ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ވެރިކަން ގެއްލުނީ ރައީސް ސާލިހުގެވެސް ސަބަބުން!

އެމްޑީޕީގެ ގައުމީ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކ ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ މައިދާނު ކެކި އަރައި ގިނަ މަންޒަރުތަކެއް ފެނި އެތައް އަޑެއްވެސް އިވިއްޖެއެވެ. އެމްޑީޕީގެ އެންމެ މަތީ ފަޑީގައި ޖެހުނު ޖާގައިގެ މައްސަލައެއްގެ ސަބަބުން އުފެދުނު އައު ޕާޓީ ކަމަށްވާ ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ ރޭހަށް ނުކުމެ ކެމްޕެއިން ޕޯޑިއަމްތަކުގައި އެމްޑީޕީ ރަނގަޅަށްވެސް ކަތިލާފައެވެ. އެކަން ކުރީ އެމްޑީޕީގެ ރައީސްގެ މަގާމުގައި އޭރުވެސް ހުންނެވި މުހައްމަދު ނަޝީދުގެ އިރުޝާދުގެމަތިންނެވެ. ވަކި ހިސާބަކުން ހުދު އެމަނިކުފާނުވެސް ޑިމޮކްރެޓްސްގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އެމްޑީޕީއަށް އެތައް ގެއްލުމެއް ދީފައިވެއެވެ.

ހަމަ އެގޮތަށް ޑިމޮކްރެޓްސްގެ ހަމަލާތަކުން ދިފާއުވުމަށް އެމްޑީޕީއިން ކުރި ކަމެއް ކުރީ އެ ޕާޓީގެ އިސް ލީޑަރު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ބެއްލެވުމުގެ ދަށުންނެވެ. ރައީސް ސާލިހުގެ ބައިވެރިންގެ ގޮތުގައި ތިބި ބައެއް މީހުން ޕޯޑިއަމްތަކުގައި ދެއްކެވި ވާހަކަތަކުންނާއި އެ މީހުންގެ ފަރާތުން ފެނިގެންދިޔަ މަންޒަރުތަކުން އެމަނިކުފާނުވެސް ފަޟީހަތްވެގެން ދިޔައިރު ކުރެވުނީ މޮޅުކަމެކޭ ހިތާ ރައީސް ސާލިހުވެސް އަތްޖައްސަވަން އިނެވެ. އެމްޑީޕީގެ ލީޑަރޝިޕުން މިއޮއްހާ ދުވަހު އެންޑޯސްކޮށް ޕްރޮމޯޓުކުރި މީހަކަ އަބަދު ހިންދުކޮޅެއް އައިސްފައި ހުންނަކަމާއި އެކަމުގެ ސަބަބުން ވެރިކަން ގެއްލުންކަމަށް ހާމަކުރުމަކީ މުޅި ލީޑާރޝިޕުން މިއޮއްހާ ދުވަހު ރައްޔިތުންނަށް އޮޅުވާލައިގެން އުޅުންކަމަށް އިއުތިރާފުވުމެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު އެއް ޖިންސުން ގުޅުން ހިންގަނިކޮށް ފެންނަ ވީޑިއޯއެއް ލީކުވެގެން ހައްޔަރުކުރުމުން ރައީސް ނަޝީދު ވަނީ ރައީސް ސާލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކުރީ ސިޔާސީ ކޯޅުންގަނޑުގެ ތެރެއިންކަމަށްބުނެފައެވެ. އެ ޓްވީޓާއިއެކު އެމަނިކުފާނަށް އާއިލީ މީހަކު ދިވެހި ގާނޫނުތަކާއި ހިލާފަށް އުޅުއްވާކަން އެނގިވަޑައިގަންނަވާކަންވެސް ސާފުވެއެވެ. އެހެންނަމަވެސް އެ ހިސާބަށް ކަންކަން ގެންދިއުމަށް ރައީސް ސާލިހު އެމަނިކުފާނަށް މަޖުބޫރުކުރެއްވުމުން ބަދަލުގައި ރައީސް ނަޝީދުވަނީ ރައީސް ސާލިހު މެޑަމް ފަޒްނާއަށް ބޭވަފާރިތެރިވާކަމަށާއި ޒިނޭކުރަމުންދާކަމަށްވެސް ތުހުމަތުކޮށްފައެވެ.

ފަހުން އެ ވާހަކަތައް އޮޅުއްވާލެއްވި ނަމަވެސް ރައީސް ސާލިހުގެ ނޭދެވޭ މަންޒަރުތަކެއް ފެނިގެންދާ ފޮޓޯތަކެއް ހުރިކަމަށް ބުނެ މުޅި ގައުމުގައި ވާހަކަ ނުފަތުރާކަމަކަށް ނުވާނެއެވެ. އެ ދުވަސްވަރު މެޑަމް ފަޒްނާ މާލޭގައި ހުންނަ އަމިއްލަ ގެކޮޅަށް ބަދަލުވެ އުޅުއްވިކަމަށްވެސް ބައެއް މީހުން ބުނެއެވެ. މި ހުރިހާކަމެއްގެ ނަތީޖާއަކަށްވީ ވަކިން ޕާޓީއެއް ހަދައިގެން އައިސް އެމްޑީޕީ އާއިއެކު ނެގޯޝިއޭޓު ކުރަން ރައީސް ނަޝީދު ކުރެއްވި ޕްލޭނުވެސް ފެއިލްވުމެވެ. ޒާތީވުމުގެ ޖަވާބު އެމްޑީޕީއިންވެސް ޒާތީކޮށް ދިނުމެވެ. އެމްޑީޕީއާއި އަލުން ގުޅޭނެ ހާލަތާއި ޝަރުތުތައް ރައީސް ނަޝީދު އެކި ފުރުސަތުތަކުގައި ނޫސްވެރިންނާއި ހިއްސާކޮށްފައިވާނެއެވެ. އެހެންނަމަވެސް އެމްޑީޕީއިން އެ އާދޭސްތަކަށް ޖެހީ ނޯ އެކެވެ. އެ ނޯގެ ނަތީޖާ އެމްޑީޕީއަށްވެސް އިންތިހާ ހިތިއެވެ. މިކަން ސާފުވަނީ ދެ ޕާޓީގެ މެމްބަރުންވެސް ޕޯޑިއަމްތަކާއި އިންޓަރވިއުތަކުގައި އަދިވެސް ދައްކަވަނީ އަނެއް ޕާޓީގެ ވާހަކަ ކަމަށްވުމުންނެވެ.

އެމްޑީޕީ އަދި ޑިމޮކްރެޓުންވެސް އެކަކު އަނެކާއަށް ހާނިކަތަކެއް ދިނުމުގެ ފޭހުނުހާ އިލޮއްޓެއް ހެރުނީ އަމިއްލަ ލޮލަށެވެ. ރައީސް ސާލިހުގެ މޭސްތިރިކަމުގެ ދަށުން އެމްޑީޕީގެ ގިނަ އަދަދެއްގެ އިސް މެމްބަރުން ރައީސް ނަޝީދުގެ ވެރިކަން ގެއްލިގެންދިޔައީ އެމަނިކުފާނަށް ހިނދުކޮޅުތައް އަންނާތީކަމަށް ވިދާޅުވަމުންދިޔައިރު، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ދިޔައީ އެމްޑީޕީއަކީ ވައްކަމުގެ ހާއްޔެއްކަމަށް ސިފަކުރަމުންނެވެ. ވޭތުވެދިޔަ ފަސް އަހަރު ސަރުކާރުން ވައްކަން ކުރިކަމުގެ ވާހަަކަތައް ޑިމޮކްރެޓްސްއިން ދައްކާއިރު، އެއީ ވައްކަމެއް ކުރަމުންދިޔަކަން އެނގި ފޮރުވައިގެން ތިބިކަމަށް އެއްބަސްވުންކަން ނޭނގެނީ ބާއޭވެސް ހިތަށް އަރައެވެ. އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގްމޭޓުގެ ގޮތުގައި ވާދަކުރެއްވި ހުސައިން އަމްރުއަކީ އިއްޔެ މެންދުރާއި ޖެހެންދެން އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި މީހެެއްކަމަށް ބުނެ ރައްދު ދޭކަންވެސް ފާހަގަކުރެވެއެވެ.

މި ހުރިހާ ހަޑިއެއް ހާވާފައިވުމުން މިއަދު ދިވެހިންގެ އަގުލަބިއްޔަތު ދެ މީހުންނަށްވެސް ނޯ ޖަހާފައިވުމުން ހައިރާނެއް ނުވެއެވެ. އަދި ތާރީހަށް ބެލުމުން މިއީ ދިވެހި ސިޔާސީ މައިދާނުގައި އަބަދުވެސް ކަންވަމުން އަންނަ ގޮތްކަންވެސް ފެނިގެންދެއެވެ. އެމްޑީޕީއިން ވުޖޫދުވުމަށް ކޮށާ ކުދިކުރި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ސިޔާސީ މައިދާނުގައި ރިކަވަރީއެއް ކުރެވިފައިނުވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދުވެލިވެސްވަނީ ކުރެވެމުންދާ ތުހުމަތުތަކުގެ އޮއެވަރުގައި ޖެހި މަޑުވެފައެވެ. ހަމަ އެގޮތަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އަށްވެސް އެމަނިކުފާނުގެ ބޮލުގައި އެމްޑީޕީއިން އެޅުވި ބާގީގެ ލަގަބުން އަރައިނުގަނެވުނެވެ.

ރައީސްކަމުގެ މަގާމަށް ވާދަކުރެއްވި އެމްއެންޕީގެ ކާނަލް މުހައްމަދު ނާޒިމްއަށްވެސް ޕާޓީގެ ދަފްތަރުގައި ތިބި އަދަދަށް މީހުން ވޯޓު ނިދުނުމުން އެމްޑީޕީއިން ހަރުކުރި ނަމާއި ދުރަށް ޖެހެވިފައިނުވާކަން ސާފެވެ. ހަމަ ރައީސް ސާލިހާއި ރައީސް ނަޝީދަށްވެސް މިއަދު ޖެހިފައިވަނީ އެ ދަތުރެވެ. ރިޔާސީ އިންތިހާބުގައި ރައްޔިތުންވަނީ ދެ ބޭފުޅުންގެ ސިޔާސީ ކުރިމަގަށްވެސް ނޯ ޖަހާފައެވެ.

ރައީސް ސާލިހު ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން އެމްޑީޕީގެ އިސް ލީޑަރަކަށްވެސް ނުވާނެއެވެ. ރައީސް ނަޝީދަކީވެސް ޕާޓީއެއްގެ އިސްވެރިއެއް ނޫނެވެ. ޑިމޮކްރެޓްސްގެ ބާނީ ކަމަށް ބައެއް މީހުން ބުނިނަމަވެސް އެމަނިކުފާނަކީ މާ ފަހުން ޕާޓީ އާއި ގުޅުނު މީހެކެވެ. އަދި އެމަނިކުފާނަށް ވަގުތީ ގޮތުން މަޖިލީސް ގޮނޑީގައި އިނދެވެން އޮތްނަމަވެސް އެމްޑީޕީއިންދަނީ އެ ގޮނޑި އަތުލުމަށް މަސައްކަތްކުރަމުންނެވެ. އެހެންކަމުން ރާއްޖޭގެ ގިނަ ލީޑަރުންތަކެއްގެ ސިޔާސީ ކެރިއަރުތައް ނިމުމަކަށް ގަނައުމުގައި އެކުގައި ވިއްސަކަށް އަހަރު މަސައްކަތްކުރި ދެ މީހަކުގެ ކެރިއަރުތައް އެ ނިންމާލަނީ އެކަކު އަނެކާ ކަރުގައި ހިފައި ހާސްކޮށްގެންކަމަށް ބުނެވިދާނެއެވެ. އެހެންނަމަވެސް ރައީސް ސާލިހު ރައީސް ނަޝީދަށް ދޭ ކޮންމެ ހަމަލާއަކުން އެމަނިކުފާނު ޒަހަމްވެގެންދާއިރު، ރައީސް ނަޝީދު ދެއްވާ ހަމަލާތަކުން ހަމަ އެމަނިކުފާނަށްވެސް އަނިޔާތައް ލިބިގެންދާކަމަށްވުމުން އަމިއްލަ ކެރިއަރގެ މައްޗަށް ފައިން އެރިކަށް ބުނުމަކީވެސް ދޮގަކަށް ނުވާނެކަމަށް ބުނެވިދާނެއެވެ.

ރައީސް ނަޝީދު އެމްޑީޕީގެ ތެރެއިން ރައީސް ސާލިހަށް ތާއީދު ގެއްލުވާލަން ކުރި މަސައްކަތްތަކުގެ ނަތީޖާއަކީ އެމްޑީޕީގެ ދަފްތަރުން އުނިކުރި އެމަނިކުފާނަށް ތާއީދުކުރާކަމަށް ބުނާ މީހުންގެ ތެރެއިން އަގުލަބިއްޔަތުވެސް އަލަށް އުފެއްދި ޑިމޮކްރެޓްސްއާއި ނުގުޅުމެވެ. ރައީސް ސާލިހު ރައީސް ނަޝީދުގެ ފައިދަށުން ދުނިޔެ ދަމައިގަތުމަށް ކުރެއްވި މަސައްކަތްތަކުގައި އެމަނިކުފާނަށް ލިބުނު ހިތި މާބޮޑެވެ. އެމަނިކުފާނަށް ދެވަނަ ދައުރެއް ގެއްލިގެންދިޔައީ ނަވާރަ ހާސް ވޯޓާއި ގާތުގެ ތަފާތަކުންކަމަށްވުުންނާއި އެމްޑީޕީގެ ބައެއްގެ ގޮތުގައި ދާދި ފަހާއި ޖެހެންދެން އޮތް ޑިމޮކްރެޓްސްއަށް 15789 ވޯޓު ލިބިފައިވުމުން، ރައީސް ސާލިހު އަދި ނަޝީދަށް އެއް ގަލަަކަށް އެރުނު ނަމަ މި އިންތިހާބު ކާމިޔާބު ކުރެވުނީސްކަމަށް ގިނަ މީހުން ދަނީ ބުނަމުންނެވެ. އެހެންކަމުން ރާއްޖޭގެ އެންމެ ކާމިޔާބު އެންމެ މަގުބޫލު އެއް ޕާޓީއަށް ގައުމެއްގެ ހުރިހާ އާރާއި ބާރުތައް ދީފައިވީއިރު ވެރިކަން ގެއްލިގެންދިޔައީ ރައީސް ސާލިހުގެވެސް ބޯހަރުކަމުންކަމަށް ބުނުމުން ދޮގަކަށް ނުވާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: