ސަރުކާރަށް ފާޑުކިޔާ ދެ ވެބް ސައިޓެއް ބްލޮކްކޮށްލާފައިވާތީ، އެކަމާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށައެޅުއްވީ މައި އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ފަރާތުން، ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝަފީގެވެ.
މި މައްސަލަ ހުށައަޅުއްވަމުން ޝަފީގް ވިދާޅުވީ މައްސަލަ ހުށައަޅަނީ މިކަމުގެ ސަބަބުން ހިޔާފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭތީއެވެ. ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތެއްގެ މަތިން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާކަން ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިކަން ކުރުމާއި މުވާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ ހައްގު ކޮންމެ މީހަކަށް ލިބިދީފައިވާކަމަށް ޝަފީގް ވިދާޅުވިއެވެ. އަދި އެ މީހަކަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ހިމެނޭކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ގާނޫނުއަސާސީއާއި ހިލާފުކަމެއްކަމަށް ޝަފީގް ފާހަގަކުރެއްވިއެވެ. މިއީ ޑިމޮކްރެސީގައި ފަހަތަށް އެޅޭ ފިޔަވަޅެއްކަމެއްކަމަށްވާތީ މިކަން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެފައިވާއިރު، މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން ވަނީ މިކަމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެމްޑީޕީގެ ވެރިކަމުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް އޮތްކަމަށް ވިދާޅުވެ އެމްޑީޕީގެ ވެރިކަން ރަނގަޅު ކުރައްވާފައެވެ.
މި މައްސަލައާއި ގުޅިގެން ސަރުކާރުން ބުނީ ރަޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް ނޫސް ވެބްސައިޓެއް ބްލޮކްކޮށްފައިނުވާނެކަމަށެވެ. ސަރުކާރުން އަންނަނީ މީޑިއާތައް ތަރައްގީކުރުމުގެ މަސައްކަތް ކުރައްވަމުންކަމަށާއި، އަދި މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން އަންކަމަށެވެ.


One Response
ކޮން ޑިމޮކޮރޮސީއެކޭ ކިޔާކަށް ތި ޑިމޮކޮރޮސީ މުޅި ރާއްޖެ ހަލާކު ކޮށްފި،