ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އަށް ބަދު ބަސް ބުނެފައި، ދިވެހިންނަށް ތަނަވަސްކަމާއި އެކު އުޅެވޭނެކަމަށް ބަލައިގެން ނުވާނެ: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި އިންޑިއާ އަށް ބަދު ބަސް ބުނެފައި، ދިވެހިރާއްޖޭގެ ރައްޔިތުން ތަނަވަސްކަމާއި އެކު ކައިގެން ބޮއެގެން އުޅެވޭނެކަމަށް ބަލައިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ހުށައެޅި ދައުލަތުގެ ބަޖެޓަށް އަލިއަޅުވާލާ ވާހަކަދައްކަވަމުން ނެވެ.

ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު މުޅިންހެން ބިނާވަނީ ބޭރު ގައުމުތަކުން ރާއްޖެއަށް ލިބެން އޮތް ފަންޑަށް ކަމަށެވެ. އެކަމަށްޓަކައި އިންޑިއާއަށް ބަދު ބަސް ބުނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން މުޅި ބަޖެޓު ބޭރު ގައުމުތަކަށް ބަރޯސާކޮށްފައިވާ މި ދަނޑިވަޅުގައި އިންޑިއާއަށް ބަދު ބަސް ބުނެގެން ދިވެހި ރައްޔިތުންނަށް ކައިގެން ބޮއެގެން އުޅެވޭނެކަމަށް ދެކިގެން ނުވާނެކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ އިންޑިއާ އާއި އެކުގައި އޮތުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް ވިދާޅުވި އެވެ.

“އިއްޑިޔާއަށް ބަދުބަސްބުނެ، އަޅުގަނޑުމެންނަށް މިތަނުގައި ކައިބޮއި އުޅެވޭނެ ކަމަށް، ތަނަވަސްކަމާއި އެކީގައި އުޅެވޭނެ ކަމަށް އަޅުގަނޑުމެން ދެކެގެން ނުވާނެ. އަޅުގަނޑުމެން އިންޑިޔާއާއި އެކީގައި ތިބުން އެއީ ވަރަށް ބޭނުންތެރި ކަމެއް. މިތަނުގައި އެއްވެސް މަސައްކަތަކަށް އައިސްތިބި އިންޑިޔާ ބޭރުކޮށްލާކަށް އަޅުގަނޑުމެން އުޅެގެން ނުވާނެ. މާދަމާ ޓްރެޝަރީ ބިލް ރޯލްއޯވާ ކުރަން ދާންޖެހޭނީ އެސްބީއައި އަށް. 100 މިލިއަން ޑޮލަރު ބޭނުންވޭ. އެ ރޯލް އެއް ނުކުރެވޭނެ އަޅުގަނޑުމެން އިންޑިޔާއާ ދިމާއަށް ދަނިކޮށެއް.” ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި އެއްވެސް ބޭނުމަކަށް އައިސްތިބި އިންޑިއާ މީހުން އަނބުރާ ފޮނުވާައިގެން ނުވާނެ ކަމަށެވެ. އަދި އިންޑިއާއަށް ބަދު ބަސް ބުނެ، އިންޑިއާގެ މީހުން ބޭރު ކުރުމަށް ބާރު އަޅަމުންދާއިރު، އަނެއްކޮޅުން ޗައިނާއިން ދިވެހިރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވެސް ބަލައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

އެއާއެކު ނަޝީދު ވިދާޅުވީ އިންޑިއާ ނޫން ގައުމުތަކުން ވެސް ރާއްޖެއަށް ފައިސާ ހޯދުމަކީ ފަސޭހަކަމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އެހެން ކަމުން ސަރުކާރުން މިކަމާއި ދޭތެރޭ ފުންކޮށް ވިސްނާ، ބުއްދިވެރިކަމާއެކު ކަންކަން ތަރުތީބުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: