ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރުންގެ މުސާރަތައް ބޮޑުކުރުމާއި ދެކޮޅަށް ޑިމޮކްރެޓްސްގެ ތްރީލައިން ވިޕެއް!

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް/ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭހެން ދައުލަތުގެ އިސް މަގާމުތަކުގެ މުސާރަތަކަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައި ދަ ޑިމޮކްރެޓްސްއިން ތްރީލައިން ވިޕެއް ނެރެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު އަދި ކެބިނެޓު ވަޒީރުންނާއި ދައުލަތުގެ އެހެނިހެން މަގާމުތަކުގެ މުސާރައަށް ބަދަލު ގެނައުމަށް މާލިއްޔަތު ކޮމިޓީން ފާސްކުރީ އިއްޔެގެ ބައްދަލުވުމުގަ އެވެ. އިއްޔެ ކުރިޔަށް ގެންދިޔަ މަޝްވަރާތަކުގެ ބައެއް ބައިތައް ސިއްރު ވެސް ކުރިއިރު ބޮޑަށް ހިޔާލުތަފާތުވީ މެމްބަރުންގެ މުސާރައާއި ހަމައިންނެވެ.

އެގޮތުން ކޮމިޓީގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވަނީ، މުސާރައިގެ ބަދަލަށް އަމަލު ކުރަން ފަށާނީ މި ދައުރަށް ތޯ ނުވަތަ އަލަށް އިންތިހާބުވާ ދައުރަށް ތޯ ސުވާލުކޮށްފަ އެވެ. އޭގެ ސަބަބަކީ އަމިއްލަ މުސާރަތަކަށް ބަދަލު ގެނެސް އެއްލަކަ ރުފިޔާ އެލަވަންސްތަކާއި އެކު ލިބޭ ގޮތަށް ފާސްކުރުން އެއީ ގޯސް ސަގާފަތެއްކަމަށް ބައެއް ބޭފުޅުން ފާހަގަކުރުމުންނެވެ.

މި ނިންމުމަށް ފާޑުކިއުން އަމާޒުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކަމުގައި ސަރުކާރުގެ އެއްވެސް ބަހެއް ހޯދާފައި ނުވާކަން ފާހަގަކޮށް މަޖިލީހުން ރިޕޯޓު ފާސްވާ ހާލަތެއްގައި މުސާރައަށް އިތުރުވާ ބައި އިޖްތިމާއީ ފަންޑަކަށް ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކަމުގެ ޝަކުވާތައް އަބަދުވެސް ބޮޑެވެ. އަދި އެކަމުގެ ދިފާއުގައި ބައެއް ބޭފުޅުން ވާހަކަދައްކަވާއިރު އެއްލަކަ ރުފިޔާއަކީ އެންމެ ހައްގު އަދަދުތޯ އާއި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް އަދިވެސް ކުޑަކަން ފާހަގަކޮށްފަ އެވެ.

މައްސަލަ ގޮސްވެ، ބައެއް ސިޔާސީ ބޭފުޅުން ވެސް އެކަމުގައި ވާހަކަ ދައްކަވާފައި ވަނިކޮށް މިއަދު ބަޔާނެއް އާންމުކޮށް ޑިމޮކްރެޓްސް ޕާޓީން ބުނީ ރާއްޖޭގެ އިގްތިސާދު ވަރަށް ނުރައްކާތެރި ހާލަތެއްގައިވާކަމަށާއި، ދައްކަން ޖެހޭ ދަރަނީގެ މިންވަރު އިންތިހާއަށް އިތުރު ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވް ދަށްވެ، ކަންބޮޑުވުންތަކެއް އެބަހުރިކަން ފާހަގަކޮށް ޑިމޮކްރެޓްސްގެ ބަޔާނުގައިބުނެފައި ވަނީ އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ދައުލަތުގެ ބަޖެޓުގެ ޑެފިސިޓް ފޫބައްދަން ފައިސާ ހޯދޭނެ ގޮތްތައް ކަށަވަރު ކުރެވިފައި ނުވާކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި، އާންމު މަސައްކަތްތެރިންނާއި ސިވިލް ސާވަންޓުންގެ މުސާރައާއި އުޖޫރަ ހަރަދުގެ ނިސްބަތުން ދަށްވެ އެކަމުގައި ކަންބޮޑުވުންތައް ހުއްޓައި ހުރިހާ ސިޔާސީ ފަރާތްތަކުގެ މުސާރަ އިތުރަށް ބޮޑުކުރުމަށް ކޮމިޓީށް ގަބޫލު ކުރެވުމަކީ ލަދުވެތިކަމެއްގެ ގޮތުގައި ބަޔާނުގައި ވެއެވެ.

މިއީ ޑިމޮކްރެޓްސް ޕާޓީއަށް ގަބޫލު ކުރެވޭ ކަމަކަށް ނުވާތީ، އެ ނިންމުން ބަލައިގަތުމަށް ބޭނުން ނުވާކަމަށް ބަޔާނުގައި ވެއެވެ. އެހެންވެ އެ ޕާޓީން ގޮވާލާފައި ވަނީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް މަޖިލީހާއި ކޮމިޓީތަކުގައި އެމްޑީޕީގެ އޮތް ނަމަވެސް ޒިންމާދާރުކަމާއި އެކު މަސައްކަތް ކުރުމަށެވެ. އަދި އެ މެޖޯރިޓީގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް އިލްތިމާސް ކުރި އެވެ.

މި މައްސަލައިގައި ޑިމޮކްރެޓްސް ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ. އެގޮތަށް ނިންމީ ދައުލަތުގެ އޮނިގަނޑުގެ ބިޔަކަމާއި މަޖިލިސް ބޮޑުވެ ބިޔަވަމުން ދާދިއުން ކޮންޓްރޯލުކޮށް މިހާރަށް ވުރެ ކުޑަ އަދި ހުރިހާ ރައްޔިތުންނާއި މުޅި ރާއްޖެ އިލްތިމާސްވާ މަޖިލީހެއް އުފެއްދުމަކީ އަބަދުވެސް ވަކާލާތު ކުރަމުން އައިގޮތްކަމަށް ވާތީކަމަށް އެ ޕާޓީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: