ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުރޫބާންގެ އަމާޒު ”ގަލޮޅު އުތުރަށް މުޅިން އައު ތަސައްވުރެއް“ ގެނެސްދިނުމަށް

ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އަދި ގާނޫނީ ވަކީލު ނޫރުބާން ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅު އުތުރު ދާއިރާއަށް އައު ތަސައްވުރެއް ގެނެސްދީ، ރައްޔިތުންގެ ހައްގުގައި އިހުލާސްތެރި މަސައްކަތެއް ކުރުމުގެ އަޒުމުގައި މަޖިލީހުގެ އިންތިހާބަށް ޓިކެޓު ހޯދުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕިއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމެރީގައި ވާދަކުރެއްވުމަށް ގާނޫނީ ވަކީލު ނޫރުބާން ފަހުމީ ނިންމަވައިފި އެވެ.

އަންނަ އަހަރު ބާއްވާ މަޖިލީހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީ ޓިކެޓަށް ވާދަކުރުމުގެ ޕްރައިމެރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 23 ގައެވެ. މަޖިލިސް މެދުވެރިކޮށް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނިންމި ސަބަބެއްކަމަށް ނޫރުބާން ”ސަންގު“ އަށް ވިދާޅުވީ ގަލޮޅުގެ އެ ދާއިރާގައި މެމްބަރަކު ހުންނަވާތާ، 15 އަހަރުވެގެން ދިޔައިރު ވެސް އެއްވެސް ހެޔޮ ބަދަލެއް ފެންނާން ނެތުމެވެ. އަދި އޭގެ ބަދަލުގައި ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ގައުމު ވެއްޓި، އާއިލީ ވެރިކަމެއްގެ ނުވަތަ އެ ނުފޫޒު ކުރިއެރުވުމަށް މަސައްކަތް ކުރި މަންޒަރު ކަމަށެވެ. ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށް، ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ވަކާލާތުކޮށް އަޑުއުލާ މަންޒަރު ނުފެންނަ އިރު ނޫރުބާން ވިދާޅުވި ގޮތުގައި އޭނާ ބޭނުން ވަނީ މިހާރު މިއޮތް ހާލަތު ބަދަލުކޮށް ފުދުންތެރި ދިރިއުޅުމެއް ހޯދުމުގައި އެހީތެރިއަކަށްވެ، ދާއިރާގެ ހައްގުގައި މަސައްކަތް ކުރުމަށެވެ.

ނޫރުބާން ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނެވުނީ އެތައް ބަޔަކު ކުރި ބުރަ މަސައްކަތުންކަމަށާއި، އެކަމަކު އެ އަސްލާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ނަތީޖާއަކީ ބަލިކަށިވެފައިވާ ނިޒާމެއް އުފެދުން ކަމަށެވެ.

އެގޮތުން ނޫރުބާން ފާހަގަކުރެއްވި ބައެއް ކަންކަމަކީ:

  • ގަލޮޅުގެ ރައްޔިތަކު އެދާއިރާ ތަމްސީލުކުރައްވާތާ 15 އަހަރުވެއްޖެ
  • އެދާއިރާގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ވަރަށް ސާފުކޮށް  އެދާއިރާއަށް، އަދި ރައްޔިތުންނަށް 15 އަހަރުގެ ދިގުމުއްދަތުގައި ލިބިފައިވާ ކުރިއެރުން
  • އަޅުގަނޑަށް ފެންނަ ފެނުމުގައި، މިހާތަނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރުގެ ފަރާތުން ފެނިފައިވަނީ މުޅިންވެސް ސިޔާސީ ހަލަބޮލިކަން ގެނައުމަށް މަސައްކަތްކުރާތަން
  • ހިނގަމުންދާ މަޖިލިސްގައިވެސް، މުޅި މަޖިލިސް ހިސާރުކޮށްގެން މިފެންނަނީ، ހަމަ އެއިއްޒަތްތެރި މެންބަރު، އާއިލީ ވެރިކަމާ، އަމިއްލަ މަސްލަހަތާ، ވަކި ބައެއްގެ މަންފާއަށް ކެނޑިނޭޅި މަސައްކަތްކުރާތަން. ޤައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރާތަނެއް އެބޭފުޅުންގެ ފަރާތުން ނުފެނޭ
  • އަޅުގަނޑު މިދާއިރާއަށް ކުރިމަތިމިލީ، ގަލޮޅު އުތުރަށް މުޅިން އައު ތަސައްވުރެއް ގެނެސްދިނުމަށް. 30 އަހަރުގެ ވެރިކަން ބަދަލުކުރުމަށް އެންމެ ގަދަޔަށް ވަކާލާތު ކުރިފަރާތް ތަކުން، އާއިލީ ވެރިކަން ދަމަހަށްޓާ، ހަމައެކަނި ކެނަރީގޭގައި ވެރިކަން ދަމަހަށްޓާ، އުމުރުދުވަހު މަޖިލިސް ގޮނޑީގާއި ތިއްބަވަން ގަސްތުކުރީމާ، ރައްޔިތުން އެތައް މަސައްކަތުން ގެނައި ޑިމޮކްރަސީގެ ނިޒާމު ބަލިކަށިވެގެން ދިއުމުގެ މަލަމަތިކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ
  • އަޅުގަނޑު ކުރިމަތިމިލަނީ، އެދާއިރާގެ ރައްޔިތުންނާއި އަދި ޖުމްލަކޮށް މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ ހައްޤުގައި އިޚްލާސްތެރި ހިދުމަތެއް ކުރުމަށް

ގާނޫނީ ދާއިރާއާއި، ސިޔާސީ ދާއިރާއަށް ވެސް ގިނަ ހިދުމަތްތަކެއް ކުރެވި ނޫރުބާން އެންމެ ފުރަތަމަ ސިޔާސީ މަސައްކަތަކުން ފެނުނީ 2008 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމްގެ ރިޔާސީ ކެމްޕެއިނުންނެވެ. އޭގެ ފަހުން އެމްޑީޕީގައި ގާނޫނީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ.

ނޫރުބާނަކީ ގަނޫނީ ވަކީލުކަމާއި އެކު ކޯޕަރޭޓް ސާވިސްގެ އިސް މަގަމުތައް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން ނޫރުބާން ވަނީ ޔޫކޭގެ ޔުނިވާސިޓީ އޮފް ބްރިސްޓޮލް އިން 2011 ވަނަ އަހަރު ގާނޫނީ ދާއިރާ (އެލްއެލްބީ) އިން ޑިގްރީ ހާސިލްކުރައްވާފަ އެވެ. އަދި 2015 ވަނަ އަހަރު ސިންގަޕޫރުގެ ޗާޓާޑް އިންސްޓިޓިއުޓް ފޯ އާބިޓްރޭޓާސް އިން، އާބިޓްރޭޝަން ދާއިރާއިން އިންޓްރޮޑަކްޓަރީ ސެޓްފިކެޓް ހާސިލްކުރެއްވުމަށްފަހު، 2017 ވަނަ އަހަރު އޭނާ ވަނީ ޔުނިވާސިޓީ އޮފް ލަންޑަން އިން ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފަ އެވެ.

ވަކީލުންގެ މެދުގައި ނެގި ވޯޓު ކާމިޔާބުކޮށް، ނޫރުބާން ވަނީ ބަކައުންސިލްގެ މެމްބަރުކަން ވެސް އަދާކުރައްވާފައި

މީގެއިތުރުން ދިވެހިރާއްޖޭގޭ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޑިރެކްޓަރުންގެ ބޯޑުގައި ޕަރައިވެޓް ސެކްޓަރ ތަމްސީލްކުރާ ޑިރެކްޓަރެއްގެ ގޮތުގައި ވަނީ މަސައްކަތް ކުރެއްވި އެވެ.

ފާހަގަކޮށްލެވޭ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އަދި ވިމެން އޮން ބޯޑްސް ފަދަ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގައި ނޫރުބާން ޚިދުމަތްކޮށްފައިވެ އެވެ.

ތަޢުލީމީ ސަނަދުތަކަށް ބަލާއިރު، ނޫރުބާން ވަނީ 2017 ވަނަ އަހަރު، ސޮއާސް ޔުނިވަރިސީ އޮފް ލަންޑަން އިން މާސްޓަރސް އިން ޕަބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓް ފުރިހަމަކޮށްފައެވެ. އަދި 2011 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވާރސިޓީ އޮފް ބްރިސްޓަލް އިން އެލް.އެލްބީ (ލޯ ޑިގްރީ) ފުރިމަހަކޮށްފައެވެ. އަދި އެއަށް ފަހު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް ޑިރެކްޓަރެއްގެ މަގާމު އަދާކުރެއްވި އެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ލީގަލް ކައުންސެލްކަމާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބިޒްނަސް ލޯ ލެކްޗަރާއެއްގެ ގޮތުގައި ޕާޓްޓައިމްކޮށް މަސައްކަތް ކުރެއްވި އެވެ.

ނޫރުބާން މިވަގުތަނީ، “ނޫރުބާން އެންޑް ކޯ” ގެ ނަމުގައި އަމިއްލަ ލޯފާމެއް ވެސް ހިންގަމުންނެވެ.

ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޓިކެޓަށް ނޫރުބާން ވާދަކުރައްވާއިރު، ގިނަ ބަޔަކު ސުވާލު އުފައްދާނީ ވެސް އެ ސަބަބާއި ގުޅޭގޮތުންނެވެ. ނޫރުބާން ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ބަސް އިއްވައި ގޮތް ނިންމައި، ކުރިޔަށް ދާން ބޭނުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެކުކަމަށް ނިންމާފައިވާ ކަމަށެވެ.

ނޫރުބާން ވިދާޅުވީ ބޭނުން ވަނީ ރިޔާސީ ނިޒާމެއްގެ ތެރެއިން ރައްޔިތުން އިންތިހާބު ކުރި ރައީސަށް އެއްބާރުލުން ދީ، ރައްޔިތުންގެ ސަރުކާރު ނެގެހެއްޓުމުގައި މަސައްކަތްކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޒިންމާދާރުކަމާއި އެކު ސަރުކާރު ބާރުވެރި ކުރުވުމުގައި މަސައްކަތް ކުރުމަށް ކަމަށެވެ. ސަރުކާރު އިންތިހާބުވުމަށް ފަހު އެ ސަރުކާރާއި ދެކޮޅަށް އުނދަގޫ ކުރުމަށް ކުރާ މަސައްކަތާއި އެ ސަގާފަތާއި ދެކޮޅުކަން ހާމަކުރައްވައި ނޫރުބާން ވިދާޅުވީ ހެޔޮގޮތުގައި ހިންގުމަށް ރައީސަށް އެއްބާރުލުން ދިނުމަކީ އޭނާގެ ފަރުދީ ޒިންމާއެއްކަމަށް ގަބޫލު ކުރާކަމަށެވެ. އަދި ރައީސް މުއިއްޒުގެ ގައުމީ ތަރައްގީގެ އޮނިގަނޑު އެކުލަވާލާއި ހިންގުމުގައި ރައްޔިތުންގެ ލާބައަށް، ގާބިލިއްޔަތުން ގިނަކަންތަތައްތަކެއް ކޮށްދެވޭނެކަމުގެ ޔަގީންކަން އަމިއްލަ ނަފުސަށް އެބައޮތްކަމަށް ނޫރުބާން ވިދާޅުވި އެވެ.

މީގެއިތުރުން ނޫރުބާން ވިދާޅުވީ ވަކިން ހާއްސަކޮށް، އެހެން ރައީސުންނާއި ހިލާފަށް، ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި އަންހެނުން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ހިމެނިފައިވާތީ، އެކަމުގައި ކެރިގެން ނިކުމެ އަމަލީގޮތުން، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެނުންގެ ހައްގުގައި މަސައްކަތްކުރުމަށް ބޭނުންވާ ކަމަށެވެ. އަދި އޭނާގެ ނަޒަރުގައި ކެރޭ ގާބިލު، ތައުލީމީ އަންހެނުން ކުރީ ސަފަށް ނިކުމެ މަސައްކަތް ކުރުމަކީ އަންހެނުންނަށް ލިބިގެންދާނެ އިތުރު އުއްމީދަކާއި އިތުރު ހިތްވަރެއްކަން ފާހަގަކުރި އެވެ.

އަޅުގަނޑު އެދެނީ އަޅުގަނޑުގެ ފަރާތުން ހިތްވަރުލިބިގެން، ބާރުވެރި އަންހެން ލީޑަރުންތަކެއް ދުރުރާސްތާގައި އުފެދިގެން ދިއުން. ގަލޮޅު އުތުރުގެ ރައްޔިތުންގެ މަޖިލިސް ގޮނޑި ކާމިޔާބުވުމަކީ، އަންހެނުން ބާރުވެރިކުރުމަށް، އަޅުގަނޑަށްވެސް ހުޅިވެގެންދާނެ އިތުރު ދޮރެއްކަމަށް އަޅުގަނޑު ގަބޫލުކުރަން.

ގަލޮޅު އުތުރު ދާއިރާއަށް މުޅިން އައު ތަސައްވުރެއް ގެނައުމުގެ ވިސްނުން ހިއްސާ ކުރައްވައި ނޫރުބާން ވިދާޅުވީ ބޭނުން ވަނީ ރައްޔިތުންގެ އަޑު އިހުލާސްތެރިކަމާއި އެކު އިއްވުމަށް ކަމަށެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: