ސަރުކާރާއި ގުޅޭގޮތުން ހަބަރުތައް ގެންނަމުން އައި ދެ ވެބްސައިޓެއް ބްލޮކް ކުރުމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފާޑުވިދާޅުވެއްޖެ އެވެ.
”ދިޔަވަރު.ކޮމް“ އާއި ”ކުރުސީ.ކޮމް“ ގެ ނަމުގައި ހިންގަމުން އައި މި ދެ ވެބްސައިޓުން ޕޯސްޓު ކުރާ އެކި ހަބަރުތައް ސޯޝަލް މީޑިއާގެ އެކްސްގައި ވަރަށް ބޮޑަށް ދައުރުވެ އެވެ. ރައީސުލްޖުމްހޫރިއްޔާއަށާއި، ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުކިޔައި ބައެއް ތުހުމަތުތައް ވެސް އަމާޒު ކުރާ މި ދެ ވެބްސައިޓު ބްލޮކް ކުރިކަން މީޑިއާތަކުން ރިޕޯޓު ކުރީ ރޭގެ ވަގުތެއްގަ އެވެ.
މިއީ ހިޔާލުފަޅުކުރުމުގެ މިނިވަންކަމަށް އެޅި ހުރަހެއްކަމަށް ބުނެ، ފާޑުކިއުން އަމާޒުވާން ފެށުމުން ސަރުކާރުގެ ޗީފް ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އެއްވެސް އޮންލައިން މީޑިއާއެއް މި ސަރުކާރުން ބްލޮކް ނުކުރާނެ ކަމަށެވެ.
މި މައްސަލައިގައި ސިޔާސީ ޕާޓީތަކުން ވެސް ބަޔާންތައް ނެރެފައިވަނިކޮށް، ފައްޔާޒް ވިދާޅުވީ ދެ ވެބްސައިޓެއް ބްލޮކް ކުރުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއްކަމަށާއި މިއީ ގޯސް ސަގާފަތެއްގެ ފެށުމަށްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެނާ ވިދާޅުވީ ސަރުކާރުގެ އުނދަގޫތަކާއި ފިއްތުންތައް ހާމައަށް މިހާތަނަށް ނުފެނި އޮތީ ރައްޔިތުންގެ މަޖިލީހުގައި ކިރިޔާ ވެސް މަސައްކަތެއް ކުރެވޭ ވަރަށް މެމްބަރުން ނެތުމާއި މެޖޯރިޓީ ނެތުމުގެ ސަބަބުންކަން ޔަގީންވާ ކަމަށެވެ. އަދި ފެންނަ މަންޒަރުތަކުން، ކަންކަން ކުރިޔަށް އޮތްތަނުގައި ވަރަށް ބޮޑަށް ގޯސްވާނެކަމަށް ބެލެވޭކަމަށް ފައްޔާޒް ވިދާޅުވި އެވެ.
The blocking of news sites critical of @presidencymv is very alarming and concerning. It is now very clear and apparent that the only thing keeping incheck widespread tyranny is the lack of a gov majority in Parliament. The outlook is bleak and dangerous.
— Fayyaz Ismail (@faya_i) December 21, 2023
ސަރުކާރުތަކާއި ދެކޮޅަށް ފާޑުކިއުން އަމާޒު ކުރުމުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްތައް އަޅާކަން ކޮންމެ ސަރުކާރެއްގައި ވެސް ފާހަގަކުރެވެ އެވެ. އަދި ސަރުކާރުތަކާއި ގުޅޭގޮތުން ހަބަރުތައް ގެނައުމުގެ ގޮތުން، ރެޖިސްޓްރީ ނުކޮށް ވެބްސައިޓުތައް ހިންގުމަކީ އާންމުކަމެކެވެ.

