ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންހިއްކުން ފަދަ މަޝްރޫއުތަކުން ތިމާވެށްޓަށް ގެއްލުން ލިބޭ: ޝައުނާ

މިނިސްޓަރު ޝައުނާ، ރައީސް އޮފީހުގެ ރަސްމިއްޔާތެއްގައި/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިން ހިއްކުމުގެ މަޝްރޫއުތަކުން ތިމާވެށްޓަށް ގެއްލުންތައް ލިބި ކަނޑުގައިވާ ވަސީލަތްތަކަށް ވެސް އެކަމުން އަސަރު ކުރާކަމަށް އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޝައުނާ ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ބޮޑެތި ގޮންޖެހުންތަކާއި މެދު ވާހަކަދައްކަވާފަ އެވެ. ޝައުނާ ވިދާޅުވީ، 1200 ވަރަކަށް ރަށުން އެކުލެވިފައިވާ ރާއްޖޭގެ ގިނަ ރަށްތަަކުގެ ފަސްގަނޑު ހުންނީ ލޮނުގަނޑުން މީޓަރެއްހާތަން މަތީގައިކަމަށެވެ. އެހެންކަމުން ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު މަތިވަމުންދިއުމާއި މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިންނާއި ގައުމުގެ ދެމެހެއްޓިނިވިކަމަށް ހުރި ބޮޑު ނުރައްކަލެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް އަހަރަކުން އަހަރަކަށް 3 މިލިމީޓަރާއި 4 މިލިމީޓަރާއި ދެމެދުގެ މިންގަނޑަކަށް އުފުލެމުންދާކަމަށާއި 1.1 ޑިގްރީ ސެލްސިއަސްއިން ހޫނުމިން އިތުރުވި ފަހަރުތައްވެސް ފެނިފައިވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ދެމެހެއްޓިނިވިކަން އަދި ރައްކައުތެރިކަން ބިނާވެފައިވަނީ ފަރުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށެވެ. ޝައުނާ ވިދާޅުވީ، ހޫނުވުމުގެ ސަބަބުން ރާއްޖޭގެ މުރަކަތައް ހުދުވެގެންދާކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ރާއްޖޭގެ ފަރުތައް މަރުވުމުގެ ފުރުސަތުވެސް އޮތްކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ވާރޭވެހޭ މިންވަރުތައް އިތުރުވެ ބަދަލުވެގެންދިއުމުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި ފެންބޮޑުވުމުގެ މައްސަލަތައް ދިމާވާ މިންވަރުތައްވެސް އިތުރުވެފައިވާކަމަށެވެ. ޝައުނާ ވިދާޅުވީ، އިންތިހާއަށް ކަންބޮޑުވާ މިންގަނޑަކަށް ރަށްގިރުމުގެ މައްސަލަވެސް ގޯސްވެ އެކަން ވެގެންދާ ރޭޓު އިތުރުވެފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށާއި ނުރައްކާތެރި މޫސުމީ ހާލަތުތައްވެސް ކުރިމަތިވެފައިވާކަމަށް އިޝާރާތްކުރެއްވިއެވެ.

ޝައުނާ ވިދާޅުވީ، ދިވެހިރާއްޖެއިން މި ވާހަތައް ދައްކަން ފަށާފައިވަނީ 80ގެ އަހަރުތަކުގެ ތެރޭގައިކަމަށެވެ. އޭނާ ވިދާޅުވީ، މޫސުމީ ބަދަލުގެ ސަބަބުން ލިބެމުންދިޔަ ގެއްލުންތަކުން ރައްކައުތެރިވުމަށް ބޭނުންވާ ފިޔަވަޅުތައް އަޅާނެ ވަގުތު އޮއްވާ ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއަށް ބޭނުންވާ އެހީތައް ފޯރުވިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުން ރައްކައުތެރިވުމުގެ ގޮތުން ރާއްޖެއިން ދިވެހިރާއްޖޭގެ ޖުމުލަ ވަސީލަތްތަކުގެ 30 އިންސައްތަ ބޭނުން ކުރަމުންދާކަމަށެވެ. ޝައުނާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށަކުންވެސް ސާފު ބޯފެން ހުސްވެފައިވާކަމަށެވެ.

އެހެންކަމުން ކޮންމެ ރަށެއްގައިވެސް ލޮނު ފެނުން ބޯފެން އުފައްދާނެ ނިޒާމު ބިނާކޮށް ވާރޭ ވެހުމުން ނެގޭ ފެންވެސް ބޭނުންކޮށްގެން ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތްތައްކުރުމުގެ ވިސްނުންތައް ގެންގުޅުއްވާކަން ޝައުނާ ހާމަކުރެއްވިއެވެ. ޝައުނާ ވިދާޅުވީ، ރައްކައުތެރިކަން ކަށަވަރު ކުރުމަށް ކޯސްޓަލް ޕްރޮޓެކްޝަނަށް ބޭނުންވާ ވަސީލަތްތައް ބިނާކުރުމާއި ބިން ހިއްކުންފަދަ މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް އެކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންތައްވެސް ލިބިގެންދާކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ތިމާވެށި ރައްކައުތެރިކޮށްގެންވެސް މޫސުމީ ބަދަލުތަކުން ސަލާމަތްވުމަށްވެސް މަސައްކަތްތައް ކުރެވެމުންދާކަމަށާއި އެގޮތުން ރާއްޖޭގެ 13 އިންސައްތަ ފަރުތައްވަނީ ހިމާޔަތްކުރެވިފައިކަމަށްވެސް ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ އެއީ ފަންސާސް ފަސްހާސް ހެކްޓަރުގެ ފަރުގެ ސަރަހައްދެއްކަމަށެވެ. އަދި އެކަން ބޭނުންކޮށްގެން ރަށްގިރުން ފަދަ ކަންކަމުން ދިފާއުވުމުގައި މަގުތަކެއް ފެނޭތޯ ބަލަމުންދާކަމަށްވެސް ހާމަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ރަށްތައް ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތެއް ކަނޑައެޅުމަށާއި އައު ޑިޒައިންތައް ކުރުމަށް ބޭނުންވާނެ މައުލޫމާތުތައް ހޯދުމަށް އީޖާދީ ވަސީލަތްތައް ބޭނުންކުރުމުގެ ވިސްނުންތައްވެސް ގެންގުޅުއްވާކަމަށެވެ. ޝައުނާ ވިދާޅުވީ، ދުނިޔެއިން އެހީ ފޯރުވުމަށް ރާއްޖެއިން މަޑުނުކުރާކަމަށާއި ރާއްޖޭގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް މިހާރުވެސް މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: