ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އެދުނުގޮތަށް ކަރެކްޝަނުން އިތުރު ލުއިތަކެއް ނުދިން!

ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަނީ: ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންދަށް ދިން ލުއިތަކާއި އެކު މިވަގުތު ގޭގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިތުރު ލުއިތަކެއް ދޭން އެދުމުން އެ ފުރުސަތު ދެވެން ނެތްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އުފުލި މަނީލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުގައި ކުރިޔަށް ދާއިރު ދެން އޮތީ ހުކުމް އިއްވުމުގެ މަރުހަލާ އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މަސައްކަތް ކުރެއްވި ނަމަވެސް ހުކުމުގެ ސަބަބުން، އިލެކްޝަންސް ކޮމިޝަނުން ފޯމު ގަބޫލު ނުކުރުމަށް ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުން އެމަނިކުފާނަށް އެ ފުރުސަތު އެއްކޮށް ގެއްލުނެވެ. އެކަމަކު ފަހުން ޕީއެންސީގެ ޓިކެޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބަށް ނިކުންނަވައި ކޮންގްރެސް ކޯލިޝަނުގެ ސަޕޯޓަރުންނަށް ވި އެންމެ ބޮޑު ވައުދަކީ ރައީސް ޔާމިން މިނިވަން ކުރުމެވެ.

އިންތިހާބުގެ ނަތީޖާ ކަށަވަރުވުމަށް ފަހު، އޭގެ ޖެހިގެން އައި ދުވަހު ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރެވުނެވެ. އަދި އޭގެ ފަހުން ވެރިކަމުގެ ހުވާ ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ ދެ ރައީސުން ދެމެދު މައްސަލަތަކެއް ޖެހި ރައީސް ޔާމީން ޕީޕިއެމުން ވަކިވެވަޑައިގަތެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވައި އެ މަސައްކަތްތައް ކުރިޔަށް ގެންދާ ހ. ހުރަފާއަށް ވަޑައިގަންނަވާތީ ކަރެކްޝަނާއި މީޑިއާތަކުން ސުވާލު ކުރެ އެވެ. އަދި އެކިފަހަރު މަތިން އިންޒާރުތައް ދިނުމުން ވެސް އެކަން ތަކުރާރު ކުރައްވާތީ ކެރެކްޝަނާއި ސުވާލު ކުރުމުން ސީދާ ޖަވާބެއް ނުދެ އެވެ.

މައްސަލަ ބޮޑުވެފައި ވަނިކޮށް، މީޑިއާތަކުން މިއަދު ރިޕޯޓު ކުރި ގޮތުން ރައީސް ޔާމީން ވަނީ ބަންދަށް އިތުރު ލުއިތަކެއް ދިނުމަށް އެދިފަ އެވެ. އެއީ ކޮން ލުއިތަކެއްކަން ސާފުނުވި ނަމަވެސް އެމަނިކުފާނު އުފައްދަވާ ޕާޓީގެ މަސައްކަތްތަކަށް ސޮއި ހަމަކޮށް އީސީއަށް ހުށަހަަޅަން ޖެހޭނެ އެވެ. އެހެންކަމުން އެއީ އެކަމުގެ ލުއިތަކެއްވުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެއިތުރުން ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަނީ ޕާޓީ އުފެއްދުމަށް ހުށަހަޅާނީ ރައީސް ޔާމީން މިނިވަންވުމުންކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މީޑިއާތަކުން ތަކުރާރުކޮށް ސުވާލު ކުރި އެވެ. އެންމެ ފަހުން އޮތް ޕްރެސްގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވީ ރައީސް ޔާމީނަށް ނިހާއީ ހުކުމެއް ނީއްވާކަމަށާއި ޝަރުއީ ނިޒާމުގެ މިނިވަންކަން އެނގޭނީ ކޯޓުތަކުން ކަމަށެވެ. އަދި މި ސަރުކާރަކީ ކޯޓުތަކަށް އަތް ބާނައި، ވަކި ގޮތަކަށް ހުކުމްތައް ނެރެން އަންގާނެ ސަރުކާރެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 38%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: