ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ފަރުމާ ކުރުމަށް ލިބުނީ ހަނި ފުރުސަތެއް، އުންމީދީ ބަދަލެއް ގެނެވޭނެ: ފިރުޒުލް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު ފިރުޒުލް/ ފޮޓޯ: އިންތިހާބީ ރައީސްގެ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެނައުމަށް ބޭނުންވާ ބަދަލުތަކަކީ ދުރުރާސްތާ ވިސްނުންފުޅެއްކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ގައުމަށް ތަރައްގީ ގެނައުމުގައި އިންތިހާބީ ރައީސް ގެންގުޅުއްވަނީ ދުރުރާސްތާ ޕްލޭނެއް ކަމަށެވެ. ފިރުޒުލް ވިދާޅުވީ މާލީ ހާލަތާ ގުޅުން ހުރި ފިކްސަލް ހިރާސްތަކަށް ވެސް ބަޖެޓުގެ މަސައްކަތް ކުރާއިރު، ރިއާޔަތް ކުރައްވަން އިންތިހާބީ ރައީސް ނިންމަވާފައިވާކަމަށެވެ. އަދި ބޭނުމަކީ ރައްޔިތުންނަށް އެންމެ ފަހި އުންމީދީ މަގަކަށް ގެނެވޭނެ މަގަކުން ބަޖެޓު ކުރިޔަށް ގެންދިއުންކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓު އަދި، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބެޖެޓަށް މަސައްކަތް ކުރުމަށް ލިބިފައި ވަނީ ހަނި ޖާގައެއްކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަޖެޓުގައި މިހާރު ހުރީ ސަރުކާރަށް ވާރުތަވާ ބައެއް ކަންކަމަށްވުމާއި އެކު މަސައްކަތް ކުރަމުން ދަނީ ފިރުޒުލް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ފަހި ގޮތްތަކެއް ހޯދުމަށެވެ.

ފިރުޒުލް ވިދާޅުވީ ހަމައެކަނި އަންނަ އަހަރުގެ ބަޖެޓަށް ވިސްނުމުގެ ބަދަލުގައި މެދު ރާސްތާގައި ދުރަށް ވިސްނައި، ބަޖެޓުގައި ހުރި ފިކްސަލް ހިރާސްތަކަށް ވެސް ވިސްނާނެ ކަމަށެވެ.

މިހާރު ކަން އޮތްގޮތުން ބަޖެޓު ފަރުމާ ކުރުމަށް ދަތިތަކެއް ހުރިނަމެސް އުންމީދީ ހަލެއް ގެނެވޭނެކަމަށް ފިރުޒުލް ވިދާޅުވި އެވެ.

އަހަރުގެ ބާކީ އޮތް ދެ މަސް ދުވަހުގެ ހަރަދުތައް ހަމަޖެއްސުމަށް ޖުމްލަ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. މި ބަޖެޓާއި އެކު މި އަހަރުގެ ޖުމްލަ ބަޖެޓު 49.2 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ލަފާ ކުރާ އަދަދަށް ވުރެ ހަރަދުތައް ބޮޑުވެ ކޮންމެ އަހަރަކު ވެސް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހެ އެވެ. މިއަހަރު އަނެއްކާވެސް އިތުރު ހަރަދެއް ހިނގީ ތެލުގެ ހަރަދު ބޮޑުވުމާއި މަޝްރޫއުތަކަށް ކުރި ހޭދައިގެ ސަބަބުންނެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިންވެސްޓްމަންޓު ހޭދައަށް ބަޖެޓު ކުރި އަދަދަށް ވުރެ 300 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައި ވެއެވެ. އަދި އާސަންދަށް އެއްކަނި ވެސް ބަޖެޓު ކުރި އަދަދަށް ވުރެ 487 މިލިއަން ހަރަދު ކުރިއިރު، ސަބްސިޑީއަށް އިތުރު 700 މިލިއަން ވަނީ ހަރަދުކޮށްފަ އެވެ.

ސަންގުޓީވީއަށް މައުލޫމާތު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ބޭނުންފުޅުވާ ބަދަލުތައް ހުށަހެޅުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވެސް ވަނީ ޓްރާންސިޝަން ކޮމިޓީން އެދުނު ގޮތަށް 200 މިލިއަން ރުފިޔާ އިތުރުކޮށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅާފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ. މި އަދަދު ހަރަދު ކުރަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު އަދި މިހާތަނަށް ނުލިބެ އެވެ.

ސެޕްޓެމްބަރު މަސް ނިމުނު އިރު، މި އަހަރަށް ފަސް ކުރި ބަޖެޓުގެ 80 އިންސައްތަ ވަނޫީ ބޭނުންކޮށްފަ އެވެ. އެކަމަކު އެ ހަރަދުތައް ކުރި ދާއިރާތައް ފެންނާނެ ތަފްސީލީ ރިޕޯޓު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: