ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ މައްސަލަތަކެއް އޭސީސީއަށް ހުށައަޅަނީ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން ހިންގިކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅުމަށް ނިންމާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަރިހުގައި ބ. އަތޮޅަށް ވަޑައިގެން، އެ އަތޮޅުގެ ކެންދޫގައި ބޭއްވި ޖަލްސާގައެވެ. މުއާޒް ވިދާޅުވީ ކޮންފުންޏާއި ހަވާލުވީއިރު، ކުންފުނި ވަނީ ބަނގުރޫޓުވެފައިކަމަށެވެ. އަދި އޭނާ ވަނީ މިކަމާއި ގުޅޭ ތަފްސީލު ހިއްސާ ކުރައްވާފައެވެ.

އެގޮތުން ކުންފުނީގެ 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތްއިރު، ކުންފުނީގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބިކަމަށް ވިދާޅުވިއެވެ. އެހެންކަމުން މަހު މުސާރައިގެ ގޮތުގައި އެކަނި މަހަކަށް 86 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އާމްދަނީގެ ގޮތުގައި ފެނަކަ އަށް ލިބެނީ ގާތްގަނޑަކަށް 120 މިލިއަން، ރުފިޔާކަމަށް ފާހަގަކޮށް އޭގެ ބޮޑުބައި މުސާރައަށް ހަރަދުކުރުމުން އޮޕަރޭޝަންސްތަކަށް ބޭނުންވާނެ ފައިސާވެސް ނުހުންނާނެކަން މުއާޒް ފާހަގަކުރެއްވިއެވެ.

ކުންފުނީގެ ޖެންސެޓް ބޭނުން ކުރަމުން އަންނަނީ 502 ގައިކަމަށް ފާހަގަކޮށް މުއާޒް ވިދާޅުވީ، އޭގެ ތެރެއިން 302 ޖެންސެޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިކަމަށެވެ.

މިދިޔަ ފަސް އަހަރު މެއިންޓެނަންސަށް އެއްވެސް ހަރަދެއް ކޮށްފައިނުވާކަމަށާއި، އެކަންވެސް ވަނީ ބޮޑު ވިޔަފާރިއަކަށް ހަދާފައިކަމަށް މުއާޒް ވިދާޅުވިއެވެ. އެގޮތުން މެއިންޓެނެސް ކުރުމުގެ ބަދަލުގައި، ހުސްވާއިރަށް ގަންނަނީކަމަށް ވިދާޅުވިއެވެ.

ޖެންސެޓްގެ އަދަދު އިތުރުވީ ނަމަވެސް، ކުންފުނީގެ ހާލަތަކަށް ބަދަލު ނާންނަކަމަށް މުއާޒް ފާހަގަކުރެއްވިއެވެ.

ހުރިހާ ޖެންސެޓެއް ހަލާކުވެފައި ހުރީ. ކީއްވެގެންތޯ؟ މެއިންޓެނަންސަށް ސަމާލުކަމެއް މީގެކުރީ މެނޭޖްމެންޓެއް ދީފައި ނެތީ.

މެއިންޓެނެސްކޮށްފައި ނުވީ ނަމަވެސް، އެކަމަށް ހަރަދުކުރުމުގެ ނަމުގައި ހޭދަކޮށްފައިިވާކަމަށް މުއާޒް ވިދާޅުވިއެވެ. އެގޮތުން އެކަމަށް 100 މިލިއަން ހަރަދުކޮށްފައިވާކަމަށް ވިދާޅުވިއެވެ. މިހާ ގިނައިން ފައިސާ ހަރަދުކޮށްފައިވާއިރު، ފެނަކައިގެ އަމިއްލަ ސާވިސް ސެންޓަރެއްހާ މިންވަރުވެސް ނެތްކަން މުއާޒް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މުއާޒް ވަނީ މިދިޔަ އަހަރު އެކަނި ފެނަކައިން ދަތުރު ފަތުރަށް އެކަނި 117 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ވިދާޅުވެފައެވެ. ކޮންމެ އަހަރަކުވެސް އެވްރެޖްކޮށް 100 މިލިއަން ރުފިޔާ ދަތުރުފަތުރަށް ހޭދަކުރާކަމަށް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ ކުންފުނީގެ ދަރަނީގެ ބޮޑުބަޔަކީ އެސްޓީއޯއަށް ޑީސަލަށް ދައްކަޖެހޭ ފައިސާކަމަށެވެ. އަދި ވިދާޅުވީ އެސްޓީއޯ އަށް އެކަނި ވެސް ދެ ބިލިއަން ދަރާފައިވާކަމަށެވެ.

މިއީ ޖަރީމާތަކެއްގެ ސިފައިގައި ސިފަކޮށް މުއާޒް ވިދާޅުވީ، މިކަންކަމާއި ގުޅޭ މައްސަލަތައް އޭސީސީއަށް ހުށައެޅުމަށް ހުރިހާ މައުލޫމާތެއް މިހާރު ވަނީ ދެނެގަނެވި، އެއްކުރެވިފައިކަމަށެވެ. ވަރަށް އަވަހަށް މައްސަލަ އޭސީސީއަށް ހުށައަޅާނެކަމަށް ފާހަގަކޮށް މުއާޒް ވިދާޅުވީ، މިއީ ކުރީ ސަރުކާރުން ދިވެހިންނަށް ވެފައިވާ ވަރަށް ބޮޑު ހިޔާނާތެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: