ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަން: ޑރ މުއިއްޒު ވެރިކަމެއްގައި ޑިޖިޓަލް ނޭޝަނަލް އާރކައިވްއެއް ޤާއިމުކުރާނެ!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރާއި ހަމައަށް އައި އިރުގައި، ޒަމާނާއި އެއްވަރަށް ބޭނުންކުރާ ތަކެއްޗަށާއި، އެތަކެތި ބޭނުންކުރާ ގޮތަށްވެސް މިވަނީ ބަދަލު އައިސްފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަންވެސް، މިހާރު ސިކުންތެއްގެ ތެރޭގައި އިނގޭއިރު، އެތައް މެއިލެއް ދުރުގައި ހުންނަ މީހާއާއިވެސް ފޯނު މެދުވެރިކޮށް ގުޅާ ވާހަކަދެއްކެއެވެ. އެހެނިހެން ކަންކަން ކުރާ ގޮތްވެސް މިވަނީ ޒަމާނީ ވަސީލަތްތަކާއިއެކު ތަފާތުވެފައެވެ.

ވިޔަފާރިކުރުމުގައި އާއި، އިލްމު އުނގެނުމުގައި އަދި އެހެން އިތުރު ކަންކަމުގައިވެސް މިގޮތްތައް ބޭނުންކުރެއެވެ. އޮންލައިންކޮށް ނުވަތަ ޑިޖިޓަލްކޮށް މިހާރު ކޮންމެ ކަމެއްވެސް ކުރެވެއެވެ. އޮފީސްތަކަށް ގޮސް ހުށައަޅާ ފޯމު މިހާރު ގޭގައި ހުރެގެންވެސް ހުށައެޅެވެ. ނަމަވެސް މިކަންކަން އަދި އިތުރަށް ހަރުދަނާވެ، ތަރައްގީވުުމަކީ އަބަދުވެސް ކުރެވޭ އުއްމީދެކެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ހުށައެޅި މެނިސްޓޯތަކުގައިވެސް ރައްޔިތުންގެ ތާއީދު ހޯދުމަށްޓަކައި، ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަން މިއީ ފާހަގަކޮށްލެވޭނެ މައުލޫއެކެވެ.

ހިދުމަތްތައް ހޯދުމުގައި އާއި ހިދުމަތްތައް ދިނުމުގައި ގެންގުޅޭ އުސޫލުތައް ފަސޭހަކޮށްދިނުމަށްޓަކައި، ޒަމާނާއި އެއްގޮތަށް ޑިޖިޓަލްކުރުމަށް ކޮންމެ ކެންޑިޑޭޓަކުވެސް ވައުދުވެވަޑައިގެންނެވިއެވެ. އެގޮތުން އިންތިހާބުވި ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހުރި ކަންކަމަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ކަންކަމަށްވާތީ އެކަންކަމަށް ނަޒަރެއް ހިންގާލުމަކީ މުހިންމުކަމެއްކަމުގައި ދެކެމެވެ.

ޓެކެނޮލޮޖީގެ އެހެން ހަރުފަދަތަކަށް ރާއްޖެ ގެންދިއުމަށްޓަކައި ޖުމްލަ 16 ވައުދެއް ޑރ މުއިއްޒު ވަނީ ވެވަޑައިގެންފައެވެ.

އެގޮތުން:

  1. އިންޓަރނެޓް މެދުވެރިކޮށް ވިޔަފާރި ކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން އޮންލައިން ޕޭމަންޓް ސިސްޓަމްތައް ކަމަށްވާ ޕޭޕަލް، ޕެއޮނިއާ، ސްޓްރައިޕް، ސްކްރިލް އަދި ނެޓެއްލާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބުން ފަސޭހަގޮތުގައި ކުރެވޭނެ ގޮތް ހަޖައްސައިދިނުން.
  2. ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތައް ކަމުގައިވާ އެމޭޒަން، އީބޭ، ޝޮޕިފައި، ޝޮޕީ އަދި ލަޒާޑާ ފަދަ ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސައިދިނުން.
  3. ދުނިޔޭގައި މިހާރު ކުރިއަރަމުންދާ އޮން-ޑިމާންޑް ވާރކްފޯސް ނުވަތަ ފްރީލާންސިންގ މާކެޓްތަކަށް ދިވެހި ޒުވާނުންނަށް ފުރުޞަތު ހުޅުވައިދިނުމުގެގޮތުން ފައިވަރ، އަޕްވާރކް، ފްރީލާންސަރ، ގުރޫ އަދި ޕީޕަލްއަވަރ ފަދަ ޕްލެޓްފޯމްތަކުގައި ސެލަރ އެކައުންޓް ހުޅުވޭގޮތް ހަދައިދީ، މިޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދިނުން.
  4. ދުނިޔޭގެ ބޮޑެތި ކުންފުނިތައް (ގޫގުލް، މައިކްރޯސްފޮޓް، އެމޭޒަން، އައި.ބީ.އެމް) ފަދަ ކުންފުނިތަކުގެ ސްޓޮކޮސް ރާއްޖޭގައި ތިބެގެން ދިވެހިންނަށް ގަނެ ވިއްކޭނެ މަގު ފަހި ކޮށްދިނުމުގެ އިތުރުން ފޮރެކްސްޓްރޭޑިންގް އާއި ކްރިޕްޓޯ ކަރެންސީ ޕްލެޓްފޯމްތަކަށް ފަސޭހައިން އެކްސެސް ލިބި، އެ ޕްލެޓްފޯމްތައް ވެދުވެރިކޮށް ދިވެހިންނަށް ޓްރޭޑް ކުރެވޭނެގޮތް ހަމަޖައްސައިދިނުން.
  5. ކޯޑިންގގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ދިއުމަށްޓަކައި ބޭނުންވާ ހުނަރާއި ފުރުޞަތު ތަނަވަސް ކޮށްދޭނެ މަރުކަޒެއް ޤާއިމުކުރުން.
  6. ޑިޖިޓަލް ކަރަންސީގެ ވިޔަފާރި، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ތަޢާރަފުކުރުން.
  7. ބްލޮކްޗެއިން ޓެކްނޮލޮޖީ ތަޢާރަފު ކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި ވާންޖެހޭ ތައްޔާރީތައް ވުން.
  8. ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ރާއްޖޭގައި ޤާއިމުވުމަށް، އެފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ޤާއިމުކޮށްދިނުން.
  9. އައި.ޓީ އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ޢަދަދު އިތުރުކުރުމަށްޓަކައި، އެކަމަށް އިންވެސްޓްކުރުމާއި، ތަޢުލީމާއި ތަމްރީނު ދިނުމާއި، އެދާއިރާތަކުން ވިޔަފާރިތައް އިތުރުކުރުމާ، މަތީ ސާނަވީ މަންހަޖުގައި އެދާއިރާތަކަށް އިތުރު ސަމާލުކަންދީ، ‘ވިމެން އިން ޓެކްނޮލޮޖީ’ (ވިޓް) ގެ ނަމުގައި ޤައުމީ ޙަރަކާތެއް ހިންގުން.
  10. ސަރުކާރު ހިންގުމުގައި ޒަމާނީ ހަލުވިކަމާއި ފަސޭހަކަން ގެނެއުމަށްޓަކައި އާރޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ކުރެވޭ މިންވަރު އިތުރުކުރުން.
  11. ޑިޖިޓަލް ޕޭމަންޓް ހެދުމުގައި މިހާރު ރާއްޖޭގައި ނެގެމުންދާ ފީތައް ކުޑަކުރުމަށް ސަރުކާރުގެ ސިޔާސަތު ބައްޓަންކުރުން.
  12. ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ކައުންޓަރު ޚިދުމަތް އެއް ފުރާޅެއްގެ ދަށަށް ގެނެސް ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފުޅާ ދާއިރާއެއްގައި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ހުރިހާ ޚިދުމަތަކަށް ސަރުކާރުގެ އެއް ކޯލް ސެންޓަރު އަދި ފީޑްބެކް ނިޒާމު ޤާއިމުކުރުން.
  13. ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ‘ޕޭޕަރލެސް’ ކޮށް ހިންގޭނެ ފެންވަރަށް އޮފީސްތަކުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒްކޮށް، އޮފީސް ހިންގުމަށް ބޭނުންވާނެ އެންމެހާ ޕްރޮގްރާމުތަކާއި ސޮފްޓްވެއަރތަކާ އިންޓަރފޭސްތައް ޤާއިމުކުރުން.
  14. ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ލިޔެކިޔުންތަކެއް ހިމެނޭ ‘ޑިޖިޓަލް ނޭޝަނަލް އާރކައިވް’ އެއް ޤާއިމުކުރުމާއި، ޤާނޫނެއްގެ ދަށުން، ލިޔެކިޔުން އެއާކައިވްގައި ރައްކާކޮށް، ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުން.
  15. މާލޭގެ އަދި ކޮންމެ ސިޓީއެއްގެ ކޮންމެ މަގަކާ ގުޅޭގޮތުން ރައްޔިތުން ޚިދްމަތް ލިބިގަންނާނޭ ޑިޖިޓަލް ޕްލެޓްފޯމެއް ޤާއިމުކުރުން.
  16. މާލޭގެ ޓްރެފިކް ނިޒާމު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ޑިޖިޓަލައިޒްކޮށް، ޒަމާނީ ފެންވަރަށް ބެލެހެއްޓުން.

މިއީ އެކަމެއް ކުރެވިއްޖެނަމަ ރައްޔިތުންނަށް އެކަމުގެ ހެޔޮ މަންފާ ލިބޭނެ ކަންތައްތައްކަން ޔަގީނެވެ. އަދި އަންނަ އޮތް ޖީލުތަކަށްވެސް އެތަކެއް ފަސޭހަތަކެއް ލިބި، ކަންކަން ޒަމާނާއި އެއްވަރަށް ތަރައްގީކުރުމަށް ލިބިގެންދާނެ ހިތްވަރަކަށް ވެގެންދާނެ ކަންކަމެވެ.

އެންމެ ފުރިހަމައަށް ހޭލުންތެރި ވެވިއްޖެނަމަ، ޑރ މުއިއްޒުގެ ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަން ސިޔާސަތުތައް ވެގެންދާނީ ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެންނުވާނެ ސިޔާސަތުތަކަށްކަން ޔަގީނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: