ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ އާއި ގުޅޭ 75 މައްސަލައެއް އޭސީސީން ތަހުގީގު ކުރާއިރު 20 މިލިއަން ރުފިޔާ ހޯދަން އަންގައިފި

ފެނަކަ ކޮޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ގުޅޭ 75 މައްސަލައެއް ތަހުގީގުކުރަމުންގެންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ފެނަކައިގައި ހިނގާ ކަންކަން ތަހުގީގުކޮށް ފެނަކައާއި ގުޅޭ އެކި މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އޭސީސީން ވަނީ އަންގައިފައެވެ.

އޭސީސީ އިން ކުރި ތަހުގީގުގައި ފެނަކަ ހިނަގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތަކާއި، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލުތަކާއި ހިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތަށް ހިމެނެއެވެ.

ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް އޭސީސީ އިން ވަނީ ފެނަކައަށް އަންގާފައެވެ. އިސްލާހުކުރުމަށް އަންގާފައިވާ ކަންތަކުގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާހުކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 6 ކަމަކާއި، އަދި ކުންފުނިން ބަލައި ތަހުގީގުކުރުމަށް 6 ކަމެއް ހިމެނެއެވެ.

މީގެއިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހިންގުމުގައި ކޮރަޕްޝަންގެ ހިރާސް ހުރި މިންވަރާއި، އެހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަހުގީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ، އެރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށް އޭސީސީއިން ގެނެސްފައި ވާކަމަށް ވަނީ ބުނެފައެވެ.

ފެނަކައިގެ ކޮރޮޕްޝަންގެ ގިނަ މައްސަލަތަކެއް އޭސީސީން ތަހުގީގު ކުރަމުންދާއިރު  މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގަރާރެއް މަޖިލީހަށް ހުށަހަޅާފައެވެ. އަދި އެ ގަރާރަށް މަޖިލީހުގައި އެކި މެންބަރުން ބަހުސް ކޮށްފައިވާއިރު ފެނަކައާއި ގުޅޭ ގިނަ މައްސަލަ ތަކެއްގެ ވާހަކަ ވަނީ ވިދާޅުވެފައެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އެ ގަރާރަށް ބަހުސް ކުރަމުން ވިދާޅުވީ ދައުލަތުގެ އިދާރާތަކުން އެކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އެއީ މުހިންމު ކަމެއްކަމަށާއި އަދި އެއީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ފެނަކައިގައި ކޮރަޕްޝަންގެ އަމަލުތަށް ހިނގާފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެ ގަރާރާއި ބެހޭގޮތުން ވާހަކަ ދައްކަމުން އާދަމް ޝަރީފް ވިދާޅުވެފައިވަނީ އެމްޑީޕީއިން ފެނަކަ ބޭނުންކޮށްފައިވަނީ ސިޔާސީ ގޮތުން އަންނަ އިންތިހާބުތަށް ކާމިޔާބު ކުރުމަށްޓަކައި ބޭނުން ކުރި ހަތިހާރެއްގެ ގޮތުގައި ކަމަށެވެ. އަދި އެކުންފުނީގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައި ވާކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުތަކަށް އެތަށް ހަރަދެއް ފެނަކައިން ކޮށްފައިވާކަމަށެވެ. ފެނަކައަށް ހުށަހަޅާ ބިލްތަކަކީ ވަކި ޕަސެންޓެއް އެކިފަރާތްތަކަށް ދޭގޮތަށް ވިޔަފާރީގެ މުއާމަލާތް ކުރަމުން ދިއުމުން ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެ ކަރަޕްޝަން އިންތިހާއަށް އިތުރުވެގެން ދިޔަކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލީހުގައި ފެނަކައިގެ ވަޒީފާތަށް އިތުރު ވެފައިވަނީ އެ ކުންފުނީގައި ކުރާނެ މާބޮޑު މަސައްކަތެއް އޮވެގެން ނޫންކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވިއެވެ. ފެނަކައިގެ ސަބަބުން ކުދި ކުންފުނިތަށް ބަނގުރޫޓުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ފެނަކަ މެދުވެރިކޮށް އެކި ޕްރޮޖެކްޓުތަކަށް ލިބެން ޖެހޭ 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދީފައި ނުވާތީ ކޮންޓްރެކްޓަރުން މުޒާހަރާ ވެސް ވަނީ ކޮށްފައެވެ. އެކުންފުނިތަކަށް ނުލިބިހުރި ފައިސާއަކީ އެކުންފުނި ތަކުގައިތިބި ވެރިންނާއި އަދި މުވައްޒަފުނަށް އެމީހުންގެ އާމްދަނީގެ ގޮތުގައި ލިބެންހުރި ފައިސާ ކަމަށާއި އަދި އެފައިސާވަނީ ދައުލަތުގައި ހިފެހެއްޓިފައި ކަމަށް މެންބަރުންވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: