ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮކްޓޯބަރު 26ގެ ނިޔަލަށް އިސްރާއީލުންވަނީ 7028 މީހުން ޝަހީދު ކޮށްލާފަ: ފަލަސްތީނުގެ ހެލްތު މިނިސްޓްރީ

ފަލަސްތީނުގެ ރައްޔިތަކު ހިތާމަފާޅުކުރަނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްޓޯބަރު 7 ވަނަ ދުވަހު ފެށުނު ހަމަނުޖެހުންތަކަށްފަހު އިސްރާއީލުން ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ތެރެއިން ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދާއިމެދު އެމެރިކާގެ ރައީސް ޖޯ ބައިޑެން ސުވާލު އުފެއްދުމާއިއެކު ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން ޝަހީދުކޮށްލާފައިވާ މީހުންގެ މައުލޫމާތުތައް އާންމުކޮށްފިއެވެ.

ބައިނަލްއްގުވާމީ މީޑީއާތަކުން ރިޕޯޓުކުރާގޮތުން ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން އާންމުކޮށްފައިވާ ލިސްޓުގައި އިސްރާއީލުން ޝަހީދުކޮށްލާފައިވާ 7028 މީހެއްގެ ނަން ހިމެނެއެވެ. މީޑިއާތަކުން ބުނާގޮތުން ފަލަސްތީނުން އެ މައުލޫމާތުތައް ހާމަކޮށްފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހަށް ފަހު ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދާއިމެދު ޖޯ ބައިޑެން ސުވާލު އުފެއްދުމާއި ގުޅިގެންނެވެ.

ބައިޑެންވަނީ މީޑިއާތަކާއި މުހާތަބުކުރައްވާ އިސްރާއީލާއި ގުޅޭގޮތުން ފަލަސްތީނުން ދެމުންދާ މައުލޫމާތުތައް ސައްހަކަމަށް ބަލަންޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މައުސޫމް ފަރާތްތައް ޝަހީދުކޮށްލާފައިވާ ކަމަށާއި އެއީ ހަނގުރާމައެއް ފެށުމުގެ އަގުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބައިޑެންގެ ވާހަކަތަކަށް ރައްދު ދީ ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިންވަނީ 210 ސަފްހާގެ ރިޕޯޓެއް ޝާއިއުކޮށްފައެވެ. އެ ރިޕޯޓުގައި ޝަހީދުވެފައިވާ މީހުން ނަމާ އުމުރު އަދި ޖިންސާއި އައިޑީ ކާޑު ނަމްބަރުތައްވެސް ހިމަނާފައިވެއެވެ. އެ ގައުމުގެ ހެލްތު މިނިސްޓްރީއިންވަނީ އެ މައުލޫމާތުތައް އަވަސް މުސްތަގުބަލެއްގައި އިނގިރޭސިން ޝާއިއުކުރާނެކަމަށް ބުނެފައެވެ.

އެމެރިކާގެ ކޮމެންޓާއި ގުޅިގެން ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލްޤުދްރާވަނީ މިހާރު ވެރިކަންކުރަމުންދާ ފަރާތްތަކަކީ އިންސާނީ މިންގަނޑުތަކެއް ގެންގުޅޭ ބައެއް ނޫންކަމަށާއި، އަސާސީ އިންސާނީ ހައްގުތައްވެސް ދަންނަ ބައެއް ނޫންކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީއިންވަނީ މުޅި ދުނިޔެއަށްވެސް އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް ހާމަކުރުމަށް ނިންމާފައިކަމަށް ވިދާޅުވިކަމަށް ރިޕޯޓުތަކުގައިވެއެވެ.

ފަލަސްތީނުން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ 15:00 އިން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް 7028 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 2913 ކުޑަކުދިން ހިމެނޭކަމަށާއި އެއީ 3129 އަންހެނުން އަދި 3899 ފިރިހެނުންކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ވަނަވަރު ކަށަވަރުނުވާ 218 މީހަކުވެސް ރިޕޯޓުގައި ހިމަނާފައިވާއިރު އެ އަދަދުތައް ހިއްސާކުރާ ޝަހީދުކޮށްލި މީހުންގެ ޖުމުލަ އަދަދުގައި ހިމަނާފައިނުވާކަންވެސް ހެލްތު މިނިސްޓްރީއިންވަނީ ބުނެފައެވެ.

މީޑިއާތަކުން ބުނާގޮތުން، ފަލަސްތީނުގެ ހެލްތު މިނިސްޓްރީއިން އާންމުކޮށްފައިވާ ރިޕޯޓުގައި ހޮސްޕިޓަލަށް ނުގެނެސް ޝަހީދުވި މީހުންގެ އަދަދާއި، ސިއްހީ ހިދުމަތް ދިނުމަށް ރެޖިސްޓްރީ ފުރިހަމަ ނުކުރެވުނު މީހުންގެ އިތުރުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ ގެއްލިފައިވާ މީހުންގެ އަދަދުވެސް ނުހިމެނޭކަމަށެވެ. އެހެންނަމަވެސް ގެއްލި ނުފެނިވާ 1600 އެއް ހާ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ބެލެވޭކަމަށާއި އެހެންކަމުން މިހާރު އާންމުކޮށްފައިވާ އަދަދަށްވުރެ ހަގީގަތުގައި ޝަހީދުވެފައިވާ ފަލަސްތީނުގެ މީހުންގެ އަދަދުތައް މަތިވާނެކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.

ތަރުޖަމާނު ޤުދްރާ ވިދާޅުވެފައިވާގޮތުން، ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ދޮރުތައްވަނީ ހުރިހާ މުއައްސަސާއަކަށްވެސް ހުޅުވާލާފައެވެ. އެހެންކަމުން ކޮންމެ ނަންބަރަކާއިއެކުވެސް ނަމެއް ހިމެނޭކަން އަދި އެއީ ކާކުކަން އެނގޭކަން ދުނިޔެއަށް އަންގައިދިނުމަށް އޭނާ އެދިވަޑައިގަތެވެ. އަދި އެ ގައުމުގެ ރައްޔިތުންނަކީ އަޅާ ނުލައި ދޫކޮށްލެވޭނެ ފަދަ ބައެއް ނޫންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: