ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލުގެ ސުވާލެއް: މިއަދު ޝަރީއަތް ލަސްވުމާއި ހުކުމްވެސް އޯކޭ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓަކައި އާ ޕާަޓީއެއް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ، ޑރ.މުހައްމަދު ޖަމީލު އަހުމަދާއި މުހައްމަދު މަލީހު ޖަމާލް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ކުރެވިފައިވާ ހުކުމުން އެމަނިކުފާނު މިނިވަންކުރުމުގެ މަސައްކަތްތައް ލަސްވުމަށް ވަރިހަމަވެ، ހުކުމާއިމެދުވެސް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް އެއްބަސްވެވެނީތޯ ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ސުވާލު އުފައްދަވައިފިއެވެ.

ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތްތައް އިސްކަމެއްގެ ގޮތުގައި ކުރިއަށް ގެންދާނެކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރެއްގައި އެ މަސައްކަތްތައް އެކަށީގެންވާ މިންވަރެއްގައި ނުކުރެވޭކަމަށް ފާހަގަކޮށް ޖަމީލްވަނީ މި ފަހުން އެކި ފުރުސަތުތަކުގައި ސަރުކާރުގެ އިސް ވެރިންނަށް ފާޑުވިދާޅުވެފައެވެ.

އޭނާ ދާދި ފަހުން ކުރެއްވި އެކްސްއެއްގައި ވަނީ ރައީސް މުއިއްޒު އަދި ކެބިނެޓު މިނިސްޓަރުން ވެރިކަން ލިބިވަޑައިގެންނެވުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްކަވާފައިވާ ބައެއް ވާހަކަތަކުގެ ވީޑިއޯ ހިއްސާކުރައްވާފައެވެ. އެ ވީޑިއޯގައި ރައީސް މުއިއްޒު މިނިވަންކުރާނެކަމުގެ ވާހަކަތަކާއި އެމަނިކުފާނުގެ ޒައާމަތެއްގެ މުހިންމު ކަމުގެ އިތުރުން އެމަނިކުފާނުގެ ގާބިލިއްޔަތު ހުރި މިންވަރަށްވެސް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން އަލިއަޅުއްވާފައިވެއެވެ.

ޖަމީލު ވިދާޅުވީ، ރައީސް ޔާމީން އަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިތާ އަހަރު ދުވަސްވެފައިވާކަަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނަށް ކޮށްފައިވާ ހުކުމަކީ ހަރާން ހުކުމެއް ކަމަށާއި އެ ހުކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކުރުވި ހުކުމެއްކަމަށް ރައީސް މުއިއްޒު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންވެސް ވިދާޅުވިކަމަށެވެ. އަދި ކޯޓު ދޮށަށް ގޮސް އެކަމާއި ދެކޮޅަށް އިހުތިޖާޖުކުރުމުގައިވެސް ބައިވެރިވެވަޑައިގެންނެވިކަމަށް ފާހަަގަކުރެއްވިއެވެ.

އޭނާ ވަނީ މިއަދު ރައީސްކަމާއި ވަޒީރުކަން ލިބިފައިވާއިރު، މައްސަލަ ލަސްވުން އަދި ހުކުމްވެސް އޯކޭ ވީތޯ ރައީސް މުއިއްޒު ޝިޔާމް އާއި ޣައްސާން ޓެގް ކުރައްވާ ސުވާލު އުފައްދަވާފައެވެ. އަދި ގަމާއިމ މުސާރައާއި ފައިސާވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ ބައްޕަ ފަދަ ލީޑަރަށް މި މިންވަރަށް ފަހުގެ ތާރީހުގައި ބަޔަކު މީހުން ހިޔާނާތްތެރިވެފައިވޭތޯވެސް އޭނާ ސުވާލު ކުރެއްވިއެވެ.

ޖަމީލު ވިދާޅުވީ، ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިބީ ބޮޑެތި މަގާމުތަކުގެ ދަހިވެތިކަމުގައި ގެންގުޅެމުންދިޔަ އުސޫލުތަކާއި ހަމަތައް އަދި އަގީދާވެސް ދޫކޮށްލި ބައެއްކަމަށެވެ. އެހެންކަމުން އެފަދަ ބައެއްގެ ފަރާތުން ގައުމަށް ލިބިދާނެ ފައިދާއެއް އޮތްކަމާއިމެދުވެސް އޭނާ ސުވާލު އުފެއްދެވިއެވެ.

ރައީސް މުއިއްޒު އަދި ސަރުކާރުގެ އިސްވެރިން ދައްކަވަމުންދާ ބައެއް ވާހަކަތަކަށްވެސް ޖަމީލު ފާޑުވިދާޅުވިއެވެ. އެގޮތުން ގައުމިއްޔާތާއި ރީތި ދީނީ އަހުލާގާއި އިހުލާސްތެރިކަމުގެ ވާހަކަތައް ދައްކަމުންދާކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ އިސް ފަޑީގައި ތިބީ މަގާމާއި މުސާރައިގެ އަޅުންކަން ކަށަވަރުކުރުމަށެވެ. އެ މީހުންނަކީ އަހުލާގެ ނެތް ބައެއްކަމާއިމެދު ދެބަސް ނުވެވޭނެކަމަށްވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 30%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ރައީސް ޔާމީނަށް ވަގަށް ފުރަތަން ގޮވީ ޖަމީލް. ހުކުމް ޖެހީ ޖަމީލްގެ އެހީޔާއެކު ގެނައި ސަރުކާރުން، މިއަދު ހުކުމް ހަރާމް ކުރަނީވެސް ޖަމީލް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: