ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ.މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވަން ވަޑައިގަންނަވާނީ ރައީސް ޔާމީނާއިއެކު: ޑރ.ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވަން ވަޑައިގަންނަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ “އަތްޕުޅުގައި ހިތްޕަވައިގެން” ދެބޭފުޅުން އެކުގައި ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ.ޖަމީލް ވިދާޅުވީ ޑިފެންސް މިނިސްޓަރ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ރައީސް ޔާމިން މިނިވަން ނުވާނެއޭ ދެންނެވިއަސް، ރައީސް ޔާމީން މިނިވަން ވާނެކަމަށާއި އެކަން ކުރައްވާނެކަމުގައި ޑރ.ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންއަށް ކޮށްފައިވަނީ ހައްގު ދައުވާއެއް ނޫންކަމަށާއި، ކުރެވެނީ ހައްގު ޝަރީއަތެއް ވެސް ނޫންކަމަށާއި މިއީ ހައްގު އަދުލެއްވެސް ހައްގު އިންސާފެއްވެސް ނޫންކަމުގައި ވިދާޅުވިއެވެ.

“މުއިއްޒު ހުވާ ކުރައްވަން ވަޑައިގަންނަވާނީ ރައީސް ޔާމީންގެ އަތްޕުޅުގައި ހިތްޕަވައިގެން. އެކަން ކުރެވޭނެ. އެކަން ކުރަން ޖެހޭ. އެކަމުގެ ގާނޫނީ އަސާސް އެބައޮތް. މިއީ ހައްގު ދައުވާއެއް ނޫން. މިއީ ހައްގު ޝަރީއަތެއް ނޫން. މިއީ ހައްގު އަދުލެއް ނޫން. މިއީ ހައްގު އިންސާފެއް ނޫން.” ޖަމީލް ވިދާޅުވިއެވެ.

މިގައުމުގެ އުއްމީދަކީ އަކި މި ގައުމު މިދާ މިސްރާބަކީ ކޮބައިތޯއާއި މެދު ޑރ.ޖަމީލް ވަނީ ސުވާލް ކުރައްވާފައެވެ. އުއްމީދު އޮންނާނީ މިިވަންކަމަށްކަމަށާއި އުއްމީދު އޮންނާނީ އިސްތިގުލާލަށްކަމަށާއި އުއްމީދު އޮންނާނީ ސިޔާދަތަށްކަމަށް ވިދާޅުވިއެވެ. އެހެެން ނަމަވެސް މިއަދު ފެންނަ މަންޒަރަކީ ކޮންމެ މީހަކުވެސް ފަސޭހަ ގޮތް ބޭނުންވާކަމަށާއި، ވަޒީފާތައް ދީގެން ރައްޔިތުން ލައްވާ މަސައްކަތްތައް ނުކޮށް އެހެން ނަމަވެސް 25،000 ރުފިޔާގެ މުސާރައެއް ލިބޭކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އެއީ ޒުވާނުން ބިބާ ކުރެވުނީތޯ ޑރ.ޖަމީލް ސުވާކު ކުރެއްވިއެވެ. މުޅި ގައުމު އޮތީ ފޭކު ނިޒާމެއްގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ދީނީ ގިނަ ބޭފުޅުންނާއި ދޭތެރޭ ބޮޑެތި ޝަކުވާތައް އެބަ ހުރިކަން ޑރ.ޖަމީލް ވިދާޅުވިއެވެ. ރާއްޖޭގެ ގައުމިއްޔަތަކަކީ އިސްލާމްދީނާއި ދިވެހި ބަސްކަމަށް ވާއިރު، މި ދެ އަސާސް ރާއްޖޭގައި އޮންންނަ ޖެހޭ ކަން ފާހަގަކުރައްވާ ޑރ.ޖަމީލް ވިދާޅުވީ ރާއްޖޭގައި މި ހިނގާ ކަންކަން ދީނީ އިލްވެރިންނަށް ނުފެންނަ ކަމުގައި ވިދާޅުވިއެވެ.

“މާރިޔާ އިރު އިރުކޮޅާ އެބަ ވިދާޅުވޭ ޑރ.މުއިއްޒުގެ ވާހަކަ. ޕީޕީއެމްއަށް މިހެން ވާނެޔޭ އެހެން ވާނެޔޭ. އަޅުގަނޑަށް ފެނުން ތަނުގައި މާރިޔާ ވަރަށް ހާސްވި މި އަލަމްގިރީގެ ވާހަކަ ފެންމަތިވި ވަގުތު. ކޮންމެސް ސަބަބަކާއިގެން އޭނާ ހާސްވީ. އޭގެ ތަފްސީލްއަކަށް ދާކަށް ނެތިން. އެކަމު މިހުރިހާ ކަންތައްތަކެއް ހިނގާއިރު ބައްލަވާ އެބަތިއްބެވި ޝޭހުން ހަމަ އަދާލަތުގެ އިސްބޭފުޅުން ބޮޑެތި ތަގުރީރާއި މަޝްވަރާތައް ދެއްވާ ބޭފުޅުން ހަމަ އެބަ ވިދާޅުވޭ އިބޫއާއި އެކޮށް ވަޑައިގަންނަވާށޭ. މިޔޭ އިތް ރަނގަޅު ގޮތަކީ. ހަގީގީ ދީނީ އިލްމުވެރިން ކޮބައިތޯ؟ ޑރ.ޖަމީލް ވިދާޅުވިއެވެ.

ދރ.ޖަމީލް ވިދާޅުވި ގޮތުގައި ރައީސް ޞާލިހް ވެރިކަމުގައި ކުރެއްވީ އެންމެ ކަމެއްކަމަށާއި އެއީ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވޯޓް ދޭން ބޭނުންވެފައި ތިބި ރައްޔިތުންގެ ކިބައިން އެހައްގު ނިގުޅައި ގަތުން ކަމަށް ވިދާޅުވިއެވެ. ރައީސް ޞާލިހް ބޭނުންފުޅު ވެގެން އެހައްގު ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަން އެހީވީ ޝަރުއީ ދާއިރާ ކަމަށް ޖަމީލް ވިދާޅުވިއެވެ.

“އެކަމުގައި ރައީސް އިބްރަހިމްގެ ބައިވެރިޔަކަށްވީ ޝަރުއީ ދާއިރާ. ޝަރުއީ ދާއިރާއިން އެކަން ކޮށްދިނީ. ކިހިނެއް އަންނަން އޮތް ޖީލުތަކުގެ ކުރިމަތީގައި ބުނަނީ މިއީ ހަމަޖެހޭ ގައުމެކޭ؟” ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް ކުޑަކުދިންނާއި އަންހެނުންގެ އިއްފަތް ފޭރިގަންނަ މީހުން އެމްޑީޕީ ހަރުގެއަށް ވަދެ ލަވައެއް ކިޔާލުމުން މިނިވަންވާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކުރާ މީހުން ރައީސް ސޯލިހްގެ ކުރިމަތީގައި ކެމްޕޭން ލަވައަކަށް ނަށާލުމުން މިނިވަންވާކަމަށް ޖަމީލް ވިދާޅުވިއެވެ. އުފާވެރި އާމާން ރާއްޖެއަކީ މިއީތޯ ޑރ.ޖަމީލް ސުވާލުކުރެއްވިއެވެ.

ޑރ.ޖަމީލް ވަނީ “އަބުރުފުޅު ޤާނޫނު އުވާލިން” ކަމަށް ވިދާޅުވެ ރައީސް ޞާލިހް ކެމްޕޭން ކުރައްވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. ޑރ.ޖަމީލް ވިދާޅުވީ އަބުރުފުޅު ގާނޫނު އުވާލިއިރު މިހާރު އޮތީ ރިޔާސީ ގަރާރުފުޅެއް ކަމަށެވެ.

ޖަމީލް އިޝާރާތް ކުރެއްވީ އިންޑިއާ އައުޓް ކިޔުން ހުއްޓުވަން ރައީސް ޞާލިހް ނެރުއްވާފައިވާ ރިޔާސީ ގަރާރަށެވެ.

“އަބުރުފުޅުގެ ގާނޫނު އުވާލިއިރު ރިޔާސީ ޤަރާރުފުޅަކުން އެއޮތީ ހުރިހާ ހައްގެއް ހިފަހައްޓާފައި. ސްޓެލްކޯގެ ކޮންސަލްޓެންޓަކަށް އައްޔަން ކޮށްފައި ހުރި ސޫޒަންގެ މުސާރަ ސިއްރު. ބޭބެ ކޮންސަލްޓެންޓަކަށް އައްޔަންކޮށް މުސާރަ ސިއްރު، ޤަތަރަށް ކުރި ދަތުރުގެ ޚަރަދުތައް ސިއްރު.” ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް މިހާރު އެމްޑީޕީން ވެސް ގަބޫލު ކުރާ ކަމަށެވެ.

“މިއަދު ހަވީރު އަޅުގަނޑާއި ބައްދަލުވި އެމްޑީޕީ މެންބަރަކު ބުނީ ތިމަންނަމެން މިހާރު ގަބޫލުކުރަމޭ ޕީޕީއެމް އިން މިކަން ކާމިޔާބުކޮށްފިއޭ. މިވާހަކަ މިގޮތައް އަޑުއިވުމުން ވަރަށް ފުން އިހްސާސްތަކެއް ކުރެވުނު. އެއީ ހަގީގަތުގައި ތިބޭފުޅުން ނިކުމެވަޑައިގަތީ ވަކި ސަބަބަކަށްޓަކައި، ވަކި ޖޯޝެއްގައި، ވަކި އަޒުމެއްގައި، ވަކި ނިޔަތެއްގައި، ތިބޭފުޅުން ނިކުމެވަޑައިގަތީ ރައީސް ޔާމީން މިނިވަން ކުރަން.” ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީގެ ވާހަކައިގައި ފުވައްމުލަކަކީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް މިއަދު ދިމާވެފައި މިވާ ހިތާމަވެރިކަން އިސްތިގްލާލް ސިޔާދަތު މިނިވަންކަން މިކަން ހިމާޔަތްކުރުމުގައި މިކަން ގެނެސްދިނުމުގައި މިކަން ޔަޤީންކުރުމުގައި މިކަން ކަށަވަރުކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއް ކޮށްދިން ފަސްގަނޑެއްކަމުގައި ވިދާޅުވިއެވެ. މިއީ ރައީސް އިބްރާހިމް ނާސިރުގެ ފަސްގަނޑުކަން ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އެމަސައްކަތް ފުވައްމުލަކުން އަދިވެސް ކުރިއަށް ގެންދަވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: