ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުދަނާ އިދިކޮޅު ޕާޓީއަކަށް ވާން ބުނި އެމްޑީޕީން ދައްކަމުންދާ މަންޒަރު ތަފާތު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން އުފާވެރި އަމާންރާއްޖެއަށް ނޫނެކޭ ބުނެ ދިވެހިންގެ ރާއްޖެ އިހުތިޔާރުކުރީ އެތަށް ބައިވަރު ސަބަބުތަކަކާއި ލައިގެންނެވެ. ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާ އިންތިހާބަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުރިމަތިލެއްވީ ފިސާރި ޖޮޝާއި ފޯރީގަ އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނެކަމަށް ބުނަމުންނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވީ މޮޅު ތަސައްވަރަކާއި މެނިފެސްޓޯއެއް އެކުލަވައިލައިގެންނެވެ. އަދި ފަސްއަހަރުގެ ދައުރެއް ނިމުމަކަށް އައިސް ކޮންމެ ރަށަކަށް ވަޑައިގެން މަޝްރޫއުތަކުގެ ރިބަންފަށް ކެނޑުއްވީވެސް ވަރަށް ފޮނި އުއްމީދެއްގައެވެ. ރައްޔިތުން ގާތުން އެދެމުން ދިޔައީ އިތުރުފަސް އަހަރުގެ ވެރިކަމެއް އެމްޑީޕީއަށް ދޭށެވެ. އެހެންނަމަވެސް ކަން ހިނގައިދިޔައީ އެމަނިކުފާނު ހީފުޅުކުރެއްވި ގޮތަކަށް ނޫނެވެ. އިންތިހާބުގައި ޕޯޑިއަމްތަކަށް އަރައިވަޑައިގެން ކޮންމެ އަތޮޅެއްގެ މެޖޯރިޓީ ލިބޭނެ ކަމަށް ވިދާޅުވި ނަމަވެސް އިންތިހާބު ނިމުނުއިރު ފެނިގެންދިޔައީ ރާއްޖޭގެ ޗާޓުން އެމްޑީޕީގެ ރަން ރީންދޫ ފުހެވި ޕީއެންސީގެ ނޫކުލަ ރަސްކަންކުރިތަނެވެ.

އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގަތުމުން ހަނު ހުންނެވީ ހެދުނު ގޯސްތަށް ރަނގަޅު ކުރައްވަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އިންތިހާބުގެ ދެވަނަ ބުރުގައި އެއްބުރުން ޝިޔާރު ދޫކޮށްލަން ޖެހެވަޑައިގަންނަވާ ހެދުނު ގޯސްތަށް ރަނގަޅު ކުރައްވަން ދެއްވީ ވަރަށް “ބޮޑު” ސަމާލުކަމެކެވެ. ލަހުން “ރިއެކްޓު” ކުރައްވާ ކަމަށް ގިނަ ބަޔަކު ބުނަމުންއައި ހިންނަވަރު ކުއްޖާ ހަގީގަތުގައިވެސް “ރިއެކްޓު” ކުރެއްވީ މާލަހުންނެވެ. ނަތީޖާއަކަށްވެގެން ދިޔައީ ވެރިކަން ގެއްލި ޕާޓީގެ އެތަށް މެންބަރުންނެއްވެސް ގެއްލުމެވެ.

އިންތިހާބުގައި 7 އިންސައްތަ ލިބުނު ޑިމޮކްރެޓްސްގެ ބާނީ ރައީސް ނަޝީދު އެމްޑީޕީ ރޫޅާލުމަށް ބުނުމުން އެކަމަށް ދެއްވީ ގައުމަށް ނުދެއްވާ ވަރުގެ ހާއްސަ ސަމާލުކަމެކެވެ. އެމްޑީޕީން ނުރޫޅޭނެ ކަމަށް ބުނަމުން އައި ނަމަވެސް ހަގީގަތަކީ ޕާޓީ ރޫޅި ވެރިކަމުގައި ބާކީ އޮތް ދުވަސްތަކަށް ސަމާލުކަމެއް ނުދެވުމެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސް ފެށި ސިޔާސީ ކޯޅުމުގައި ރައްޔިތުނަށް އޭގެ އަސަރު ކުރާ ހިސާބަށް މައްސަލަ ދިޔައީ ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ އެމްޑީޕީގެ 49 މެންބަރުގެ ސޮއި އާއި އެކު މަޖިލީހަށް ހުށަހެޅުމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހަރުދަނާ، ސަރުކާރު ޖަވާބުދާރީ ކުރުވާނެ އިދިކޮޅު ސިޔާސީ ޕާޓީއަކަށް ވާނެކަމަށް ބުނި ޕާޓީގެ ފަރާތުން ދެން ފެނިގެންދިޔައީ މާ ހުތުރު މަންޒަރެކެވެ. ރައްޔިތުންގެ ހައްގުތަށް ކަށަވަރުކުރުމާއި ރައްޔިތުންނާއި ގުޅުންހުރި އެތަށް މުހިންމު ބިލްތަކެއް ފާސްކުރާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޖާގައެއް ނުދޭނެ ކަމަށް ބުނަމުން އައި އެމްޑީޕީ ރޫޅާލާނެކަމަށް ބުނި 7 އިންސައިގެ ޕާޓީ އުފެއްދި ރައީސް ނަޝީދުގެ އިތުބާރުނެއް މައްސަލަ ކުރިއަށް ނުގެންދެވިއްޖެ ހާލަތެއްގައި ކަމަށްބުނެއެވެ. އެހެންކަމުން ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ރިޔާސަތުގެ އިތުބާރުނެތް ކަމަށް ބުނެ ޖެހި ސަކަރާތުގައި ދައުލަތުގެ އެއްބާރު މަރު ތަޅުއެޅުވިގެން ދިޔައެވެ.

ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ނައިބުރައީސް ސަލާމުގައި ހުންނެވުމުން ކަމަށް މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އެންގިއެވެ. މިމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެންގުމުން މަޖިލީހުގައި ދުންމާރި ފުމެން ފެށީ ޑިމޮކްރެސީގެ ރީތި އުސޫލުތަށް ދަންނަ ހަރުދަނާ އިދިކޮޅު ޕާޓީއަކަށް ވާނެ ކަމަށްބުނި އެމްޑީޕީގެ މެންބަރުންނެވެ. މަޖިލީހުގެ މަސައްކަތް ހުއްޓުމަކަށް ގެންނާނެ ކަމަށް ބުނެ ފެށި ހުތުރު ދަތުރުގައި މަޖިލީހުގެ ހުރުމަތް ކެނޑޭގޮތަށް އަމަލުތަށް ބެހެއްޓީވެސް ހަމަ އެ ހަރުދަނާ ވާނެ ކަމަށް ބުނި އެމްޑީޕީގެ މެންބަރުންނެވެ.

ދައުލަތުގެ ހުރިހާ ބާރަކާއި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިގެން ފަސް އަހަރުގެ ދައުރެއް ނިމިގެން ދާއިރު މާބޮޑު ކަމެއްކުރެވިފައި ނެތްކަމަށް ނިންމީ ރައްޔިތުންނެވެ. ދައުރު ނިމެން މަދު ދުވަސް ކޮޅަކަށް ވެފައިވަނިކޮށް ދެން ފެތުރިގެން ދިޔަ އަޑަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަންޏާއި ކޮރަޕްޝަންގެ ވާހަކައެވެ. ނަމަވެސް މިކަންކަން ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ނުބެލި އޮތްކަމަށް ރައްޔިތުންވެސް ގަބޫލުކުރާއިރު ކަމާބެހޭ މުވައްސަސާތަށް އޮތީ ނިދާފައެވެ.

އެތަށް މޮޅު ޝިޔާރަކާއި ކެމްޕެއިން ލަވަތަށް ހަދައިގެންވެސް ވެރިކަން ގެއްލި އެތަށް ރައްޔިތުންނެއް ލޯބިކުރަމުން އައި އެމްޑީޕީ ރައްޔިތުންގެ މެދުގައި ފެއިލްވީ މާހުތުރު ގޮތަކަށެވެ. ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ސިޔާސީ ނުފޫޒުން އެއްކިބާކުރަން ވިދާޅުވި ޖޭއެސްސީވެސް އޮތީ ހަމައެގޮތުގައިއެވެ. އަދި އިންސާފު ހޯދައިދޭނެކަމަށް ވިދާޅުވި އެތަށް މަރަކަށް އިންސާފު ނުލިބި އޮތިމަކީ ރައްޔިތުން މިއަދު އެމްޑީޕިގެ ވެރިކަމަކަށް ނޫނެކޭބުނި ސަބަބުތަކުގެ ތެރެއިން އެއްސަބަބެވެ.

އަމަލާއި ބަހާ ދިމާނުވެ އެމްޑީޕީން ދަތުރުކުރަމުންދާ މިސްރާބު ބަދަލުކޮށްލުމަކީ މުހިންމުކަމަކަށް ވާއިރު ފެނިގެން ދިޔައީ ކިތަމެ މޮޅުވެރިކަމެއް ލިބުނަސް އެބާރުގެ ބޭނުން ހަމަހަމައުސޫލު ތަކެއްގެ މައްޗަށް ބިނާނުވާނަމަ އެކަން އަތުން ބީވެގެންދާނެ މަންޒަރެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: