ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް ޔާމީން ޕީއެންއެފްއަށް!

ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރެއްވުން/ ފޮޓޯ: އަދަދު - އަބްދުﷲ އިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި މެދު ހިތްހަމަނުޖެހި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދޫކުރައްވައި ޕީޕަލަސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ނަމުގައި އައު ސިޔާސީ މަސައްކަތެއް ފައްޓަވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ގާތް ގުޅުމެއް ނުބާއްވާކަމުގެ ތުހުމަތާއި އެކު ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވިތާ ދުވަސްތަކެއް ވަނީވެފަ އެވެ. އަދި ޕީއެންއެފްގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، މިހާރު ކުރިޔަށް ދަނީ 3،000 މެމްބަރުންގެ ސޮއި ހަމަކުރުމުގެ މަސައްކަތެވެ.

ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މީޑިއާތަކަށް ވިދާޅުވި ގޮތުގައި އަމާޒަކީ ތިން ހާސް މެމްބަރުންގެ ފޯމު މުޅި ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން ހުށަހެޅުމެވެ.

މިރޭ ޕާޓީގެ އޮފީހުގައި އޮތް ރަސްމިއްޔާތުގައި ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރެއްވުމަށް ފަހު ފޯމު ހަވާލު ކުރެއްވީ މަލީހުއާ އެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައި ނަމަވެސް އެމަނިކުފާނަށް ދިން ލުއިތަކުގެ ތެރޭގައި އާންމު ބައްދަލުވުންތަކުގައި ބައިވެރިވުން ނުހިމެނެ އެވެ.

މީގެ ދުވަސްތަކެއް ކުރިން ވެސް ހ. ހުރަފާ އިމާރަތަށް ރައީސް ޔާމިން ވަޑައިގެންފައިވާތީ އެއީ އިގުރާރާއި ހިލާފުވުން ނޫންތޯ ނޫސްވެރިން ކަރެކްޝަނާއި ސުވާލު ކުރުމުން އެ އިދާރާއިން ބުނެފައި ވަނީ އެއްބަސްވުމުގެ ދަށުން އެފަދަ އެއްވެސް ލުޔެއް އެމަނިކުފާނަށް ދީފައިނުވާނެކަމަށާއި އެފަދަ އަމަލުތައް ތަކުރާރުވާކަމަށް ވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ގޭބަންދަށް ބަދަލު ކުރިފަހުން ރައީސް ޔާމީން އާންމުންނާއި ބައްދަލު ކުރައްވައި، މީޑިއާތަކުން ލައިވް ކުރަމުން ދިޔަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވާ މިއީ ތިންވަނަ ފަހަރެވެ. އޭގެ ކުރިން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރިއަށް ސަޕޯޓަރުން އެއްވުމުން ވެސް އާންމުންނާއި ވާހަކަދައްކަވާފައި ވެއެވެ.

ވެރިކަމަށް މާގިނަ ދުވަހެއް ނުވެ، ރައީސް ޔާމީނާއި ރައީސް މުއިއްޒު ދެމެދު މައްސަލަތައް ދިމާވީ ކޮން ސަބަބަކާއި ހުރެކަން ސާފެއް ނޫނެވެ. އެކަމަކު ޕާޓީގެ ކަންކަމުގައި މަލީހުއާއި އެކު ދެން އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގެންދަވަނީ ސަރުކާރަަށާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭނާގެ އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވަނީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުއްﷲ އަށެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ މަލީހު އާއި ޖަމީލު ރައީސް ޔަމީނަށް ހެޔޮއެދިގެން މަސައްކަތް ކުރައްވަފާނެކަމަށް ދެކުމަކީ މޮޔަ ވިސްނުމެއް ކަމަށެވެ. އަދި ދެބޭފުޅުންގެ ނިޔަތާއި މެދު ސުވާލު އުފެއްދި އެވެ.

ރައީސް ޔާމީން އައު ސިޔާސީ ޕާޓީއެއް އުފައްދަވާއިރު، ސަރުކާރުގެ ދިފާއުގައި ނިކުމެ، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާއި ވަޒީރުން ވަނީ މިއީ ގައުމު އިސް ކުރަން ޖެހޭ ވަގުތުކަން ފާހަގަކޮށް ރައްޔިތުން ފަސް އަހަރު ދުވަހަށް އިންތިހާބު ކުރި ވެރިކަމެއް ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތުގައި ފަސް ޖެހުމެއް ނެތްކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: