ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުކަމަށް މިދިޔަ ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި، ހަސަން މުޣުނީ އައްޔަނުކުރައްވައިފި އެވެ.
ޕީސީބީގެ ބޯޑު އެކުލެވެނީ ރައީސާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ޖުމުލަ ހަތް މެމްބަރުންގެ މައްޗަށެވެ. ބޯޑުގެ މެމްބަރުކަމަށް މެމްބަރުން އައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން ޖެހޭނެ އެވެ. ޕީސީބީގެ ރައީސްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމްދީ އަގީލު ވެސް އައްޔަން ކުރައްވާފަ އެވެ.
ޕީސީބީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކުރާ ބޯޑެވެ. އެތަނުގެ އިދާރީ ކަންކަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ފިނޭންސުންނެވެ. މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަރނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފަ އެވެ.
އޭނާ މިދިޔަ ސަރުކާރުގައި ފުރަތަމަ ހުންނެވީ ސްޓެލްކޯ ހިންގެވުމުގަ އެވެ. ނަމަވެސް ފަހުން ސަރުކާރުން އޭނާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ބަދަލުކުރެއްވީ އެވެ. އޭނާ އަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިދިޔަ ސަރުކާރުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

