ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ބޭނުމަށް މިހާރު ދެކޮޅު ހެދިޔަސް، މުސާރަ ބޮޑު ކުރަން މެމްބަރުން ތާއީދު ކުރި: އެމްޑީޕީ

އެމްޑީޕީ ޕާލިމަންޓު ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭހެން މުސާރަތައް ބޮޑު ކުރުމަށް ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޝްވަރާ ކުރެވި އެކަމަށް ބައިވެރިވި ހުރިހާ މެމްބަރުންގެ ވެސް އިއްތިފާގުވެގެންކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު އަދި ކެބިނެޓު ވަޒީރުންނާއި ދައުލަތުގެ އެހެނިހެން މަގާމުތަކުގެ މުސާރައަށް ބަދަލު ގެނައުމަށް މާލިއްޔަތު ކޮމިޓީން ފާސްކުރީ އިއްޔެގެ ބައްދަލުވުމުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކަމުގެ ޝަކުވާތައް އަބަދުވެސް ބޮޑެވެ. އަދި އެކަމުގެ ދިފާއުގައި ބައެއް ބޭފުޅުން ވާހަކަދައްކަވާއިރު އެއްލަކަ ރުފިޔާއަކީ އެންމެ ހައްގު އަދަދުތޯ އާއި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް އަދިވެސް ކުޑަކަން ފާހަގަކޮށްފަ އެވެ.

މައްސަލަ ގޮސްވެ، ބައެއް ސިޔާސީ ބޭފުޅުން ވެސް އެކަމުގައި ވާހަކަ ދައްކަވާފައި ވަނިކޮށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މިއީ އެމަނިކުފާނު ދެއްވި މަޝްވަރާއެއް ނޫންކަން ފާހަގަކުރައްވައި މުސާރަތައް ބޮޑުވުމަށް ތާއީދު ނުކުރާކަން ހާމަކުރައްވާފަ އެވެ.

ފާޑުކިއުންތަކާއި އެކު ބައެއް ސިޔާސީ އެހެން ޕާޓީތަކުން ވެސް ބަޔާންތައް އާންމުކޮށްފައި ވަނިކޮށް، މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ޕްރެސް ފައްޓަވަމުން އެންމެ ފުރަތަމަ ވެސް ވިދާޅުވީ ގިނަ ދުވަސްތަކެއް ވަންދެން ޖަލްސާތައް ކުރިޔަށް ނުގޮސް އޮތުމަށް ފަހު މުހިންމު މަސައްކަތްތަކެއް ފެށިގެން ކުރިޔަށް ދާކަމަށެވެ. އަދި މަޖިލިސް މެމްބަރުން ޗުއްޓީއަށް ދާނީ ވެސް ރައްޔިތުންނަށް ފައިދާ ހުރި މުހިންމު ނިންމުންތައް ނިންމައި، ބިލުތައް ފާސްކުރުމަށް ފަހުކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ރަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ މުސާރަ އެއްލަކައަށް ބޮޑު ކުރިކަމަށް ބުނެ ޝަކުވާތަކެއް ހުރިނަމަވެސް ހަގީގަތަކީ އެއީ ނޫންކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހަށް ކުރިމަތިލަނީ ރައްޔިތުންނާއި ދާއިރާއަށް ހިދުމަތް ކުރުމުގެ ބޭނުމުގައިކަމަށާއި ރަށް ދޫކޮށް އައިސް މާލޭގައި އުޅެން ޖެހެނީ ދަތި ހާލުގައި ކަމަށެވެ. އަދި އޭގެ އިތުރުން ދައިރާގެ ރައްޔިތުން ބޭނުންވާ ކަންކަމަށް އެހީދިނުމާއި، އަމިއްލަ ދާއިރާއަށް ދަތުރުކޮށް ކައިރިން ކަންކަން ބެލުމަކީ އެއީ ހަރަދު ބޮޑުކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ރަޝީދު ވިދާޅުވީ ޕޭ ހާމަނައިޒް ކުރުމަށް ކަނޑައެޅުނު ހާއްސަ ކޯޑަކަށް ދިރާސާ ކުރުމުގެ ތެރޭގައި 500 މިލިއަން ރުފިޔާ އެކަމަށް ހާއްސަ ކުރެވުނު ކަމަށެވެ. އަދި އެ ކޯޑަކީ ހަމައެކަނި މަޖިލީހުން މުސާރަ ބޮޑު ކުރާ ފަރާތްތަކަށް އެކަނި، ތަންފީޒުވާ ނިންމުމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރަޝީދު ވިދާޅުވީ މުސާރަތައް ބޮޑުކުރުމަށް ހަމަޖެއްސި ބަޖެޓުގެ ތެރެއިން 90 މިލިއަން ކަނޑައަޅަން ކޮމިޓީން ލަފާދީފައިވާ ކަމަށެވެ.

މުސާރައިގެ މައްސަލައިގައި އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވަނީ، މަޖިލީހުގެ މެމްބަރުންނަށެވެ. އެއްލަކަ ރުފިޔާ މުސާރައިގެ ގޮތުގައި ލިބުމަކީ އެއީ ހައްގު އަދަދުތޯ ގިނަ ބަޔަކު ސުވާލު އުފައްދާއިރު އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އެ ނިންމުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓު ނުދޭނެކަމަށް ބުނެފައި ވެއެވެ. އަދި ޑިމޮކްރެޓްސް ވެސް ވަނީ އެ ނިންމުމާއި ދެކޮޅަށް ތްރީލައިންވިޕެއް ނެރެފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައޮ ޕްރެސްގައި ރަޝީދު ވިދާޅުވީ ބައެއް ބޭފުޅުންގެ ވާހަކަތައް ހުރި ގޮތުން ދޭހަވަނީ މުސާރައިގެ ބަދަލު ހަމައެކަނި މަޖިލިސް މެމްބަރުންނަށް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު ފަނޑިޔާރުންނާއި، ދައުލަތުގެ އެހެން މަގާމުތަކުގެ މުސާރަ ވެސް ބޮޑުވާނެ ނޫންތޯ އޭނާ ސުވާލު ކުރި އެވެ.

ސިޔާސީ ޕާޓީތަކުން މި ނިންމުމަށް ދެކޮޅު ހަދާތީ، ރަޝީދު އިތުރަށް ވިދާޅުވީ މަޝްވަރާ ކުރެވުނު އިރު ހުރިހާ ބޭފުޅުންގެ ވެސް ވިންދު ހުރީ މަސައްކަތް ކުރިޔަށް ގެންދިއުމަށް ކަމަށެވެ. އަދި ހުރިހާ ބޭފުޅުން ވެސް އެކަމަށް އެއްބާރުލުން ދިންއިރު އޭގެ ތެރޭގައި ސަރުކާރުގެ ދެ މެމްބަރުން ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ. ރަޝީދު ވިދާޅުވީ އެފަދަ ބޭފުޅުންތައް، ނުވަތަ ކޮމިޓީގައި ތިއްބެވި ބޭފުޅުންނާއި އެބޭފުޅުންގެ ޕާޓީތަކުން ބަޔާންތައް އާންމު ކުރަނީ ސިޔާސީ ބޭނުމަކަށް ކަމަށެވެ.

ރަޝީދު ވިދާޅުވީ ބަޖެޓުގެ މަސައްކަތް ކުރިއިރު ވެސް އެކި ގޮތްގޮތުން އެ ހުށަހެޅުން ލިބުނުކަމަށާއި، މުސާރައިގެ ކުރިއެރުން ގެނައުމަށް ނިންމާފައި ވަނީ އެއަށް ބެލުމަށް ފަހުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: