ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ވާނުވާ ބަންދަށް” ހައްލެއް ހޯދުން؛ ގާނޫނުން ކުރެވިދާނެ ކަމެއް!

ފޮޓޯ: ގޯގުލް ކްރޯމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ބަލާއިރު އެންމެ ގިނައިންދެކެވޭ ވާހަކައަކީ ޝަރީއަތްތައް ކުރިއަށް ދާއިރު ކޯޓުތަކުން ވާނުވާ ބައްދެއްގައި މީހުން ބެހެއްޓުމަށް ކުރާ އަމުރެއްގެ ވާހަކައެވެ. މިއީ އެތައް ބަޔަކު މިއަދާ ޖެހެންދެންވެސް ދައްކަމުން އަންނަ، އަދި އެކަމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނަމުން އަންނަ މައްސަލައެކެވެ.

ޝަރީއަތްތައް ކުރިއަށް ދާއިރު މީހަކު ބަންދު ކުރުމަށް ގާނޫނު ޖާގަދެނީ މަދު ހާލަތް ތަކެއްގެ މައްޗަށް ރިއާއަތްކޮށެވެ. މިސާލެއް ދަންނަވާނަމަ ޖިނާއީ ބޮޑު ކުށަކަށް އަރައިގެންފައިވާ މީހަކަށް ތުހުމަތު ކުރެވި އެމީހަކު މުޖުތަމައުއަށް ދޫކޮށްލައިފިނަމަ ކުރައްކަލެއް ދިމާވެދާނެ ހާލަތެއްގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 61 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިޔާއަތްކޮށް ބަންދުގައި އެމީހަކު ބެހެެއްޓުމުގެ ޖާގަ އޮވެއެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީ، އަދުލުވެރިކަމާއި ހާމަކާމާއެކު ޝަރީއަތްކުރުމަށް ފުރިހަމައަށް ޖާގަދެއެވެ. އެ ގާނޫނުގެ 42 ވަނަ މާއްދާގެ (ހ) ބާޔާންކުރަނީ ކޮންމެ މީހެއްގެމެ މަދަނީ ހައްގުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ގާނޫނަކުން ގާއިމްކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި ނުވަތަ ޓަރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އާންމުކޮށް ހުޅުވާލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އަދި ހަމަ އެމާއްދާގެ (ށ) ގައި ބަޔާންކުރަނީ ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީއަތްތައް ހިންގާންވާނީ އަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކު ކަމަށެވެ.

އެހެންކަމުން ވާނުވާ ބަންދަށް ބަލާއިރު، ބަންދެއް ވާނުވާ ބަންދަކަށް ބަދުލުވެގެން ދަނީ ޝަރީއަތެއް ނިމެންދެން މީހަކު ބަންދެއްގައި ބަހައްޓާ އެޝަރީއަތެއް ފެށޭނެ ދުވަހަކާއި ނިމޭނެ ދުވަހެއްވެސް ނޭނގޭ ހާލަތެއްގައެވެ. ޝަރީއަތްތައް ތާވަލު ނުކޮށް ހުރުމަކީ އެބަންދު ވާނުވާ ބަންދަކަށް ބަދަލުވާން ދިމާވާ މައިގަނޑު އެއްސަބަބެވެ. މީހެއްގެ ބަންދެއް ވާނުވާ ބަންދަކަށް ބަދުލުވުމަށްޓަކައި ބޭނުންވާ އަސާސީ ޝަރުތަކީ އެ ޝަރީއަތް ނިމޭނެ ދުވަހެއް އަންދާޒާ ނުކުރެވުމެވެ. އެހެން ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުން ދައްކުވައިދެނީ ކޮންމެ ދައުވާއެއް ކުރުމަށްވެސް ވަކި މުއްދަތެއް ކަނޑައަޅައިފައިވާ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނުނުގެ 94 ވަނަ މާއްދާގައި ދައުވާ ކުރުމުގެ މުއްދަތެއް ކަނޑައަޅައިފައި ވާއިރު، ފަނޑިޔާރެއްގެ ކުރިމައްޗަށް މީހަކު ހާޒިރުކުރެެވި، ބަންދެއްގައި ހުރިމީހެއްނަމަ 30 ދުވަސް ނުވަތަ ބަންދު ވީއްލާފައި ހުރި މީހެއްނަމަ 45 ދުވަހުގެ ތެރޭގައި މައްސަލައިގެ ތަހުގީގެއް ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ހުށަހަޅަން ޖެހޭ ކަމަށް އެގާނޫނު ބުނެއެވެ. އަދި ޕީޖީ އޮފީހުން އެމީހެއްގެ މައްްޗަށް އަދުވާ ކުރަން ބޭނުންވާނަމަ މައްސަލަ ހުށަހެޅޭތާ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި ދައުވާ ކުރަން ވާނެކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގައި ޝަރީއަތެއް ގެންދާނެ ގޮތުގެ ވަގުތުރޮނގު ހާމަކޮށްފައިވެއެވެ. އެ މާއްދާގެ (ހ) ގައި ބަޔާން ކުރަނީ ދައުވާ ލިބޭ ފަރާތުގެ މައްޗަށް ހުށަހެޅިފައިވާ ދައުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތް ކަމަށް މި ގާނޫނުގެ 115 ވަނަ މާއްދާގެ (ބ) ގެ ދަށުން ފަނޑިޔާރު ނިންމައިފިނަމަ، މި ގާނޫނުގެ ސާދަވަނަ ބާބުގައިވާ ގޮތުގެމަތިން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުން އުނިނުވާ ގޮތަށް، މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ދުވަސްތައް، ދައުލަތާއި ދައުވާ ލިބޭ ފަރާތާ މަޝްވަރާކުރުމަށްފަހު، ކޯޓުން ކަނޑައަޅައި ތާވަލުކުރަންވާނެ ކަމަށެވެ.

ޝަރީއަތެއް ކުރިއަށް ދާއިރު ކޯޓު އަޑުއެހުންތައް ދެމިގެންދާގޮތަށް ކުރިއަށް ގެންދިއުމަކީ އެންމެ އެކަށީގެންވާގޮތް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ހ) ގައި ވަރަށް ސާފުކޮށް ބަޔާންކުރެއެވެ. އެހެންކަމުން ޝަރީއަތެއްގައި އެކުލެވޭ ތިން މަރުހަލާ ކަމަށްވާ އިފްތިތާހީ ބަޔާނާއި، ހެކިން ހާޒިރު ކުރުމާއި އަދި ހުލާސާ ބަޔާން ހަފްތާއެއްގެ ތެރޭގައި ނިންމާ މައްސަލަ އާއި މެދު ހުކުމެއް ކުރެވޭނެއެވެ.

ވާނުވާ ބަނަދުގައި ވާމީހަކަށް މި ގާނޫނުގެ 116 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް ޝަރީއަތްތަށް ތާވަލުކުރެވި، ޝަރީއަތް ކުރިއަށް ދާނެ ގޮތް އަންގާ މަޝްވަރާ ކުރެވިއްޖެނަމަ ވާނުވާ ބަންދު ކިއުން ނިމުމަކަށް އަންނާނެއެވެ. މައްސަލައިގައި ހަސްމުންނަށް ވެސް މައްސަލަ ނިމޭނެ ވަކި ދުވަހެއް އެނގި ހެކިން ހާޒިރުކުރުމަށް ފަސޭހަތަކެއް ވެގެން ދެއެވެ. ގާނޫނީ އިމުގެ ތެރެއިން ކަންކުރުމަކީ ރައްޔިތުންގެ ހައްގުތަށް ރައްކާތެރި ކުރުމަށްޓަަކައި އެޅޭނެ އެންމެ މުހިންމު އެއްފިޔަވަޅެވެ. އެހެން ކަމުން ވާނުވާ ބަންދު ނިމުމަކަށް ގެނައުމަށްޓަކައި ގަނޫނުގައި ވާގިތަށް ކަންކޮށް، ބަންދުގައި ހުރި މީހާއަށްވެސް އެމީހެއްގެ ހަޔާތް ރަނގަޅު ގޮތުގައި ބިނާކުރުުމަށް ފުރުސަތު ފަހިވެއެވެ. އަދި ކުށުގެ ވެއްޓަށް ދިއުމުގެ ބަދަލުގައި އެމީހާގެ ކުރިމަގު އުޖާލާކުރުމަށް ދުވަސްތަކެއް ލިބިގެން ދެއެވެ.

ވާނުވާ ބަންދަށް ހައްލެއް ގެނައުމަށްޓަކައި ގާނޫނީ އިމުގެތެރެއިން މަސައްކަތް ފެށިއްޖެނަމަ މައްސަލަތައް ކޯޓުތަކުގައި ހިނގާ މިންވަރު އަވަސްވެ، މައްސަލަތަށް ފުނިޖެހުންވެސް ނިމުމަކަށް ގެނެވޭނެއެވެ. އެހެންކަމުން ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި މިއީ އެޅޭނެ މުހިންމު ފިޔަވަޅެއް ކަން ގާނޫނުންވެސް އެނގެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: