ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ވިދާޅުވީ އީޕީއޭ މިނިވަންކުރުމުގެ ވިސްނުން ސަރުކާރުގެ ނެތްކަމަށް، ޝައުނާ ވިދާޅުވީ އެކަންކޮށް ނިމިއްޖެކަމަށް!

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެންވައިރޮމެންޓް މިނިސްތަރު އައިޝަތު ޝައުނާ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން މުސްތަގިއްލު މުއައްސަސާއަކަށް ހެދުމުގެ ވިސްނުން ސަރުކާރުގެ ނެތްކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށް، އެކަން ކޮށް ނިމި، އެ ވައުދު 100 ދުވަހުގެ ތެރޭގައި ސަރުކާރުން ފުއްދާފައިވާކަމަށް އެންވައިރޮމެންޓް މިނިސްތަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް މިނިސްޓަރު ހާޒިރުކޮށްފައިވާއިރު، އުނގޫފާރު ދާއިރާގެ މެންބަރު ސުވާލުކުރީ އީޕީއޭ މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ހެދުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ. އީޕީއޭ މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް ހެދުމަކީ ސަރުކާރުގެ ވައުދެއްކަމަށާއި، ވައުދު ނުފުއްދި ދިގުދެމިގެންދާކަން މެންބަރު ފާހަގަކުރިއެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އީޕީއޭ މިނިވަން ކުރުމަށް ގޮވާލަމުން ދިޔައީ 2015 ވަނަ އަހަރު އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމާއި ފާސްކުރުމުގެ ބާރުތައް ޓޫރިޒަމް މިނިސްޓްރީ އަށް ބަދަލު ކުރުމާ ގުޅިގެން ކަމަށެވެ. ޝައުނާ ވިދާޅުވީ އީޕީއޭ ބާރުވެރި ކުރުމަށް މި ސަރުކާރުން ކުރި މަސައްކަތް ކޮށްފައިވާކަމަށެވެ. އެގޮތުން ޓޫރިޒަމް ގާނޫނު އިސްލާހު ކުރުމަށް ފަހު އީއައިއޭ ފާސް ކުރުމުގެ ބާރު އަލުން އީޕީއޭ އަށް ލިބޭ ގޮތަށް ހަދާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އީޕީއޭ އަކީ މިނިވަންކަމާ އެކީ ހިނގާ މުއައްސަސާއަކަށް ހެދުމަށް ތިމާވެށި ރެގިއުލޭޓަރީ އެޖަންސީތައް ހިނގާ ގޮތް ބަލައިލަން ޖެހޭކަމަށް ޝައުނާ ވިދާޅުވިއެވެ. ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އެގްޒެކެޓިވް ބާރާ ވަކި ކުރެވިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިނިސްޓަރު މިސާލު ނެންގެވީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ސިންގަޕޫރުންނެވެ.

އެހެންކަމުން ވެރިކަން ހިންގާ ފަރާތުގެ ބާރު ނުހިނގާ ގޮތަށް މުޅިން މިނިވަން މުސްތަގިއްލު ކޮމިޝަން އަކުން ތިމާވެށީގެ ކަންކަން ރެގިއުލޭޓް ކުރުމަކީ ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ގައުމަކަށް އެންމެ އެކަށީގެންވާ ނިޒާމް ނޫންކަން ގަބޫލު ކުރަން ޖެހޭ

މި ޖަވާބާއި ގުޅިގެން މެންބަރުން ނުރުހުން ފާޅުކޮށްފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އީޕީއޭ މިނިވަން މުއައްސަސާއަކަށް ހެދުމުގެ ވިސްނުން ސަރުކާރުގެ ނެތްކަމަށެވެ.

އެހެން މެންބަރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝައުނާ ވަނީ 100 ދުވަހުގެ ވައުދާ އެއްގޮތަށް އީޕީއޭ މިނިވަންކަމާ އެކު ހިންގޭނެ ގޮތް ހަދާފައިވާ ކަމަށާއި މިހާރު އެ ކޮމިޝަނަކީ އެއްވެސް ސިޔާސީ ނުފޫޒެއް ވަންނަ ތަނެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: