ރިޔާސީ އިންތިހާބު ނިމުމަށްފަހު މާލީ ބަޔާން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިހާތަނަށް ހުށައެޅާފައި ވަނީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެންޑިޑޭޓް ހަސަން ޒަމީލް އެކަނި ކަމަށް އީސީން ބުނެފިއެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަ ކުރެއްވި ނަމަވެސް މާލީ ބަޔާން ހުށައަޅާފައި ވަނީ އެންމެ ކެންޑިޑޭޓެކެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ”ސަންގަށް“ ވިދާޅުވީ ރިޔާސީ އިންތިހާބު ނިމުމަށްފަހު މާލީ ބަޔާން ހުށައަޅަންޖެހޭކަމަށާއި، ޒަމީލް ފިޔަވާ އެއްވެސް ކެންޑިޑޭޓަކު އަދި ބަޔާން ހުށައަޅާފައި ނުވާ ކަމަށެވެ.
އެގޮތުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މާލީ އަދި ބަޔާން ހުށައަޅާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ކެންޑިޑޭޓުންގެ މާލީ ބަޔާން އިސީއަށް ހުށައަޅާފައި ނުވާއިރު، މި ބަޔާން ހުށައެޅުމުގެ އެންމެ ފަހު މުއްދަތަކީ މި މަހުގެ 29 އެވެ. އެހެންކަމުން ބަޔާން ހުށަހެޅުމަށް އަދި ވަގުތު އެބައޮތެވެ.
މީގެ ކުރިން އޮންނަ ގޮތުން ކެންޑިޑޭޓުންގެ މަލީ ބަޔާން ހުށައެޅުމަށް ލިބެނީ 21 ދުވަހެވެ. ނަމަވެސް އިންތިހާބު ނިމުމަށްފަހު އެއް މަސް ދުވަސް ލިބޭ ގޮތަށް އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.
މާލީ ބަޔާން އީސީއަށް ހުށައަޅަންޖެހޭ މުއްދަތުގެ ތެރޭގައި ބަޔާން ހުށަނާޅާނަމަ މިހާރު އޮންނަގޮތުން ޖޫރިމަނާ ކުރެވޭނެ އެވެ. އެގޮތުން މީގެ ކުރިންވެސް ވަނީ މާލީ ބަޔާން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ނުވާތީ އިންތިހާބުތަކުގައި ކެންޑިޑޭޓުން ޖުރިމަނާ ކޮށްފައެވެ
. އެގޮތުން ކ. ގުރައިދޫ ދާއިރާގެ މަޖިލިސް އިންތިހާބުގައި ވެސް މާލީ ބަޔާން ހުށައެޅުމުގައި ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ނުވާތީ އެ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓުން ޖޫރިމަނާ ކޮށްފަވެއެވެ.
ރިޔާސީ އިންތިހާބަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މާލީބަޔާން ހުށައެޅުމާއި ގުޅޭގޮތުން އީސީން މާލީ ބަޔާން އޮންނަންޖެހޭ ގޮތުގެ އުސޫލެއްވެސް އިންތިހާބުގެ ކުރިން ކަނޑައެޅިއެވެ.
މިގޮތުން އީސީއާއި، އޭސީސީ އާއި، އޮޑިޓާ ޖެނަރަލް އޮފީހާއި، އެކުގަ ކުރެވުނު މަޝްވަރާތަކަށްފަހު ކެންޑިޑޭޓުން އިންތިހާބަށް ބޭނުންވާ ހަރަދު ކުރުމަށް ވަކި އެކައުންޓެއް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފަވެއެވެ.

