ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ކަރިސާތަކުން ރައްކައުތެރިވުމަށް ރައީސް މުއިއްޒުގެ ވިސްނުން ތަފާތު!

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުގެ ލޮނުގަނޑު އުފުލެމުންދިއުމުގެ ސަބަބުން ކުރިމަތިވެގެންދާނެ ދަތިތަކުން ދިފާއުވުމަށް ބިންހިއްކުމާއި އުސްކޮށް ރަށްތައް ބިނާކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ “ޓައިމްސް އޮފް އިންޑިއާ” އިން ރިޕޯޓުކުރާގޮތުން، ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގުދުރަތީގޮތުން ލިބޭ ބޯފެނުގެ ދަތިކަން ކުރިމަތިވެފައިވާއިރު، ރައީސް މުއްޒުވަނީ ރާއްޖޭގެ ރައްޔިތުން ރައްކައުތެރި ސަރަހައްދަކަށް ބަދަލުކުރުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލާފައިވާކަން ހާމަކޮށްފައެވެ. އަދި އެކަމުގެ ބަދަލުގައި ބިން ހިއްކުމާއި، އުސްކޮށް ރަށްތައް ބިނާކުރުން ފަދަ މަސައްކަތްތަކުގެ ތެރެއިން އެ ހާލަތުން ދިފާއުވުމުގެ ވިސްނުން އެމަނިކުފާނު ހިއްސާކުރެއްވިކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް ތިމާވެއްޓާއި ގުޅުން ހުރި މަސައްކަތްތައް ކުރަމުންދާ ޖަމިޔާތަކުން އެ ވިސްނުމާއި އެއްބަސްނުވާކަމަށާއި އެކަމުގެ ސަބަބުން ރަށްތަކުގައި ފެންބޮޑުވުމުގެ މައްސަލަ އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރުތައް ދެމުންދާކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރާއްޖެއަކީ ބީޗުތަކަށާއި ފަރުތަކަށް މަޝްހޫރު ގައުމެއްނަމަވެސް މޫސުމީ ކާރިސާއެއް ކުރިމަތިވެފައިވާކަމަށާއި އެހެންކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ ރާއްޖޭގެ ރައްޔިތުން މޫސުމީ ކާރިސާއެއްގެ ސަބަބުން ރެފިއުޖީންނަށް ވުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެ އެހެން ތަނަކަށް ރައްޔިތުން ބަދަލުކުރުމަށް މަގުތައްވެސް ބައްލަވާފައިކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ރައީސް މުއިއްޒު މިހާރު މަސައްކަތްކުރައްވަމުންދަނީ 500 މިލިއަން ޑޮލަރުގެ ފަންޑިންގް ހޯއްދަވައިގެން ރާއްޖޭގެ ރަށްތަކުގެ އައްސޭރިފަށުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށްކަމަށާއި ރައްޔިތުންނަށް ރާއްޖޭގައި ތިބެވޭނެކަން އެމަނިކުފާނަށް ޔަގީންވެވަޑައިގަންނަވާކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބޯފެން ހޯދުމުގެ ދަތިކަމުގެ ތެރެއިނާއި ރަށްތަކުގެ ފެންބޮޑުވުމުގެ މައްސަލަ އިތުރުވެގެންދިއުމުގެ ފުރުސަތު އޮތް އިރުވެސް ރައީސް މުއިއްޒު ހުންނެވީ ތޮށިލުމާއި ފާރު ބިނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ރަށްތަކުގެ އައްސޭރިފަށް ވަރުގަދަކުރެވޭނެކަމުގެ އުންމީދުގައިކަމަށާއި އެމަނިކުފާނު ގެންދަވަނީ ނުރައްކާތައް ކުރިމަތިވުމުގެ ފުރުސަތު އޮތް ސަރަހައްދުތައް ރައްކައުތެރި ރަށްތައް ގޮތުގައި ކަނޑައަޅުއްވަމުންކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ރާއްޖޭގެ ރަށްތަކުގެ 80 އިންސައްތަ ރަށްތަކަކީ ކަނޑުގެ ލޮނުގަނޑުން މީޓަރަކަށްވެސް ނުއުފުލޭ ރަށްތައްކަމަށްވުމުން އެމަނިކުފާނު އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ދެމެހެއްޓިނިވި ކަމާއިމެދު ސުވާލު އުފެދޭކަމަށްވެސް ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގެ މައި ހިއްސާދާރެއްކަމަށާއި އެގޮތުން ރާއްޖޭގެ އިގްތިސާދުގެ ތިން ބައިކުޅަ އެއް ބަޔަކީ ފަތުރުވެރިކަންކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް، މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ ރަށްތައް ވަށައި ފާރުން ރައްކައުތެރިކުރެވިފައިވާއިރު، ގިނަ އަދަދެއްގެ ފަތުރުވެރިންގެ ޝައުގުވެރިކަން އަތުލައިގަނެފައިވާ ރާއްޖޭގެ ރިވެތި ބީޗުތަކުގެ ކުރިމަގާއިމެދު ސުވާލު އުފެދިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުގައިވާގޮތުން، ވޭތުވެދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައި ބިންހިއްުކުމުގެ ތެރެއިން 10 އިންސައްތައް އިތުރުވެފައިވެއެވެ. އަދި ރައީސް މުއިއްޒުއަކީ ހުޅުމާލެ އިތުރަށް ބޮޑުކުރުމަށް ކުރި މަސައްކަތްތައް ބެލެހެއްޓެވުމުގައި އިސް ރޯލެއް އަދާކުރެއްވި މީހެއްކަމަށާއި އެހެންނަަމަވެސް ކަމާއި ބެހޭ ޖަމިއްޔާ ޖަމާއަތްތަކުންދަނީ އެ ފަދަ މަސައްކަތްތައް ކުރުމުގެ ތެރެއިގައި ސަމާލުކަން ދީގެން މަސައްކަތްތައް ކުރުމުގެ މުހިންމުކަން ފާހަގަކޮށް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާ އެ ފަދަ މަސައްކަތްތަކުގައި ގެއްލުންތައް ކުޑަކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމުގެ ކަންބޮޑުވުން ފާޅުކުރަމުންކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: