ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންކުރި އިސްރާއިލު އަންހެން މީހާ ހަމާސްއަށް ތައުރީފުކޮށްފި!

ހަމާސްއިން މިނިވަންކުރި މީހުންގެ ތެރެއިން އެކަކު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމާސް ޖަމާއަތުން މިނިވަންކޮށްފައިވާ އިސްރާއިލުގެ އަންހެނަކު އެނާއަށް ކުރިމަތިވި ދަތުރު މީޑިއާތަކާއި ހިއްސާކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން ހަމާސްއިންވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ބައެއް އިސްރާއީލުގެ ގައިދީން ދޫކޮށްލާފައެވެ. އަދި ދާދި ފަހުން ދޫކޮށްލި ދެ މީހަކުގެ ތެރޭގައި ހިމެނޭ 85 އަހަރުގެ އަންހެންމީހާ ވަނީ ހަމާސްއިން އޭނާއާއިމެދު އަމަލުކޮށްފައިވާ ގޮތުގެ ބައެއް ތަފްސީލުތައް މީޑިއާތަކާއި ހިއްސާކޮށްފައެވެ.

ޔޮޗޭވެދް ލިފްޝިޓްސް ކިޔާ އެ އަންހެން މީހާ ބުނެފައިވާގޮތުން، ހަމާސްއިން އޭނާ އެ ޖަމާއަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ އޮކްޓޯބަރު 7 ވަނަ ދުވަހުގައެވެ. އަދި އޭނާ ސައިކަލެއްގައި ޣައްޒާއަށް ގެންދިޔަކަމަށް މައުލޫމާތު ދިނެވެ. އޭނާ ބުނެފައިވާގޮތުން ކުރިމަތިވެގެންދިޔައީ “ނަރަކަ”އަށް ދިއުމާއި އެއް ފަދަ ހާލަތެކެވެ. އަދި އެ ހާލަތުގެ ތެރެއަށް ވެއްޓިގެންދިޔަ ގޮތާއި އެފަދަ ކަމެއް ދިމާވެދާނެކަން އަންދާޒާވެސް ކުރެވިފައިނުވާކަމަށެވެ.

އެގޮތުން ހަމާސްއިން އިސްރާއީލުން ގާއިމުކޮށްފައިވާ ކަރަންޓު ފެންސު ކުއްލިޔަކަށް ހަލާކުކޮށްލިކަމަށާއި 2.5 ބިލިއަން ޑޮލަރުގެ އެ ފެންސުން ވީ އެއްކަމެއްވެސް ނެތްކަމަށް ފާހަގަކުރިއެވެ. އޭނާ މައުލޫމާތު ދިން ގޮތުން ހައްޔަރުކޮށް ބެލުމުގެ ދަށަށް ގެންދިއުން ފިޔަވައި އެ ޖަމާއަތުން އޭނާއާއިމެދު އަމަލުކޮށްފައިވަނީ ރަނގަޅަށެވެ.

އެގޮތުން އެ މީހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ބޭނުންތައް ފުރިހަމަކުރެވޭކަން އެ މީހުން ޔަގީންކުރިކަމަށާއި، ފާހަނަ ފަދަ ތަންތަނުގެ ސާފުތާހިރުކަން ދެމެހެއްޓުން ފަދަ ކަންކަންވެސް ކުރިކަމަށެވެ. އޭނާ މައުލޫމާތު ދީފައިވާގޮތުން ފާހަނާތައްވެސް ހިމެނޭހެން ތިބި ތަނުގެ ސާފުތާހިރުކަންވެސް ބެލެހެއްޓީ ހަމާސްގެ މުޖާހިދުންނެވެ.

ލިފްޝިޓްސް ބުނެފައިވާގޮތުން ހަމާސްގެ މުޖާހިދުންނަކީ ހެޔޮ ބަޔެކެވެ. އެހެންކަމުން އެ ވާހަކަ ދައްކަންޖެހޭކަމަށް ފާހަގަކުރިއެވެ. އޭނާ ބުނެފައިވާގޮތުން ގައިދީންގެ ގޮތުގައި ތިބި މީހުން ސާފުތާހިރުކަންމަތީ ބޭތިއްބުމުގެ އިތުރުން ކާންދިނުމުގައިވެސް އަމަލުކޮށްފައިވަނީ ރަނގަޅަށެވެ. އެގޮތުން ގައިދީންނާއި ހަމާސްގެ މުޖާހިދުންވެސް ކެއުމަށް ބޭނުންކުރީ އެކައްޗެއްކަން އޭނާ ހާމަކުރިއެވެ. އަދި އޭނާ ހުރީ އިތުރު ފަސް ގައިދީންނާއިއެކުކަމަށާއި ކޮންމެ ގައިދީއަކަށް ގާޑެއް ހުރިކަމަށް ބުނެފައިވެއެވެ.

އޭނާ ބުނެފައިވާގޮތުން ގައިދީންވަނީ ސިޔާސީ ވާހަކަތައް ނުދެއްކުމަށް މުޖާހިދުންގެ ގާތުގައި އެދިފައެވެ. އެހެންނަމަވެސް އެ މީހުން ދެންވެސް އަމަލުކުރީ ރަނގަޅަށްކަމަށާއި އެހެނިހެން ބައިވަރު ވާހަކަތައް ދައްކައި އެކުވެރި މާހައުލެއް ގާއިމުކުރިކަމަށްވެސް ފާހަގަކުރިއެވެ.

ހަމާސްއިން ބުނެފައިވާގޮތުން އެ ޖަމާއަތުން ދޫކޮށްލާފައިވާ ދެ މީހުންނަކީ އިންސާނިއްޔަތާއި ގުޅުން ހުރި ސަބަބުތަކެއްގެ ސަބަބުން މިނިވަންކުރި ދެ މީހުންނެވެ. ގަތަރުންވަނީ އެ ދެމީހުން ދޫކޮށްލުމުގައި އެ ގައުމުގެ އަތެއް އޮތްކަން ހާމަކޮށްފައެވެ. މީޑިއާތަކުން ބުނާގޮތުން އަދި އިތުރު 300 އެއްހާ އިސްރާއީލުގެ ރައްޔިތުން ހަމާސްގެ ބެލުމުގެ ދަށުގައިވެއެވެ. އެ މީހުންގެ ތެރޭގައި ލިފްޝިޓްސްގެ ފިރިމީހާވެސް ހިމެނޭކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: