ޔޫކްރެއިންއަށް ޔޫރަޕިއަން ޔުނިއަނާއި ގުޅުމުގެ ފުރުސަތު ހުޅުުވާލުމަކީ އެ ގައުމަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއްކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ރަޝިއާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިން އަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާއިރު، އީޔޫއިންވަނީ އެ ގައުމަށް އެ ޖަމިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެހެންނަމަވެސް ހަންގެރީއިންވަނީ ޔޫކްރެއިންއަށް ދިނުމަށް ހަމެޖެހިފައިވާ މުހިންމު ފައިސާތަކެއް ދިނުމަށް ހުރަސް އަޅާނެކަމުގެ އިންޒާރުތައް ދީފައިކަަމަށްވެސް ބުނެފައިވެއެވެ.
ޒެލެންސްކީ ވަނީ ޔޫކްރެއިންއަށް ލިބިގެންދިޔަ ކާމިޔާބީއަކީ މުޅި ޔޫރަޕަށްވެސް ލިބިގެންދިޔަ ކާމިޔާބީއެއްކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން އެ ގައުމަށް ހިތްވަރު ލިބިފައިވާކަަމށް ބުނެފައިވެއެވެ. އީޔޫގެ ޗީފް އާސަލާ ވޮން ޑާރ ލެޔެން ވިދާޅުވީ، ޔޫކްރެއިންއަށް އެ ގައުމާއި ގުޅުމަށް ފުރުސަތު ދިނުމަށް ނިންމީ ގިނަ އަދަދެއްގެ ކަންކަމަށް ރިއާޔަތްކުރުމަށްފަހުކަމަށާއި އެކަމަކީ ތާރީހީ ކަމެއްކަމަށެވެ. އީޔޫއިންވަނީ ޔޫކްރެއިންގެ އިތުރުން މޮލްޑީވާ އަށްވެސް މެމްބަރުކަން ދިނުމުގެ މަޝްވަރާތައް ކުރުމަށް އެއްބަސްވެފައެވެ.
އެހެންނަމަވެސް އީޔޫއިން ޔޫކްރެއިންއަށް ފޯރުކޮށްދެމުންދާ އެހީއަށް ހުރަސް އަޅާފައިވާކަމަށް ރަޝިއާގެ ގާތް ބައިވެރިއެއްކަމަށްވާ ހަންގެރީގެ ބޮޑުވަޒީރު ވިކްޓާރ އޮރްބާން ވިދާޅުވުމާއިއެކު މާހައުލު ނުތަނަވަސްވެގެންދިޔަކަމަށްވެސް ބުނެފައިވެއެވެ. މީޑިއާތަކުން ބުނާގޮތުން ހުރަސް އަޅާފައިވާކަމަށް ބުނެފައިވަނީ ރަޝީއާ އާއި ކުރަމުންދާ ހަނގުރާމައިގައި ބޭނުންވާ 50 ބިލިއަން ޔޫރޯގެ ބަޖެކެވެ. އަދި އޮރްބާން މަސައްކަތްކުރައްވަމުން އައިސްފައިވަނީ ހަންގެރީ އަދި އީޔޫގެ މަސްލަހަތަށް މަސައްކަތްނުކުރާ ގައުމުތަކަށް މެމްބަރުނަށް ވުމުން ހުއްޓުވުމަށްކަމަށް ބުނެފައިވެއެވެ.

