ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ މުއިއްޒުގެ ”ދުސްތޫރީ، ޤާނޫނީ އަދި ޝަރުޢީ އިޞްލާޙު“ ހައްލުގެ ފޯމިއުލާ!

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގައި އޮވެ، އެމްޑީޕީއިން ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިއުން އަމާޒު ކުރީ ރާއްޖޭގެ ޖުޑިޝަރީ ދާއިރާ އިސްލާހު ކުރުމަށް ގޮވާލައިއެވެ. އަދި ކޯޓުތަކާއި، ފަނޑިޔާރުންނަކީ ސަރުކާރުގެ ނުފޫޒުގެ ދަށުން އެއްކިބާވެފައި ތިބޭ ބަޔަކަށް ހެދުމަށާއި ޝަރީއަތްތަކަށް ފަހު ހުކުމްތައް ވަކި ގޮތަކަށް ނެރެން ރައީސް ޔާމީން މަޖުބޫރު ކުރުވިކަމަށް ތުހުމަތު ކުރިއެވެ. އެ ހުރިހާ މައްސަލައެއްގެ ހައްލަކީ، އެމްޑީޕީން ބުނި ގޮތުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެން ވާ ގޮތް ބަދަލުކުރުމަށެވެ.

ޖޭއެސްސީގެ މެމްބަރުންކީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތް ބައެއްގެ ގޮތުގައި ހެދުމަށް އެންމެ މުހިންމީ މަޖިލީހުގެ މެމްބަރަކާއި މަޖިލީހުގެ ރައީސް ކޮމިޝަނުގައި ހުރުން ނިމުމަކަށް ގެނައުން ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ. އަދި މި ސަރުކާރުން އެންމެ ބޮޑު މަސައްކަތްތައް ކުރާނީ ޝަރުއީ ދާއިރާ އިސްލާހުކޮށް، އިންސާފުވެރި ފަނޑިޔާރު ގެއެއް ހޯދައިދިނުމަށްކަން ފާހަގަ ކުރިއެވެ.

ވެރިކަން ނިމެން މިހާރު 25 ދުވަހަށް ވެފައިވާއިރު، މިއިން އެއްވެސް ވައުދެއް އެކަށީގެންވާ ގޮތެއްގައި ފުއްދިފައެއް ނެތެވެ.

ދެން އޮތީ އަންނަ އޮތް ސަރުކާރެވެ. އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގެ “ދުސްތޫރީ، ޤާނޫނީ އަދި ޝަރުޢީ އިޞްލާޙު” ތެރޭގައި ހުރި، ދިވެހި ރައްޔިތުން އެތައް ދުވަހެން ވަންދެން ދެކުނު ހުވަފެނުގައި ކުލަޖެހޭނެ ވާހަކަތަކެވެ.

އެގޮތުން:

  1. ފުރިހަމަ ބެއިލްގެ ގާނޫނެއް ތަޢާރަފްކުރުމާއެކު، ކޮންމެ މީހަކަށްވެސް ތުހުމަތުކުރެވޭ މަރްޙަލާގައާއި، ޙުކުމް އިސްތިއުނާފުކުރާ މަރްޙަލާތަކުގައި ބެއިލް ލިބޭނެގޮތް ހެދުމާ، ބެއިލް ބަހައްޓާނެ ފަރާތާއި، ބެއިލްގެ މިންވަރު ލިބޭނެގޮތް ހަމަޖެއްސުން.
  2. ދައުލަތުން ޙައްގުނޫންގޮތުގައި ހައްޔަރުކޮށް އަދަބުދޭ ފަރާތްތަކަށް ކޮމްޕެންޒޭޝަން ލިބޭނެ ގޮތްތަކާއި ޢުޞޫލުތައް ކަނޑައެޅުމަށްޓަކައި، ކްރިމިނަލް ކޮމްޕަންސޭޝަން ޤާނޫނެއް ތަޢާރަފުކުރުން.
  3. ސްމޯލް ކްލެއިމްސް ކޯޓެއް ޤާއިމުކުރުން.
  4. މަދަނީ މައްސަލަތަކުގައި އަވަސް އިންސާފު ހޯދައިދިނުމަށް އަދި އިންސާފު ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް، މަދަނީ އިޖްރާއަތުގެ ޤާނޫނު އިޞްލާޙުކުރުން.
  5. ޑްރަގްކޯޓްގެ ނިޒާމު ޒަމާނާއެއްގޮތަށް ހަރުދަނާކުރުމާއެކު މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިޞްލާޙުކޮށް، މުޖްތަމައުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް އިތުރު ބާރެއް އެޅުން.
  6. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާއި، މެންބަރުންގެ މިހާރަށްވުރެ މަތިކުރުމާ، ޖުޑިޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާގޮތް އިޞްލާޙުކޮށް އެމުޢައްސަސާ މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވުމުގެ މަގު ބަންދުކުރުމާ، ޤައުމަށް ޢައްދާރުވުމުގެ ކުށް ތަފްޞީލުކޮށް ހިމެނުމަށްޓަކައި، ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް މަސައްކަތްކުރުން.
  7. ޤައުމަށް ޢައްދާރުވުން ނުވަތަ ހައި ޓްރީޒަންގެ ކުށާއި އޭގެ އަދަބު ބަޔާންކުރާ ޤާނޫނެއް ތަޢާރަފުކުރުން.
  8. ފުލުހުންގެ މުވައްސަސާއަކީ މިނިވަން، އިންސާފުވެރި އަދި މުޖްތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ތަނަކަށް ހެދުމަށްޓަކައި، ފުލުހުންގެ ޤާނޫނު އިޞްލާޙު ކުރުން.
  9. މުޢައްސަސާގައި އިތުރު ޒަމާނީ ޚިދުމަތްތައް ތަޢާރަފުކުރުމާއި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ، ސިފައިންގެ ތެރެއިން ކޯޓްމާރޝަލް ކުރުމުގެ ހަމަތަކާއި ޢުޞޫލުތައް ކަނޑައެޅުމަށްޓަކައި، ސިފައިންގެ ޤާނޫނު އިޞްލާޙުކުރުން.
  10. ވަކިބާވަތެއްގެ ކްރިމިނަލް ކޮމްޕްލެއިންޓްސް، އަމިއްލަ ފަރުދުންނަށް މެޖިސްޓްރޭޓަށް ސީދާ ހުށަހެޅޭގޮތް ހެދުން.
  11. އަތޮޅުތެރޭގައި އަދި ރަށުފެންވަރުގައި ރައްޔިތުން އިންސާފަށް ވާޞިލުވުމަށް ހުރި ހުރަސްތައް ނައްތާލެވޭގޮތަށް ކޯޓުތަކުގެ ކަންކަމާއި އަދި ނިޒާމު ބަދަލުކުރުން.
  12. ޤާނޫނު އަސާސީގެ މަޤްޞަދެއްކަމަށްވާ، ވީއެންމެ އަވަހަކަށް ދަޢުވާކުރުން ފަހިކުރުމުގެ ގޮތުން، 24 ގަޑިއިރުގެ ތެރޭގައި ނުވަތަ ލަސްވެގެން 48 އިރުގެ ތެރޭގައި ދަޢުވާ ކުރެވޭނެގޮތަށް ފުލުހުންގެ މަސައްކަތް އިންތިޒާމުކޮށް، ފަރުދުން ‘ވާނުވާގައި’ ހައްޔަރުކޮށް ކަސްޓާޑީގައި ބޭތިއްބުން ނިމުމަކަށް ގެނައުން.
  13. ފުލުހުންގެ ‘އިންޓެލިޖެންސް’ ކަމަށް ބުނެ ހައްޔަރުކުރަން ހުށަހަޅާ ޙާލަތުގައި ފުލުހުންނަށް ހީވާހީތަކާއި، ފުލުހުން ސާބިތު އަދި ހާމަ ހެތްކާއިނުލާ ހުށަހަޅާ ތަކެތީގެ މައްޗަށް ބިނާކޮށް، މުއްދަތު ޖެހުން ނިމުމަކަށް ގެނައުން.
  14. އެއްވެއުޅުމުގެ ޙައްޤަކީ އަސާސީ ޙައްޤެއްގެ ގޮތުގައި ބެލުމާއި، ކުރިއަރާފައިވާ ޤައުމުތަކުގެ މިންގަނޑުތަކަށް ރިއާޔަތްކުރުމާއެކު އިސްލާމީ ޝަރީޢަތާ ޚިލާފުނުވާގޮތަށް، އެއްވެއުޅުމަށް އޮތް ޙައްޤު ފުޅާކުރުން.
  15. ކުދި ކުށްތަކުގައި ޖެހޭ ކުށުގެ ރިކޯޑުގެ ސަބަބުން ވަޒީފާ ލިބުމަށް ހުރަސްއެޅެމުންދާދިއުން ނިމުމަކަށްގެނައުން.

މިކަންކަން ކުރެވިއްޖެނަމަ، ރާއްޖޭގެ ރައްޔިތުން ބޭނުންވާ އަދުލު އިންސާފު ގާއިމްކުރުމަށް މަގު ފަހިވެގެންދާނެއެވެ. ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ވެގެންދާނެއެވެ. ޖުޑިޝަރީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުންނަށްވެސް ފުރިހަމަ މިނިވަންކަން އޮތްކަން ކަށަވަރުވެގެންދާނެއެވެ. މިނިވަން މުވައްސަސާތަކަކީ ގާނޫނު އަސާސީގައި އާއި ގާނޫނުތަކުގައި ހަމައެކަނި މިނިވަން ޖަހާފައި އޮންނަ މުވައްސަސާތަކެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އެ މުވައްސަސާތަކަކީ ހަގީގީ މާނައިގައި މިނިވަން ތަންތަންކަން ރައްޔިތުންނަށް ކަށަވަރުވެގެންދާނެއެވެ.

ޝަރުއީ ނިޒާމަށް ގެއްލިފައިވާ އިތުބާރު އަލުން ލިބިގެންދާނެއެވެ. ގާނޫނުގައި ޝަރުއީ ދާއިރާ އެއީ މިނިވަންވާންޖެހޭ ދާއިރާއެއްގެ ގޮތުގައި ލިޔެފައި އޮންނަ އޮތުން ހަގީގަތުގައިވެސް ތަންފީޒުވެގެންދާނެއެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނުގެ ވެރިކަން ނަގަހައްޓާ ފަރާތަކީ އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ ބާރުކަމަށްވާއިރު، މިކަން ފުރިހަމަވުން ވެގެންދާނީ ހަމަގައިމުވެސް ރާއްޖެ މީގެ އެތައް ސަތޭކަ އަހަރު ކުރިން ނުދެކޭފަދަ ބޮޑު އިންގިލާބަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: