ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ގައުމަށްޓަކައި” ކޮންމެ ސަކަރާތަކަށް ހުއްޖަތެއް؟

ޝެއާރކޮށްލާ ކަހަލަދޯ؟

2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހަކީ ދިވެހި އެތައް ރައްޔިތުންނެއްގެ ހަނދާނުގައި އަދިވެސް ސާފުކޮށް ހުންނާނެ ދުވަހެކެވެ. އެތަކެއް ފިންތުތަކެއްގެ ސަބަބުން އޭރު ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވީއެވެ.

ވިދާޅުވީ:

އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި، އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސްކަމުގައި ހުރެއްޖެ ނަމަ، ރާއްޖޭގެ ރައްޔިތުންނަށާއި އަދި ރާއްޖެއަށް އެތައް ގިނަގުނަ ގެއްލުންތަކެއް ވެދާނެ ކަމަށް އަޅުގަނޑަށް ފެންނާތީވެ، އަޅުގަނޑު މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފިން. އަޅުގަނޑަކީ އެއްވެސް އިރެއްގައި ބާރުގެ ބޭނުންކޮށްގެން، ވެރިކަން ކުރުމަށް އެދޭ މީހެއް ނޫން.

އާއެކެވެ. ރައީސް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމުން އިސްތިއުފާދެއްވީ ގައުމަށްޓަކައިކަމަށް ވިދާޅުވެއެވެ. އެމަނިކުފާނަށް އެތަކެއް ރައްޔިތުން ކުރި ތާއީދާއި، ދިން ބޮޑު އަޢުލަބިއްޔަތު ހަދާންކޮށް، ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައިއެވެ.

ހަމައެއާ އެކުގައި އަޅުގަނޑަށް ފެނުނު ގޮތުގައި ސަރުކާރު އިތުރަށް ދެމެހެއްޓުމަށް މަސައްކަތް ކޮށްފި ނަމަ، ރާއްޖެއަށް ބޭރުގެ ނުފޫޒުތައް އައުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވާތީވެ، މި ގައުމަށާއި މި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އަބަދުވެސް ހެޔޮ އެދޭތީވެ އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުހަނު އެދޭތީވެ، އަޅުގަނޑު މިއަދު މި ނިންމީ ވަރަށް ހެޔޮ ހިތުން އިހުތިރާމާއެކު ރާއްޖޭގެ ރައްޔިތުން އަޅުގަނޑަށް ދެއްވާފައިވާ ނުހަނު ބޮޑު ތާއީދާއި އަޣުލަބިއްޔަތު ހަނދާންކޮށް، އެ ރައްޔިތުންގެ މަންފާ އާއި ލާބައަށްޓަކައި އަޅުގަނޑު މި ރާއްޖޭގެ ރައީސްކަމުން އިސްތިއުފާ ދިނުން.

އުމުރު ދުވަހު އެ ޕާޓީއަކަށްޓަކައި ގުބާންވީ އެމްޑީޕީއިން އިސްތިއުފާދެއްވާވެސް ރައީސް ނަޝީދު ވިދާޅުވީ ހަމަ މިފަދަ ވާހަކައެކެވެ. ޖޫން 21 ގައި ޕާޓީގެ ޗެއާޕާސަންއަށް ފޮނުއްވި ސިޓީގައި ރައީސް ނަޝީދު ވިދާޅުވީ ގައުމުގައި ކަން ހިނގަމުންދާ ގޮތުގެ ސަބަބުން އެމަނިކުފާނު އެމްޑީޕީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުދެކޭތީ ޕާޓީއިން ވަކިވީކަމަށެވެ.

ދެން އޮތީ

ދެން އޮތީ މިދިޔަ ހުކުރު ވިލޭރޭގެ ވާހަކައެވެ. 13 މެންބަރަކު މައި އިދިކޮޅު ޕާޓީ އެމްޑީޕީއިން ވަކިވެ ވެރިކަން ކުރާ ކޯލިޝަން ޕީޕީއެމް/ޕީއެންސީއާއި ގުޅިވަޑައިގަތީއެވެ. މި 13 މެންބަރުން ތަމްސީލުކޮށް ޕީއެންސީގެ “ފެށުން” ޖަލްސާގައި ވާހަކަދައްކަވަމުން އެމްޑީޕީ ދޫކޮށް، ޕީޕީއެމްއާއި ގުޅުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ މިއީ “ގައުމީ ފިކުރު” އިސްކޮށް ނިންމެވި ނިންމެވުމެއްކަމަށެވެ.

އަޅުގަނޑުމެން މި ޕާޓީއާއި ގުޅުމުން، ވަރަށް ގިނަ މީހުން ކުރިމަތި ކުރާ ސުވާލެއް، ކަލޭމެން ވިކުނީހޭ؟ ކަލޭމެން ހިޔާލު ބަދަލުވީހޭ؟ ނޫން. އެއްގޮތަކަށްވެސް އެހެންނެއް ނޫން. އަޅުގަނޑުމެންގެ ހިޔާލެއްވެސް ބަދަލެއް ނުވެ، އަޅުގަނޑުމެންގެ ފިކުރެއްވެސް ބަދަލެއް ނުވެ، އަޅުގަނޑުމެންގެ ފިކުރަކީ ގައުމުގެ ފިކުރު.

އެތައް ދުވަހަކު އެމްޑީޕީ ވަރު ޕާޓީއެއް ނެތިގެން އުޅުއްވުމަށްފަހު ޕީޕީއެމް/ޕީއެންސީއާއި ގުޅުމުން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ޝަރީފް ވިދާޅުވީ މިފަދައިންނެވެ.

ސިޔާސީ ގޮތުން ކުރާ މުޒާހަރާއެއް ނަމަވެސް، އެއްވާ އެއްވުމެއް ނަމަވެސް، އަދި މީހަކަށް ބުނާ ބަދު ބަހެއް ނަމަވެސް، އެއީވެސް ގައުމަށްޓަކައެވެ. ގައުމުގެ ހަމަޖެހުން ގެއްލި، އެކަމެއްގެ ސަބަބުން އެތަކެއްކަމެއް ގޯހުން ގޯހަށް ދާނެފަދަ ކަންކަން ކުރެއްވުމަށްފަހު، ގައުމަށްޓަކައިކަމަށް ވިދާޅުވުމަކީ މިއަދު ސިޔާސީ މައިދާނުގައި އާ ކަމެއް ނޫނެވެ. ތިމާގެ އަމިއްލަ ވިސްނުމަށް އެންމެ ރަނގަޅުކަމަށް ފެންނަ ގޮތަށް، ގޮތް ނިންމުމަށްފަހު، ދެން އަމާޒުވާ ފާޑުކިޔުންތަކުން ރެކެން ގައުމިއްޔަތާއި، ގައުމުގެ ފިކުރު އުޒުރަކަށް ބޭނުން ކުރުމުން އެނގޭ ވަރަށް މިއަދު ދިވެހީންނަށް ތަންދޮރު ފިލައެވެ.

މިއީ އެއްވެސް ކަހަލަ ބުރަދަނެއް ހުންނަ ވާހަކަތަކެއް ނޫންކަން ސާފު ވެގެންދަނީ ކަން ކުރުމުގެ ކުރީގައިއާއި އެއަށްފަހު ދެން ކަން ވާ ގޮތުގެ ސަބަބުންނެވެ. އަދި މިއީ ރައްޔިތުންނަށް ބަލައިގަންނަން ދަތި ވާހަކަތަކަކަށްވެސް ވަނީ ހަމަ އެހެންވެއެވެ. ގައުމަށްޓަކައި ވެރިކަން ދޫ ކުރެއްވި ބޭފުޅާ ދެން ވެރިކަން ހޯދަން ނުފޮރުޅާ ގަލެއް ނެތެވެ. ގައުމަށްޓަކައި ވަކިވެވަޑައިގެން މެންބަރުން އިސްކުރެއްވީ ގައުމީ ފިކުރުތޯ، އަމިއްލަ މަންފާތޯ ސުވާލު އުފެދޭ ސަބަބުތައް އެބަހުރިއެވެ.

އެހެންކަމުން މިއަދު ގައުމޭ، ރައްޔިތުންނޭ، ހައްގޭ ކިޔައިގެން ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކަކީ ރައްޔިތުން ބަލައިގަންނަނާނެ ވާހަކަތަކެއް ނޫނެވެ. އަދި މާ ބޮޑު ބުރަދަނެއް ހުންނަ ވާހަކަތަކެއްވެސް ނޫނެވެ. ބަހާ އަމަލާ ދިމާނުވެ، އިހުލާސްތެރިކަމާއި، ތެދުވެރިކަމާއިމެދު ސުވާލު އުފެދޭ މިންވަރުގައި ތިއްބެވި ބަޔަކު ގައުމަށްޓަކައިއޭ ވިދާޅުވުމުން ދެން ވާނެ ގޮތް ވީ ތަން އަޅުގަނޑުމެން ދެކެފީމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: