއީލްގެ ޕާސްޕޯޓު ބޭން ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް އޮފީހުގެ ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މި މައްސަލައާއި ގުޅިގެން ސަރުކާރުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބޭކަމަށް ނޫސްވެރިޔާގެ ސުވާލުގައި ފާހަގަކުރުމުން ފިރުޒުލް ވިދާޅުވީ، އޭރު ދަންނަވާފައިވާނީ، އެ ވަގުތަށް ދަންނަވާނެ ވަކި އެއްޗެއް ނެތްކަމަށެވެ. ނަމަވެސް އެ މަސައްކަތްތައް އެކަމާއި ގުޅޭ އިދާރާތަކާއިއެކު ސީރިއަސް ސިފައެއްގައި ކުރިއަށްދާކަމަށް ފިރުޒުލް ވިދާޅުވިއެވެ. މި މަސައްކަތްތައް ކުރިއަށް ދަނީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުންކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުންވެސް ވަނީ އިޒްރާއީލުގެ ޕާސްޕޯޓު ބޭން ކުރުމަށް ލަފާ ދީފައެވެ. އެއީ އިޒްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލާ، އެތަނަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތް ކުށްވެރިކުރުމުގެ ގޮތުންނެވެ. މިކަމާއި ގުޅިގެން މަޖިލީހަށް ހުށައެޅުއްވި މައްސަލައިގައި ވަނީ އިޒްރާއީލްގެ ޒަޔަނިސްޓުން މުސްލިމުންނަށް އެދޭ ގެއްލުމަށްފަހު، ރައްކާތެރިކަން ހޯދާ އުފާކުރަން އަންނަ ތަނަކަށް ރާއްޖެ ހެދުމުގެ ފުރުސަތު ދީގެން ނުވާނެކަމަށެވެ.
ނޫސްވެރިއަކު ވަނީ އެކަމާއި ގުޅިގެން ގޮތެއް ނުނިންމާ އޮތީ ބޭރު ގައުމުތަކުގެ ފިއްތުންތަކުގެ ސަބަބުންތޯވެސް ސުވާލުކޮށްފައެވެ. ފިރުޒުލް ވިދާޅުވީ ރާއްޖޭގެ ގާނޫނީ ނިޒާމު ބެލުމުން ވަކި ގައުމެއްގެ ޕާސްޕޯޓް މަނާކުރެވޭނީ ގާނޫނުގެ ތެރެއިންކަމަށެވެ. އެހެންކަމުން މިހާރު ކުރިއަށްދަނީ ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުންކަމަށް ވިދާޅުވިއެވެ. އެއީ ސީފާ ރައީސުލްޖުމްހުރިއްޔާއަށް ނިންމެވޭނެ ނިންމެވުމެއް ނޫންކަމަށް ފިރުޒުލް ވިދާޅުވިއެވެ.

